މުސްލިމަކު ކާފަރު ކުރުން ކުށަކަށް، ބޮޑެތި ޖަލު އަދަބުތަކާއެކު ބިލު މަޖިލީހަށް

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން — ފޮޓޯ/ މަޖިލިސް

އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި، ސިފަކުރުމުގައި ބައިވެރި ވުމާއި އާންމުތަކެއްގައި މުސްލިމަކަށް ކާފަރެއްގެ ކަމުގެ ތުހުމަތު ކުުރުމަކީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ހުށަހަޅައިފި އެވެ.

އެ އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އެވެ. ގާނޫނުލްއުގޫބާތަށް 124 ވަނަ މާއްދާގެ މާއްދާއެއް އިތުރު ކުރުމަށް އެ ބިލުގައި ހުށަހަޅާފައި ވާއިރު އެއީ ނަފްރަތުގެ އަމަލެއް ހިންގުން ކުށަކަށް ހަދަން އިތުރުކުރާ މާއްދާއެއް ކަމަށް ބުނެފައިވެ އެވެ. ނަފްރަތުގެ އަމަލުތަކުގެ ގޮތުގައި ގިނަ ކަންތައްތަކެއް ބިލުގައި ވަނީ ހިމަނާފަ އެވެ.

އެގޮތުން އާންމުތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގެ މީހަކާމެދު ނަފްރަތު އުފެއްދުމާއި އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން ނުވަތަ އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ހަދަން ވަނީ ހިމަނާފަ އެވެ. ބިލުގައި ބުނެފައިވަނީ އެއީ ޖުނަހުގެ އެއް ވަނަ ދަރައިގެ ކުށެއް ކަމަށެވެ.

ގާނޫނުލްއުގޫބާތުގައި ވާގޮތުން ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށަކަށް އެންމެބޮޑު އަދަބަކަށް އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ. އަސާސީ މިންގަނޑުން އަދަބު ދޭނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެންމެ ދަށް މިންގަނޑުން ނަމަ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

އޭގެ އިތުރުން މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުމާއިއެކު މީހަކާއި ދެކޮޅަށް އަނިޔާވެރި ވުމަށް ގޮވާލުން ނުވަތަ އެފަދަ އަމަލަކަށް ހިތްވަރުދިނުން ނުވަތަ ބައިވެރިވުމަކީވެސް ކުށެއް ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. އެއީ ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށެއް ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. ޖިނާޔަތުގެ ފަސްވަނަ ދަރަޖައިގެ ކުށަކަށް އެންމެ ބޮޑުވެގެން އަންނާނީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. އަސާސީ މިންގަނޑުން ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.

އަދި މުސްލިމަކު ކާފަރުކޮށް މީހަކަށް އަނިޔާއެއް ދިނުން ނުވަތަ އަނިޔާއެއް ދިނުމުގައި ބައިވެރިވުން ނުވަތަ އަނިޔާއެއް ދިނުމަށް ރޭވުންވެސް ކުށެއް ކަމަށް ބިލުގައި ބުނެފައިވެ އެވެ.

"މީހެއްގެ ސިޔާސީ ވިސްނުމަށް ބަލައި އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ ދިނުމުގައި ބައިވެރިވުން ނުވަތަ ދިނުމަށް ރޭވުން،" ކުށުގެ ތެރޭގައި ހިމަނާފައިވެ އެވެ.

އެފަދަ ކުށެއް ކުރާ މީހަކު އެކުރަނީ ޖިނާޔަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށެއް ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. ޖިނާއަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށަކަށް އެންމެ ބޮޑު އަދަބަކަށް ދެވޭނީ ހަތަރު އަހަރަށް ޖަލަށް ލުމެވެ. އަސާސީ މިންގަނޑުން އަދަބު ދޭ ނަމަ އެއް އަހަރާއި ހަތް މަސް ދުވަހަށް ޖަލަށް ލުމެވެ.

ނަފްރަތު އުފެދޭ ކުށުގެ ތެރޭގައި ހިމަނާފައިވާ އިތުރު ކަންކަމުގެ ތެރޭގައި މީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި އެފަދަ އަނިޔާއެއް ދޭން އުޅުމާއި އެފަދަ އަމަލަކަށް ހިތްވަރު ދިނުން ހިމެނެ އެވެ.

މީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި ދިން އަނިޔާއެއްގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ އެ ކުށް ކުރާ މީހާއަށް އެންމެ ބޮޑުވެގެން 25 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. މީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި ޖިސްމާނީ އަނިޔާއެއް ދިނީ ކިޑްނެޕްކޮށްގެން ނުވަތަ މީހަކަށް ޖިންސީ އަނިޔާއެއް ދީގެން ނުވަތަ މީހެއްގެ ފުރާނަޔަށް ގެއްލުންދޭނެ ކަމުގެ ބިރުދައްކައިގެން ކަމުގައި ވާނަމަ އެންމެ ބޮޑުވެގެން 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށްވެސް ބިލުގައި ވަނީ ބުނެފަ އެވެ.

އެ ބިލުގެ ފުރަތަމަ ކިޔުން މިއަދު މަޖިލީހުގައި ވަނީ އިއްވާފަ އެވެ.

comment ކޮމެންޓް