ނަފްރަތުގެ ބިލް ދިފާއު ނުކުރާތީ އެމްޑީޕީ މެމްބަރުން ރައީސް ސޯލިހަށް ފާޑުކިޔައިފި

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން: ނަފްރަތުގެ އަމަލުތަކަކީ ކުށެއް ކަމަށް ކަނޑައަޅަން ސަރުކާރުގެ ފަރާތުން ގާނޫނުލް އުގޫބާތަށް އިސްލާހު ހުށަހެޅުއްވީ ހިސާނު --- ފޮޓޯ/ މަޖިލިސް

ނަފުރަތުގެ އަމަލު ކަނޑައަޅައި ގާނޫނުލްއުގޫބާތައް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލު ސަރުކާރުން ދިފާއު ނުކުރާތީ އެމްޑީޕީ ބައެއް މެންބަރުންގެ ފާޑުކިޔުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް އަމާޒުވެއްޖެއެވެ.

މުސްލިމަކާ ދިމާއަށް ކާފަރެކޭ ނުކިޔޭ ގޮތައް، ނަފުރަތުގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އެވެ.

އެ ބިލު ސަރުކާރުން ދިފާއު ނުކޮށް ހިސާން ހުށަހެޅި ބިލުގެ ނަމުގައި ހަބަރު ފަތުރަމުން ދާތީ އެމްޑީޕީގެ ބައެއް މެންބަރުން ވަނީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.

މިއަދު މަޖިލީހުގެ ރިޔާސަތުގައި އިންނެވި ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ނަފުރަތުގެ ބިލު ހުށަހެޅީ ސަރުކާރުގެ ފަރާތުން ކަމަށާއި އެ ބިލް ހުށަހެޅުމަށް ފަހު އިތުރު އިސްލާހު ފޮނުވީވެސް ސަރުކާރުގެ ފަރާތުން ކަމަށެވެ.

"މި ބިލު މި ތަޅުމަށް ލައިގެން ވޭތުވި ދޮޅު މަހެއްހާ ދުވަހު ހާސިލްވީ އެންމެ މަގުސަދެއް. އެއީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ނުރައްކަލާއި މަރުގެ ތުންފަތް މައްޗަށްލުން އެކަނި. ސަރުކާރުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައި ސަރުކާރުގެ އެޓާނީ ޖެނެރަލް ފިޔަވާ އެންމެ ބޭފުޅަކުވެސް ތުޅާދޫ ދާއިރާގެ މެންބަރު އެވަރަށް މަރަން މަރަން މަރަން، ލާދީނީ ލާދީނީ ލާދީނީ، ގޮވި އިރު އެންމެ ބޭފުޅަކުވެސް ތުޅާދޫ ދާއިރަގެ މެންބަރު ހިސާން ހުސައިން ދިފާއުކޮށް ނުދެއްވާ." އިވާ ވިދާޅުވިއެވެ.

ހިސާން މަޖިލީހަށް ބިލު ހުށަހެޅުއްވީއްސުރެ އުޅެންޖެހުނީ ވަށައިގެން ބޮޑީގާޑުން ލައިގެން ކަން ފާހަގަކުރައްވައި އީވާ ވިދާޅުވީ ހިސާންގެ އަމިއްލަ ގެކޮޅުގެ އެއް ފްލޯއިން އަނެއް ފްލޯއަށް ވެސް ސިފައިންނާއި ނުލައި ނުދެވޭ ކަމަށެވެ.

"އެކަމަކު އެއީ ސަރުކާރުން ބިލެއް ހުށަހަޅުއްވާފަ، އެއްގޮތަކަށްވެސް އެވަރަށް އެކަމަނާއަށް ލާދީނީއަށް، މަރަން ގޮވި އިރު އެންމެ ބޭފުޅަކުވެސް އެޓާނީ ޖެނެރަލް ފިޔަވާ ދިފާއު ނުކޮށްދެއްވި،" އީވާ ވިދާޅުވިއެވެ.

އީވާގެ އިތުރުން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދާއި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވެސް ވަނީ ނަފުރަތުގެ ބިލަށް "ހިސާންގެ ބިލު" ކިޔާ އިރު، ސަރުކާރުން އެ ބިލު ދިފާއު ނުކުރާތީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އެގޮތުން ނަފުރަތުގެ ބިލުގެ ސަބަބުން އެމްޑީޕީގެ މެންބަރުންގެ ފުރާނައަށް ނުރައްކާވިކަން ފާހަގަކޮށް، ހިތްވަރު ނެތްނަމަ އެފަދަ ކަންކަމާ ކުރިމަތި ނުލުމަށް ރައީސް ސޯލިހަށް ވަނީ ގޮވާލާފައެވެ.

"ސަރުކާރުން މި ބިލު ފޮނުވާފަ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހަވަރަށް ދޭ އުސޫލުން ކަންތައްކުރީމަ އެކަން ކުށްވެރިކުރަން އަޅުގަނޑު. ރައީސުލްޖުމްހޫރިއްޔާ އަށް ދަންނަވާލަން ހިތްވަރު ނެތިއްޔާ ނުކުރާނީ މިކަހަލަ ކަންކަން. ހަމަ ނެއްޓިލާފަ، ހިސާނުގެ ބިލު. ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން މި ބިލަށް ހިސާންގެ ބިލު. އިސްލާމުދީނަށް ތައުހީނުކުރުން މަނާކުރާ ބިލު ވީމަ ސަރުކާރުގެ ބިލު. މި ފާޑަށް ކަންތައް ނުކުރާށޭ،" ވަހީދު ވިދާޅުވިއެވެ.

އޭގެ އިތުރުން ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލު ފޮނުވައި ސަރުކާތުގެ ފަރާތުން އެ ބިލު ދިފާއު ނުކޮށް ސަރުކާރުގެ ކޯލިޝަންގައި ތިބި އެކިއެކި ލީޑަރުން ކުރިއަށް ނެރެގެން ބިލުގެ ދިފާއުގައި ވާހަކަދައްކާ އެންމެން މަރަށް ހުށަހެޅި ކަމަށް މީކާއިލްވެސް ވަނީ ވިދާޅުވެފައެވެ.

ނަފުރަތުގެ ބިލާ މެދު ގިނަ ހިޔާލު ތަފާތުވުންތަކެއް ހުރި އިރު، ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންނާއި އާންމު ރައްޔިތުންވެސް ވަނީ އެ ބިލާ ދެކޮޅަށް އަޑު އުފުލާފައެވެ. އަދި އެ ބިލަކީ ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލެއް ނަމަވެސް އެމްޑީޕީ ފިޔަވައި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމް އާއި އަދާލަތު ޕާޓީގެ އިތުރުން ޖުމްހޫރީ ޕާޓީ އިން ވެސް ވަނީ ބިލަށް ތާއީދު ނުކުރާ ކަމަށް ބުނެފައެވެ.

comment ކޮމެންޓް