އެންމެ ތުއްތުއިރުން ފެށިގެން ނަމާދު ކުރާ މަންޒަރު ގޭތެރެއިން ކުޑަކުދިންނަށް ފެންނަ ނަމަ، އެކުދިން ނަމާދަށް އަހުލުވެރި ވާނޭކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
ދަރިން ނަމާދަށް އަހުލުވެރި ކުރުވުމާ ގުޅިގެން މިއަދުކީ ހުކުރު ޚުތުބާގައި ބުނީ، ތުއްތު އިރުން ފެށިގެން ކުދިން ނަމާދަށް އަހުލުވެރި ކުރުވުމަކީ މައިންބަފައިންގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމަށެވެ. އެގޮތުން ތުއްތުއިރު ގޭތެރެއިން ނަމާދު ކުރާ މަންޒަރު ކުދިންނަށް ފެންނަ ނަމަ، ފުރަތަމަ ނަމާދުގެ ހަރަކާތްތައް ކުދިން ދަސްކުރާނެ ކަމަށް ޚުތުބާގައި ބުންޏެވެ. އެއަށްފަހު ބަސްމޮށުންތެރިކަން އައުމުން ނަމާދުގައި ކިޔާ ތަކެތި ދަސްކުރަން ކުދިން މަސައްކަތް ކުރާނެ ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ، ބަންގި ގޮވާ އަޑު އިވުމުން "ދަރިފުޅާ، ނަމާދަށް ދާށޭ" ބުނުމުގެ ބަދަލުގައި ދަރިފުޅާއެކު ނަމާދު ކުރާ ބައެއް ކަމުގައި ބެލެނިވެރިން ވާންޖެހޭ ކަމަށެވެ. އަދި ބަންގި ގޮވުމުން އެންމެ މުހިންމު ކަމެއް ދޭންޖެހޭނީ ވެސް ނަމާދަށް ކަމަށް ޚުތުބާގައި ބުންޏެވެ. އަދި މިސްކިތަށާއި ނަމާދަށް ކުދިންގެ ހިތްތަކުގައި ލޯބި ޖެއްސުމަކީ ބެލެނިވެރިން ސަމާލުވެ ކުރަން ޖެހޭ ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.
"މިސްކިތުގެ އަދަބުތައް އެކުދިންނަށް ދަސްކޮށްދިނުމާއި، ސަފުގައި ހުއްޓި ހުންނަންވާ ގޮތް ކުދިންނަށް ކިޔައިދިނުމަކީ، މިސްކިތުގެ ޖަމާއަތަށް ހާޒިރުވާ ބޮޑެތި މީހުންގެ ފަރާތުން ލިބިދޭންޖެހޭ އިރުޝާދެއް." ޚުތުބާގައި ބުންޏެވެ.
ނަމާދަށް އަހުލުވެރި ބަޔަކަށް ދަރީން ހެދުމަށް އަމަލީ ގޮތުން މަސައްކަތް ކުރުމުގެ އިތުރުން ދަރިންނަށް ހެޔޮ ދުޢާކޮށް، އެ ދުޢާތައް ދަސްކޮށްދިނުމަށް މިއަދުގެ ޚުތުބާގައި ވަނީ ނަސޭހަތްތެރި ވެފައެވެ.
ކުދިން ނަމާދަށް އަހުލުވެރި ކުރުވުމަށް މުދައްރިސުންނަށް ވެސް ޚުތުބާގައި ވަނީ ގޮވާލާފައެވެ. އެގޮތުން ސްކޫލުގައި ނަގައިދޭ ފިލާވަޅުތަކަކީ ހަމައެކަނި އުނގަންނައިދޭ އެއްޗަކަށް ނަހަދާ، ދަރިވަރުންނަށް ނަމޫނާ ދައްކާ ބަޔަކު ކަމުގައި މުދައްރިސުން ވުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.
"ނަމާދު ކުރުމުގެ މުހިންމުކަން ކުދިންނަށް ކިޔައިދޭއިރު މުދައްރިސުންގެ ފަރާތުން އެ ނަމޫނާ ފެނުމަކީ ކުދިން ވެސް ނަމޫނާތަކަށް ސަމާލުވާނޭ ސަބަބެކެވެ،" ޚުތުބާގައި ބުންޏެވެ.
ނަމާދަކީ އުމުރުން ދުވަސްވީ މީހުންނާއި ހަނގުރާމައިގެ މައިދާނުގައި އުޅޭ މީހާ ވެސް ކުރަން އަންގަވާފައިވާ އަޅުކަމެއްކަން ޚުތުބާގައި ވަނީ ފާހަގަ ކޮށްފައެވެ.