ނަފުރަތު މަނާކުރާ ބިލު އަނބުރައި ޖުޑިޝަރީ ކޮމިޓީއަށް

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ -- ފޮޓޯ/ މަޖިލިސް

ނަފުރަތުގެ އަމަލު ބަޔާންކޮށް، ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު, އެ ބިލު ދިރާސާކުރި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވުމަށް މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފިއެވެ.

އެ ބިލު ދިރާސާކޮށް ޖުޑީޝަރީ ކޮމިޓީން ގެނައި އިސްލާހުތަކާ އެކު މިއަދު މަޖިލީހުގެ ޖަލްސާއަށް ވަނީ ހުށަހަޅާފައެވެ. އަދި ބިލު ފާސްކުރުމަށް ވޯޓަށް އެހުމަށްވެސް މިއަދު އޮތީ އެޖެންޑާ ކޮށްފައެވެ.

އެ ކޮމިޓީ ރިޕޯޓަށް ބަހުސް ކުރަމުން ދިޔަ އިރު އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ވަނީ އެ ބިލު ސްޕޮންސާކޮށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅައިދިން ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހިސާން ހުސައިނަށް ނުރައްކަލާއި އިންޒާރު ކުރިމަތިވަމުންދާ ކަމަށާއި ހިސާންގެ ދިފާއުގައި ސަރުކާރުން ބަހެއް ނުބުނާކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

https://sun.mv/154066

ނަމަވެސް ބިލު ފާސްކުރުމަށް ވޯޓަށް ނާހާ، ބިލު އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން ނިންމާފައިވާ ކަަމަށް މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސާ އީވާ އަބްދުﷲ ވިދާޅުވިއެވެ.

އެ ބިލު ޖުޑިޝަރީ ކޮމިޓީއަށް އަލުން ފޮނުވާލުމަށް މިއަދު މަޖިލީހުގެ ތަޅުމުން ނިންމީ 39 މެމްބަރުންގެ ވޯޓުންނެވެ. ތިން މެމްބަރަކު ދެކޮޅަށް ވޯޓު ދެއްވި އިރު ވަކި ގޮތަކަށް ވޯޓުދޭން ބޭނުން ނުވާކަމަށް ދެ މެމްބަރަކު ވޯޓު ދެއްވިއެވެ.

ބިލު ކޮމިޓީއަށް ފޮނުވުމަށް ހުށަހެޅީ އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއެވެ. ތާއީދުކުރެއްވީ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދެވެ.

ޖުޑީޝަރީ ކޮމިޓީން ނިންމާފައިވާ ގޮތުގައި ވާގޮތުން އާންމު ތަނެއްގައި، ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ، އިސްލާމްދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތުކުރުން، ނުވަތަ، އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފުރަތު އުފެއްދުން، ނުވަތަ، އާންމު ތަނެއްގައި، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން، ނުވަތަ އާންމު ތަނެއްގައި، މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތުކުރުމަކީ ނަފުރަތުގެ އަމަލު ހިންގުމެވެ. އަދި އެފަދަ އަމަލެއް ހިންގުމަކީ ކުށެކެވެ.

ތަކްފީރީ އަމަލާއި، މީހެއްގެ ނަސްލާ، އުފަންވީ ގައުމާ، ކުލަޔާ، ސިޔާސީ ވިސްނުމާ، ދީނާ ގުޅުވައިގެން ހިންގާ އަމަލުތަކާ ގުޅިގެން ކޮމިޓީން ނިންމި ރިޕޯޓުގައި ބުނެފައިވަނީ ދީނީ އިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވާ މައްސަލައެއްގައި، އޭގެ ތެރެއިން ވަކި ރައުޔެއްގައިވާ ގޮތަށް މީހަކު ފާޅުކުރި ޝުއުރަކުން، ނުވަތަ ކުރި އަމަލަކުން، އެމީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ އިދިކޮޅު މީހެއްކަމަށް ނުވަތަ އެފަދަ މާނައިގައި އާންމު ތަނެއްގައި، ސިފަކުރުން ނުވަތަ ތުހުމަތުކުރުމަކީ ކުށެކެވެ.

އެގޮތުން މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުވަތަ ބަހެއް ގަސްތުގައި ފާޅުނުކުރާހާ ހިނދަކު، ނުވަތަ ގަސްތުގައި ފާޅުގައި ދީނުން ބޭރުވެ މުރުތައްދުނުވާހާ ހިނދަކު، އާންމު ތަނެއްގައި، އެމީހަކީ ކާފަރެއްގެ ގޮތުގައި ނުވަތަ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ތުހުމަތުކުރުން ނުވަތަ ސިފަކުރުން ނުވަތަ އެފަދައިން ތުހުމަތުކުރުމުގައި ނުވަތަ ސިފަކުރުމުގައި ބައިވެރިވުމަކީ ކުށެކެވެ.

އެ އިސްލާހު ބިލުގައި ހިމަނާފައިވާ މައިގަނޑު ސަބަބު ކަމުގައި އިޖްތިމާއީ ކޮމިޓީން ބުނެފައިވަނީ އެއްވެސް މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ މީހެއްކަމަށް ތުހުމަތުކުރުމުން ނުވަތަ ސިފަކުރުމުން، ނުވަތަ އެއްވެސް މީހަކީ ކާފަރެއްގެ ގޮތުގައި ނުވަތަ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރުމުން ނުވަތަ ތުހުމަތުކުރުމުން އެ އަމަލު ޖިނާއީ ކުށަކަށްވާނެ ހާލަތްތައް ތަފްސީލުކޮށްދިނުމުގެ ގޮތުން ކަމަށެެވެ.

ކޮމިޓީން ބިލަށް ހުށަހަޅާފައިވާ ދެވަނަ އިސްލާހަކީ ކުރިން ބަޔާންކުރި ފަދަ ނަފުރަތުގެ އަމަލެއް ހިންގުމާއެކު، މީހަކާ ދެކޮޅަށް އަނިޔާވެރިވުމަށް ގޮވާލުން ނުވަތަ އެފަދަ އަމަލަކަށް ހިތްވަރުދިނުން ނުވަތަ ބައިވެރިވުމަކީ ކުށެއް ކަމަށެެވެ. އަދި ނަފްރަތުގެ އަމަލެއް ހިންގުމާއެކު މީހަކަށް އަނިޔާއެއް ދިނުން ނުވަތަ އަނިޔާއެއް ދިނުމުގައި ބައިވެރިވުން ނުވަތަ އަނިޔާއެއް ދިނުމަށް ރޭވުން، ނުވަތަ މީހެއްގެ ސިޔާސީ ވިސްނުމަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ ދިނުމުގައި ބައިވެރިވުން ނުވަތަ ދިނުމަށް ރޭވުމަކީ ކުށެއް ކަމަށްވެސް ކޮމިޓީން ވަނީ ނިންމާފައެވެ.

އޭގެ އިތުރުން ނަފުރަތުގެ އަމަލެއް ހިންގުމާއެކު މީހަކާ ދެކޮޅަށް އަނިޔާވެރިވުމަށް ގޮވާލުން، ނުވަތަ މީހަކަށް އަނިޔާއެއް ދިނުމަކީވެސް ކުށެކެވެ.

"ކުފުރުގެ އަމަލު" ނުވަތަ "ކުފުރުގެ ބަސް" ކަމަށް ބުނެފައި އެވަނީ، ދީނީ އިލްމުވެރިންގެ މެދުގައި، އެއީ ކުފުރުގެ އަމަލެއް ނުވަތަ ކުފުރުގެ ބަހެއް ކަމާމެދު ހިލާފެއް ނެތް އަމަލަށާއި ބަހަށް ކަމަށް ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވެއެވެ.

"އާންމު ތަނެއް" ކަމަށް ބުނެފައި އެވަނީ، އާންމުން ހިނގާބިނގައިވާ ތަންތަނާއި، އެތަނަކަށް އާންމުން އައިސް އަދި އެނބުރި ގޮސް އުޅޭ ތަންތަނާއި، އާންމުން މަޑުކޮށްލައިގެން ތިބެވޭ ގޮތަށް ނުވަތަ އެކި ބޭނުންތަކުގައި އެއްވެ އުޅެވޭ ގޮތަށް ހުންނަ ތަންތަނާއި، ކަނޑައެޅިފައިވާ އަގެއް ދައްކައިގެން ނުވަތަ ދައުވަތެއް ދީގެން ނުވަތަ އެނޫންވެސް ގޮތަކުން އާންމުންނަށް ވަދެވޭގޮތަށް ނުވަތަ ބައިވެރިވެވޭގޮތަށް ހުންނަ ތަންތަނާއި، ރޭޑިއޯ، ޓެލެވިޒަން ނުވަތަ އިންޓަނެޓާއި ޓެކްނޮލޮޖީ މެދުވެރިކޮށް އާންމުކޮށް މައުލޫމާތު ފޯރުކޮށްދޭ ނުވަތަ އާންމުންނަށް ބައިވެރިވެވޭ ފޯރަމްތަކާއި، ހަބަރާއި މައުލޫމާތު އާންމުކުރާ އެހެނިހެން ވަސީލަތްތަށް ކަމަށް ކޮމިޓީން ވަނީ ނިންމާފައެވެ.

comment ކޮމެންޓް