ރާއްޖޭގެ ވެރިކަން ލިބިއްޖެނަމަ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބަލާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އުމަރު ނަސީރު ވަނީ މީގެ ކުރިން ހާމަކުރައްވާފައެވެ.
"ސީއެންއެމް"ގެ ޕްރޮގުރާމެއްގައި ވާހަކަދައްކަވަމުން އުމަރު ނަަސީރު ވިދާޅުވީ އޭރު ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގެ ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ބޭއްވި ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ފުރަތަަމަ ބައްދަލުވުމުގައިވެސް އިންޑިއާގެ ތަކެތި އަނބުރާ ފޮނުވާލުމަށް ނިންމި ކަމަށެވެ.
އެގޮތުން އޭރު ރާއްޖޭގައި ތިބި އިންޑިއާގެ 64 ސިފައިން ރާއްޖެއިން ބޭލުމަށް ހުއްޓާނުލައި ޑިޕްލޮމެޓިކް ޗެނަލްގެ ތެރެއިން މަސައްކަތް ކުރައްވަމުން ގެންދިޔަ ކަމަށް އުމަރު ވިދާޅުވިއެވެ. ނަމަވެސް އޭރު ރައީސް ޔާމީންގެ ސަރުކާރުން އެންގުމުން ވެސް އިންޑިއާ ސިފައިން ރާއްޖެއިން ނުފޭބިކަން އުމަރު ފާހަގަކުރެއްވިއެވެ.
އުމަރު ވިދާޅުވީ މާދަމާ ސަރުކާރާ ހަވާލުވިޔަސް، އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމުގެ މަސައްކަތް ކުރާނެކަމަށެވެ. "އެހެންވީމަ އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑު އަތަށް ރައީސްކަން ދޭށޭ. އަޅުގަނޑު ބާލާނަމޭ." އުމަރު ވިދާޅުވިއެވެ.
ނަމަވެސް 2018 ގެ ފަހުން އެކަން ވާގޮތް ނުވީ އިދިކޮޅުގައި އޮތް އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ އެންމެ އެކަށީގެންވާ އެއްބާރުލުން އެކަމަށް ނުލިބުމުގެ ސަބަބުން ކަމަށާއި، އޭރު އެމީހުންގެ ފޯކަސް އޮތީ ރައީސް ޔާމީން މިނިވަން ކުރުމަށް ކަމަށް އުމަރު ވިދާޅުވިއެވެ. އަދި އިދިކޮޅުގައި އޮތް އެންމެން ގުޅިގެން މަސައްކަތް ކުރި ނަމަ އިންޑިއާ ސިފައިން ބޭލުނީސް ކަަމަށް އުމަރު ވިދާޅުވިއެވެ.
"މީކީ ހަގީގަތުގަ އެހާ ބޮޑު ކަމެއް ނޫން އެނގޭތޯ ކުރާކަށް. އަޅުގަނޑުމެން ނަޝީދުގެ ވެރިކަންވެސް ނިންމީ ދެއްތޯ ހަަމަ މަގުމައްޗަށް ނުކުމެގެން. އެހެންވީމާ ކީއްވެގެންތޯ އިންޑިއާ ސިފައިން އަޅުގަނޑުމެންނަށް ފޮނުވާ ނުލެވެންވީ މަގުމައްޗަށް ނުކުމެގެން. އެކަން ވާނެ." އުމަރު ވިދާޅުވިއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ނުބޭލުނީ ޕީޕީއެމްގެ އެއްބާރުލުން ނުލިބިގެން ކަމަށް އުމަރު ވިދާޅުވެފައި ވާއިރު، މިހާރު އިދިކޮޅު ކޯލިޝަނުން ދަނީ "އިންޑިއާ އައުޓް" ނަމުގައި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިހުތިޖާޖު ކުރަމުންނެވެ.
އޭގެ އިތުރުން މިހާރު ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރުމަށްވެސް ރައީސް ސޯލިހުގެ ސަރުކާރުން ވަނީ ދެކޮޅު ހައްދަވާފައެވެ. އަދި އިންޑިއާއާ ދޭތެރޭ ނަފުރަތު އުފެދޭ ގޮތައް މީޑިއާތަކުގައި ހަބަރު ނުފެތުރުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.