ރައީސް ނަޝީދު އަވަހާރަ ކޮށްލަން ހުށަހެޅީ ތިން މިލިއަން ޑޮލަރު: އިލްޔާސް

ރައީސް ނަޝީދު އޭޑީކޭ ހޮސްޕިޓަލްގެ ސިއްހީ ޚިދުމަތްތެރިންނާ އެކު ---

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާ އަކީ ތިން މިލިއަން ޑޮލަރުގެ "ޓާސްކެއް" ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް "މޭ ހައެއް" ކޮމިޓީގެ މުގައްރިރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވެއްޖެ އެވެ.

ވޭތުވެދިޔަ ހަފްތާގައި "މޭ ހައެއް" ކޮމެޓީން ކޮށްފައިވާ މަސައްކަތުގެ ތަފުސީލް އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރުންނާ ހިއްސާ ކުރުމަށް މިރޭ ބޭއްވި ބައްދަލުވުމުގައި އަފީފު ވިދާޅުވީ މޭ މަހުގެ ތިން ވަނަ ދުވަހުގެ ރޭ މެމްބަރު އިލްޔާސް ލަބީބު އާ ބައްދަލު ކުރަން ބޭނުންވާ ކަމަށްބުނެ އޭނާގެ ރައްޓެއްސެއް ފޯނުން ގުޅި ކަމަށެވެ.

އަފީފް ވިދާޅުވީ އެއީ ވަރަށް މުހިއްމު ކޯލެއް ކަމަށް ބުނުމުން އެރޭ 11:30 ހާއިރު އިޔާސް އޭނާ ބައްދަލު ކުރި ކަމަށެވެ.

"ބައްދަލުކުރީމަ އޭނާ ބުނީ ރައީސް ނަޝީދު އަވަހާރަ ކޮށްލުމަށް ތިން މިލިއަން ޑޮލަރުގެ ޓާސްކެއް ދީފި ކަމަށް. އަދި މިހާރު ހިނގަމުން ދަނީ އެޑްވާންސް ޕޭމެންޓް ދިނުމުގެ ކަންތައްތައް ކަމަށް،" އަފީފު ވިދާޅުވިއެވެ.

އަފީފު ވިދާޅުވީ މި ހަމަލާ ދޭން ރާވާފައިވާ ގޮތަކީ ކޮބައިތޯ އެކުވެރިޔާ ގާތު އިލްޔާސް ސުވާލުކުރި ކަމަށެވެ.

"މި މައްސަލައިގަ އެކަންތައް ކުރިއަށް ގެންދަން ރާވާފަ އޮތް ގޮތަކީ ހަރުކަށި ފިކުރުގެ މީހުން "ބްރެއިން ވޮޝް" ކޮށް އެމީހުން ލައްވާ އެކަން ކުރުވުން ކަމަށް، އެކަން ކުރުވަން އުޅޭ ފަރާތުން ބުނި ކަމަށް އޭނާ މައުލޫމާތު ދިން ފަރާތުން ބުނި ކަމަށް،" އަފީފު ވިދާޅުވިއެވެ.

އިލްޔާސަށް މި މައުލޫމާތު ލިބުމުން ރައީސް ނަޝީދު ދިރިއުޅުއްވާ ގެއަށް ވަޑައިގެން އެވާހަކަ ދެންނެވުމުން، ޑިފެންސް މިނިސްޓާ މާރިޔާ އަށް އެ މައުލޫމާތު އެރުވުމަށް ނަޝީދު ވިދާޅުވި ކަމަށް އަފީފް ވިދާޅުވި އެވެ.

"ދެން މޭ ހަތަރު ވަނަ ދުވަހު ހެނދުނު ހަތެއް ޖެހިއިރު މާރިޔާ އަށް ގުޅުއްވާފަ އޮތް ކަމާ ދެން އިލްޔާސް ގުޅުއްވާފަ މާރިޔާއަށް މިވާހަކަ ދެންނެވި. ދެން މާރިޔާ ވިދާޅުވީ ނަޝީދުގެ ސެކިއުރިޓީ ލެވެލް ހުރީ އެންމެ މަތީގައި ކަމަށް،" އަފީފު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ފުރާނަފުޅު ދުއްވާލަން ބަޔަކު ރާވައިގެން ދިން ނުރައްކާތެރި ޓެރެރިސްޓު ހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާ ތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް މިހާރު ވަޑައިގެން ހުންނެވީ ޖަރުމަނު ވިލާތުގައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މިދިޔަ މަހުގެ ހަވަނަ ދުވަހު ޓެރަރިސްޓު ހަމަލާއެއް ދީފައިވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގެ ކޮޅު ކަމުގައިވާ ގ. ކެނެރީގޭ ކައިރީގައި ހުރި ސައިކަލެއްގައި ހަރުކޮށްފައިހުރި އީއައިޑީއެއް ގޮއްވާލައިގެންނެވެ.

comment ކޮމެންޓް