މާރިޔާ ޒިންމާ އަދާކޮށްފައެއް ނެތް: ރިޕޯޓް

ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާއެއްދޭން އުޅޭކަން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއަށް އެނގިހުރެ އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން އެކުލަވާލި އިންކުއަރީ ރިޕޯޓްގައި ބުނެފި އެވެ.

އިންކުއަރީއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު މާރިޔާ ވިދާޅުވެފައި ވަނީ، ހަމަލާގެ މައުލޫމާތާއި، އެކަމަށް ފައިސާ ހަރަދު ކޮށްފައިވާ ކަމުގެ މައުލޫމާތު, ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ދެއްވުމުން، އެކަން ފުލުހުންނަށް ރިޕޯޓްކުރަން އިލްޔާސް އަރިހު އެދިވަޑައިގެންނެވި ކަމަށެވެ.

އެ ރިޕޯޓްގައި ވާގޮތުން، ރައީސް ނަޝީދު އަވަހާރަ ކޮށްލަން ބަޔަކު ތިން މިލިއަން ޑޮލަރު ހަރަދު ކޮށްފައިވާކަމާއި އެމަނިކުފާނަށް ހަމަލާ ދޭން އުޅޭކަމުގެ މައުލޫމާތު، ފޯނުން ގުޅުއްވައި އިލްޔާސް ލަބީބު ވަނީ މާރިޔާއާ ހިއްސާ ކުރައްވާފައި ވެއެވެ.

އެ މައުލޫމާތާ ގުޅިގެން އަމިއްލަފުޅަށް ފިޔަވަޅު އެޅުއްވުމުގެ ބަދަލުގައި، އެކަން ފުލުހުންނަށް ރިޕޯޓް ކުރުމަށް އިލްޔާސް އަރިހު އެދިވަޑައިގަތީ ކަމަށް އެ ރިޕޯޓުގައިވެ އެވެ.

އެ މައްސަލަ އަމިއްލަފުޅަށް ފުލުސް އޮފީހާ ހިއްސާ ނުކުރި ސަބަބު އިންކުއަރީއަށް މާރިޔާ ވަނީ ކިޔައިދެއްވާފަ އެވެ. އެކަމަނާ ވިދާޅުވި ގޮތުގައި އިލްޔާސްގެ ފަރާތުން އައީ ފޯން ކޯލެއް ކަމަށް ވާތީ އާއި، މައުލޫމާތެއް ކަމަށް ދެކިވަޑައި ނުގަންނަވާތީ، އެކަން ފުލުސް އޮފީހާ ހިއްސާ ނުކުރެއްވީ އެވެ.

"ހުޅުދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރުގެ ފަރާތުން އަޅުގަނޑަށް ލިބުނީ ފޯނު ކޯލެއް. މައުލޫމާތެއް ނޫން. އެއީ މައުލޫމާތެއް ކަމަށް އަޅުގަނޑު ބަލަނީ، މީހެއްގެ ނަމެއް ނުވަތަ ފޮލޯކުރެވޭނެ ކޮންމެވެސް ގޮތެއް އަޅުގަނޑަށް ފޯރުކޮށްދެއްވި ކަމަށް ވަންޏާ،" މާރިޔާ ވިދާޅުވި އެވެ.

މީގެ އިތުރުން މާރިޔާ ވިދާޅުވީ، އޭރުވެސް ރައީސް ނަޝީދުގެ ސެކިއުރިޓީ އޮތީ "އެންހޭންސް" ކޮށްފައި ކަމަށާއި، އޭރުވެސް އެންމެ މަތީގެ ސެކިއުރިޓީ ދީފައި އޮތުމުން، އިތުރަށް ކުރެވޭނެ ކަމެއް އޮތް ކަމަށް ދެކެވަޑައި ނުގެންނެވީ ކަމަށެވެ.

އިންކުއަރީ ރިޕޯޓްގައި ބުނެފައި ވަނީ، މިނިސްޓަރު މާރިޔާއަށް އެފަދަ މައުލޫމާތެއް ލިބުމުން، އެކަން ކަމާބެހޭ އިދާރާތަކާ ހިއްސާ ނުކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށެވެ.

އަދި އެފަދަ ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ނަމަ، އެކަމަށް ސަމާލުވަށްޓަކައި ފިޔަވަޅުތަކެއް އެޅި، ކަންތައްތަކެއް ކުރެވުނީސް ކަމަށް އިންކުއަރީއަށް މައުލޫމާތުދިން ފުލުހުން ބުނެފައިވެ އެވެ.

comment ކޮމެންޓް