އިންކުއަރީ ރިޕޯޓުގެ ފެންވަރު ދަށް، މަގްސަދު ހާސިލް ވެފައެއް ނެތް: ކާނަލް ފަޔާޒު

ކާނަލް އަހުމަދު ފަޔާޒް އަލީ ރިޒާ --- ސަން ފޮޓޯ: ފަޔާޒް މޫސާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެކުލަވާލި ޕާލިމަންޓްރީ އިންކުއަރީ ރިޕޯޓަކީ ވަރަށް ފެންވަރު ދަށް ރިޕޯޓެއް ކަމަށާއި އެ ރިޕޯޓުގެ މަގްސަދުވެސް ހާސިލުވެފައި ނުވާކަމަށް އެމްއެންޑީއެފްގެ ކުރީގެ ކާނަލް އަހުމަދު ފަޔާޒް އަލީ ރިޒާ ވިދާޅުވެެއްޖެއެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމީޓީން އެކުލަވާލި ރިޕޯޓު އާންމުކުރީ މިދިޔަ ހުކުރު ދުވަހުއެވެ.

ރިޕޯޓާ ބެހޭގޮތުން މިއަދު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ފަޔާޒް ވިދާޅުވީ، 241 ކޮމެޓީން ތައްޔާރު ކޮށް ނެރުނު ރިޕޯޓް ބަލާލުމުން އެއްޗެއް ސާފުވުމަށް ވުރެބޮޑަށް އުފެދުނީ ސުވާލުތަކެއް ކަމަށެވެ.

އެގޮތުން އެ ރިޕޯޓަކީ ވަރަށް ފެންވަރު ދަށް ރިޕޯޓެއް ކަަމަށް ފަޔާޒް ވިދާޅުވިއެވެ.

"މިރިޕޯޓްގެ މައިގަޑު މަގްސަދެއް ކަމުގައި ވަނީ އެހާދިސާ ހިނގިގޮތުގެ އަސްލު ހޯދުން ކަމަށް ވީ އިރު ރިޕޯޓް ނިމުނުއިރުވެސް އެކަން ފާހަގަ ކުރެވިފައެއް ނެތެވެ." ފަޔާޒް ވިދާޅުވިއެވެ.

ސެކިއުރިޓީގެ ގޮތުން ނުކޮށް ދޫކޮށްލާފައިވާ އެއްވެސް ކަމެެއް ރިޕޯޓުގައި ފާހަގަ ކޮއްފައި ނެތުމުން އެ ރިޕޯޓްގެ މަގްސަދު ހާސިލް ނުވާކަން ފަޔާޒް ވަނީ ފާހަގަކުރައްވާފައެވެ.

"މިސާލަކަށް. ގޮވާއެއްޗަކުން ހަމާލައެއް ދީފާނެ ކަމުގެ އިންޓެލިޖެސް ލިބިފައި ވާއިރު އެމަގު ބަލާ ފާސް ނުކުރުން، އަދި ނަޝީދުގެ ސެކިއުރިޓީ ޓީމްގައި ޖޭމަރު ވެހިކަލް އެއް ބާއްވާފައި ނެތުން،" ކާނަލް ފަޔާޒު ވިދާޅުވިއެވެ.

ރައީސް ނަޝީދުހާ ސެކިއުރިޓީ ހައި ބޭފުޅެއްގެ ސެކިއުރިޓީ ޓީމްގައި ދެމީހުން ތިބުމާއި، ހިންގަވާފައި ވަޑައިގެންނެވި އިރު އާންމުންގެ މީހަކު އެ ސެކިއުރިޓީ ޒޯންތެރޭ ހުރިކަން ފާހަގަކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ ރިޕޯޓްގައި ޑިފެންސް މިނިސްޓަރު އޭނާގެ ވަޒީފާގެ މަސްއޫލިޔަތު އަދާ ނުކުރެވި ވަރަށް ޒިންމާދާރުކަން ކުޑަ ޖަވާބު ދެއްވާފައި ވާއިރު، ރިކޮމެންޑޭޝަންގައި އޭނާ އެމަގާމަށް އެކަށީގެން ނުވާކަންވެސް ލިޔެލަން ނުކެރުނުކަން ފަޔާޒު ވަނީ ފާހަގަކުރައްވާފައެވެ.

https://sun.mv/154075

"އެމްއެންޑީއެފްގެ ޗީފް މަޖްލިސްއަށް ދެއްވާފައި ވަނީ އާދައިގެ ސިފައިންގެ މީހަކުވެސް ނުދޭ ފެންވަރުގެ ޖަވާބުކަން ރިޕޯޓް ކިޔާލުމުން ދޭހަވެއެވެ. އަދި އަޅުގަޑުގެ ނަޒަރުގައި ކޮމެޓީގެ ރިޕޯޓްގައި އޭނާ މަގާމުން ވަކިކުރަން ރިކޮމަންޑް ކުރަން ޖެހޭކަމުގައި ދެކެމެވެ." ފަޔާޒް ވިދާޅުވިއެވެ.

އޭގެ އިތުރުން ރައީސް ނަޝީދު އަވަހާރަކޮށްލަން ތިން މިލިއަން ޑޮލަރު ހުށަހެޅި ކަމަށް އެމްޑީޕީން ބުނެފައިވާއިރު، މަޖިލީހުގެ އިންކުއަރީ ރިޕޯޓުގައި އެކަމުގެ ވާހަކަ ދައްކާފައި ނެތުމުން އެ ވާހަކައަކީ ހަގީގަތެއް ނެތް ވާހަކައެއްކަމަށް ގަބޫލު ކުރެވޭ ކަމަށް ފަޔާޒް ވިދާޅުވިއެވެ.

https://sun.mv/153807

ފަޔާޒު ވިދާޅުވީ ތަފްސީލުކޮށް ރިޕޯޓުގައި ހުރި ކުށްތައް ފާހަގަކޮށްފި ނަމަ މިއަށްވުރެ ވެސް ގިނަ ކަންކަން ފާހަަގަވެގެންދާނެ ކަމަށެވެ.

މަޖިލީހުން އެކުލަވާލި ރިޕޯޓުގެ ފެންވަރު ދަށްކަމަށް ފަޔާޒް ވިދާޅުވެފައި ވާއިރު، އެ ރިޕޯޓަކީ ވަރަށް ފުރިހަމަ ރިޕޯޓެއް ކަމަށް މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް