އިސްލާމްދީނާ ދެކޮޅަށް ހިންގާ ނަފުރަތުގެ އަމަލުތައް ވެސް ބިލުގައި ހިމަނަން ލަފާ ދީފި

އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު --

ނަފްރަތުގެ އަމަލު ބަޔާންކޮށް، ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި އިސްލާމްދީނާ ދެކޮޅަށް ހިންގާ ނަފުރަތުގެ އަމަލުތައް ވެސް ހިމެނުމަށް އިސްލާމިކް މިނިސްޓްރީއިން ރައްޔިތުންގެ މަޖިލީހަށް ލަފާ ދީފި އެވެ.

އެ ބިލު ދިރާސާކުރަމުން އަންނަނީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގަ އެވެ. ކޮމިޓީން ނިންމާފައި ވަނީ އިސްލާމިކް މިނިސްޓްރީ އާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުންނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ފަރާތުން އެ ބިލަށް ހިޔާލު ހޯދުމަށެވެ.

ބިލަށް ހިޔާލު ހުށަހަޅަން އެ ފަރާތްތަކަށް ވަގުތު ދިނީ އިއްޔެއާ ހަމައަށެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިނިސްޓްރީގެ ރައުޔު މިހާރު މަޖިލީހަށް ހުށަހަޅާފައިވާނެ ކަމަށެވެ.

ރައުޔު ހުށަހެޅީ، އެ ބިލު ފާސްވެގެން އަންނަ އިރު ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތަށް ބުރޫ އަރާ، ރާއްޖޭގައި އިސްލާމްދީނުގެ ދައުވަތު ފުޅާކުރުމަށް ހީނަރުކަމެއް ނާންނާނެ ގޮތަކަށް ފަރުމާ ކުރުމަށް ބައެއް ދީނީ އިލްމުވެރިންނާއި ގާނޫނީ ވަކީލުންނާ މަޝްވަރާކުރުމަށް ފަހު ކަމަށް ބަޔާނުގައިވެ އެވެ.

އެ މަޝްވަރާތަކުގެ މައްޗަށް ބިނާކޮށް، މިނިސްޓްރީގެ ފަރާތުން މަޖިލީހަށް ފޮނުވި ރައުޔު ބިނާކޮށްފައި ވާނީ ތިން ކަމެއްގެ މައްޗަށް ކަމަށް ބަޔާނުގައި ވެއެވެ. އެއީ:

  • އިސްލާމްދީނުގެ ނަމުގައި މީހުންގެ އަބުރާއި މުދަލާއި ފުރާނައަށް ގެއްލުން ލިބުމަށް މަގުފަހިވާ ފަދަ ކުށްތައް މަނާކުރުން
  • އިސްލާމްދީނުގެ ދައުވަތު ފެތުރުމާއި ހެޔޮކަންކަމަށް ގޮވާލުމާއި ނުބައިކަންކަން ނަހީކުރުމުގެ މަތިވެރި ވާޖިބަށް ހުރަސް އެޅިދާފަދަ މާއްދާތައް އިސްލާހުކުރުން
  • އިސްލާމްދީނާ ދެކޮޅަށް ހިންގާ ނަފުރަތުގެ އަމަލުތައް ބިލުގައި ހިމެނުން

މިނިސްޓްރީން ބުނީ އިސްލާމް ދީނާ ދެކޮޅަށް ހިންގާ ނަފުރަތުގެ އަމަލުތައް އިތުރުވަމުން އަންނަ ދުވަސްވަރެއްގައި، ނަފުރަތުގެ ކުށް ބަޔާންކޮށް ގާނޫނެއް ވުޖޫދު ކުރާއިރު، އިސްލާމް ދީނާ ދެކޮޅަށް ހިންގާ ނަފުރަތުގެ އަމަލުތައް އެ ބިލުގައި ހިމެނުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށެވެ.

ހަމައެއާއެކު، އިސްލާމްދީނާއި މުސްލިމުންނާއި ދެކޮޅަށް އަދި އިންސާނިއްޔަތާ ދެކޮޅަށް ބައެއް ގައުމުތަކުން ނުވަތަ ޖަމިއްޔާތަކުން ބޮޑެތި ޖަރީމާތައް ހިންގާއިރު، އެކަމާ ދެކޮޅަށް މުސްލިމުންނާއި ޣައިރު މުސްލިމުންވެސް ހިމެނެ ގޮތަށް ހިންގާ ސުލްހަވެރި ހަރަކާތްތަކަކީ ބައިނަލްއަގުވާމީ ގޮތުން ވެސް ބަލައިގަނެވޭ ކަންތައްތައް ކަމަށާއި، އެހެންކަމުން އެފަދަ ކަންކަން ޖިނާއީ ކުށެއްގެ ގޮތުގައި މާނަކުރެވިދާނެތީ އެފަދަ ބައެއް ލަފްޒުތަކަށް ވެސް ރައުޔުގައި ރިއާޔަތްކޮށްފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ މުޖުތަމައުގެ ފަރުދުންގެ މެދުގައި ނަފުރަތާއި ރުޅިވެރިކަން އުފެއްދުމާއި، ތިމާއާއި ދެބަސްވާ ކޮންމެ މުސްލިމަކު ކާފަރުކުރުމާއި، އިސްލާމްދީނުގެ އިލްމުވެރިންނާއި އެނޫން ވެސް މުސްލިމުންގެ ބޮލުގައި ދޮގު އިލްޒާމް އެޅުވުމާއި އެކި ބާވަތުގެ ވާދަވެރިކަމުގައި ފިތުނަ ފަސާދަ އާއި ނަފުރަތުގެ އަމަލުތައް ހިންގުމަކީ އިސްލާމްދީން މަނާކުރާ ކަންތައްތައް ކަމަށެވެ. އަދި އެފަދަ އެއްވެސް ކަމަކަށް މިނިސްޓްރީން ތަރުހީބު ވެސް ނުދޭނެ ކަމަށް ބަޔާނުގައިވެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އިސްލާމް ދީނާ ގުޅުންހުރި މިފަދަ މުހިންމު ބިލެއް ފާސްކުރާއިރު، މަޖިލީހުން އެ މިނިސްޓްރީގެ ރައުޔު އޮޅުންފިލުވުމަކީ މަޖިލީހުން ކުރި ރަނގަޅު ކަމެއް ކަމުގައި ދެކޭ ކަމަށެވެ. އަދި ބިލު ފާސްވެގެން އަންނަ އިރު ދީނީ އިލްމުވެރިންގެ ލަފަޔަށް ބިނާކޮށް މިނިސްޓްރީން ހުށަހެޅު ރައުޔުގައި ހުރި ކަންތައްތަކަށް ރިއާޔަތްކޮށް، އެ އިސްލާހުތައް ހިމަނާނެ ކަމާށް އުންމީދުކުރާ ކަމަށް ވެސް ބުންޏެވެ.

ގާނޫނުލްއުގޫބާތަށް 124 ވަނަ މާއްދާގެ މާއްދާއެއް އިތުރު ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އެވެ. އެއީ ނަފްރަތުގެ އަމަލެއް ހިންގުން ކުށަކަށް ހަދަން އިތުރުކުރާ މާއްދާއެއް ކަމަށް ބުނެފައިވެ އެވެ. ނަފްރަތުގެ އަމަލުތަކުގެ ގޮތުގައި ގިނަ ކަންތައްތަކެއް ބިލުގައި ވަނީ ހިމަނާފަ އެވެ.

އެ ބިލާ ގުޅިގެން ވަނީ ހިޔާލުތަފާތުވުން އުފެދިފަ އެވެ. އެ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް ގިނަ ދީނީ އިލްމުވެރިން އަންނަނީ ވާހަކަދައްކަމުންނެވެ. އަދި އިދިކޮޅު މެމްބަރުންނާއި އެހެން ބައެއް މެމްބަރުން ވެސް ބުނަމުން އަންނަނީ ނަފުރަތުގެ އަމަލު ކުށަކަށް ހެދުމަށް ތާއީދުކުރާ ކަމަށާއި، ނަމަވެސް މިހާރު ބިލު އޮތް ގޮތް ކަމުނުދާ ކަމަށެވެ.

އާންމުތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގެ މީހަކާމެދު ނަފްރަތު އުފެއްދުމާއި އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން ނުވަތަ އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ހަދަން ވަނީ ހިމަނާފަ އެވެ. ބިލުގައި ބުނެފައި ވަނީ އެއީ ޖުނަހުގެ އެއް ވަނަ ދަރައިގެ ކުށެއް ކަމަށެވެ.

comment ކޮމެންޓް