ނަފްރަތުގެ ބިލާ އެމްއާރުއެމް އިން ވެސް ދެކޮޅު

ނޮވެމްބަރ 23، 2019: މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުފެއްދުމަށް ބޭއްވި ޖަލްސާގެ ނިމުން ފާހަގަކުރުމަށް ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް ހޯލުގައި ބޭއްވި ޖަލްސާގެ ތެރެއިން: މި ޖަލްސާގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ބައިވެރިވެ ވަޑައިގެންނެވި -- ސަން ފަޔާޒު މޫސާ

ނަފްރަތުގެ އަމަލު ބަޔާންކޮށް، ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް ތާއީދު ނުކުރާ ކަމަށް ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނެފިއެވެ.

ގިނަ ދީނީ އިލްމުވެރިންނާއި ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި އެ ބިލު މިހާރު އޮތީ މަޖިލީހުގެ ކޮމިޓީ މަރުހަލާގައި އެވެ.

އެ ބިލާ ގުޅޭގޮތުން އެމްއާރުއެމް އިން މިރޭ ބުނީ ނަފްރަތުގެ އަމަލަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތައް މިހާރު ހުށަހަޅާފައިވާ އިސްލާހުތަކަށް ތާއީދު ނުކުރެވޭ ކަމަށް އެ ޕާޓީގެ އެކްސްކޯ އިން ނިންމާފައިވާ ކަމަށެވެ. އަދި އެ ބިލުގައި ހުރި ކަންބޮޑުވުންތައް ސަރުކާރާ ހިއްސާކުރުމަށް ނިންމާފައިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

ގާނޫނުލްއުގޫބާތަށް 124 ވަނަ މާއްދާގެ މާއްދާއެއް އިތުރު ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އެވެ. އެއީ ނަފްރަތުގެ އަމަލެއް ހިންގުން ކުށަކަށް ހަދަން އިތުރުކުރާ މާއްދާއެއް ކަމަށް ބުނެފައިވެ އެވެ. ނަފްރަތުގެ އަމަލުތަކުގެ ގޮތުގައި ގިނަ ކަންތައްތަކެއް ބިލުގައި ވަނީ ހިމަނާފަ އެވެ.

https://sun.mv/152890

އާންމުތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގެ މީހަކާމެދު ނަފްރަތު އުފެއްދުމާއި އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން ނުވަތަ އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ހަދަން ވަނީ ހިމަނާފަ އެވެ. ބިލުގައި ބުނެފައި ވަނީ އެއީ ޖުނަހުގެ އެއް ވަނަ ދަރައިގެ ކުށެއް ކަމަށެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ މި ބިލަށް އެމްއާރުއެމްގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ދެ ޕާޓީ ކަމުގައިވާ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީންވެސް ވަނީ ދެކޮޅު ހަދާފައެވެ. އަދި އެ ބިލު ފާސް ނުކުރުމަށް މޯލްޑިވްސް ޑިވަލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން ވެސް ވަނީ ގޮވާލާފައެވެ.

އެ ބިލާ ދެކޮޅަށް 101 އިލްމުވެރިން ސޮއިކޮށް މިދިޔަ މަހު ވަނީ ރައީސުލްޖުމްހޫރިއްޔާ އަށް ޕެޓިޝަނެއްވެސް ހުށަހަޅާފައެވެ. ގިނަ ބައެއްގެ ފާޑު ކިޔުމާއެކު އެ ބިލަށް ވަނީ އިސްލާހުތަކެއް ހުށަހަޅާފައެވެ.

އިތުރަށް ވިދާޅުވުމަށް

comment ކޮމެންޓް