އިންސާފުން ބޭރުން ދެ ފަހަރަށް ފިޔަވަޅު އަޅައިފި، މައްސަލަ ޖައްސާނަން: އަލީ ޒައިދު

ގައުމީ ޔުނިވާސިޓީގެ ލެކްޗަރަރ އަލީ ޒައިދު ---

ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ދެ ފަހަރެއްގެ މަތިން "އިންސާފުން ބޭރުން" ފިޔަވަޅު އަޅާފައިވާ ކަމަށާއި އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާނެކަމަށް އެ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ލެކްޗަރަރު ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު މިހެން ވިދާޅުވެފައި މިވަނީ ގައުމީ ޔުނިވާސިޓީގެ އެސިސްޓަންޓް ޕްރޮފެސަރު ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް ސޯޝަލް މީޑިއާގައި ލިޔުއްވަމުން ގެންދެވި ލިޔުންތަކެއްގެ މައްސަލައިގައި އޭނާ ވަޒީފާއިން ވަކިކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ޒައިދު މިއަދު "ސަން" އަށް ވިދާޅުވީ، އޭނާ ކުރި ޓުވީޓުތަކަކާ ގުޅިގެން ފުރަތަމަ ފަހަރު ފިޔަވަޅު އެޅީ އެ ޔުނިވާސިޓީގެ ކުރީގެ އެސިސްޓަންޓް ޕްރޮފެސަރު ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް ވަޒީފާއިން ސަސްޕެންޑުކުރި ދުވަސްވަރު ކަމަށެވެ. މި އަހަރުގެ މާޗު މަހު ޑރ. އިޔާޒު ވަޒީފާއިން ސަސްޕެންޑުކުރީ 14 ދުވަހުގެ މުއްދަތަކަށެވެ.

އަލީ ޒައިދު ވިދާޅުވި ގޮތުގައި އޭނާޢަށް ދެވަނަ ފިޔަވަޅު އެޅީ ނިމިދިޔަ ޖޫން މަހުގެ ކުރީކޮޅު, ހަމަ ޓްވީޓުތަކަކާ ގުޅިގެން ކަމަށެވެ.

https://sun.mv/153789

އެގޮތުން, އަނގަބަހުންނާއި ލިޔުމުން މިހާރު ނަސޭހަތް ދީފައިވާ ކަމަށާއި ދެން ކުރިއަށް އޮތީ އިންޒާރު ދިނުމައި ސަސްޕެންޝަން އަދި ވަޒީފާއިން ވަކިކުރުން ކަމަށް ޒައިދު ވިދާޅުވިއެވެ. ޒައިދު ވިދާޅުވީ "ބަޔަކު" އޭނާ ވަކިކުރާ ހިސާބަށްވެސް ގެންދަން ތިބި ނަމަ ގެންދެވިދާނެ ކަމަށާއި, އަދި އިލްމުވެރިންނާ މެދު ފިޔަވަޅު އަޅަމުން ދަނީ ވަރަށް ބޮޑަށް ސިޔާސީ ވަކި ފަރާތްތަކުގެ ނުފޫޒުން ކަމަށް ތުހުމަތު ކުރެއްވިއެވެ.

"އަޅުގަނޑަށް ދެ ފިޔަވަޅުވެސް އަޅާފައިވަނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ބުރަދަނެއް ނެތް ހުއްޖަތްތަކެއް ދެއްކެވުމަށް ފަހު. އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑާމެދު އެޅި އިންސާފުން ބޭރު ފިޔަވަޅެއް ކަމަށް," ޒައިދު ވިދާޅުވިއެވެ.

އަލީ ޒައިދު އިތުރަށް ވިދާޅުވީ އެގޮތައް ފިޔަވަޅު އެޅުން ބަލައިނުގަނެވޭ ކަމަށާއި އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ގަސްދުކުރާ ކަމަށެވެ.

މިކަމާ ގުޅިގެން އެމްއެންޔޫ އެމްއެންޔޫގެ ވައިސް ޗާންސެލަރު މުހައްމަދު ޝަރީޕް "ސަން"އަށް ވިދާޅުވީ ޒައިދު ސޯޝަލް މީޑިއާގައި ކުރައްވާ ޓުވީޓުތަކާ ގުޅިގެން މައްސަލަތައް ފެންމަތިވާ ކަމަށާއި އޭނައާ މެދު ފިޔަވަޅު އެޅީ މިދިޔަ ޖޫން މަހުގެ ކުރީކޮޅު ކަމަށެވެ. އެކަމާ ގުޅޭގޮތުން ޒައިދުއާ މަޝްވަރާކުރި ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

https://sun.mv/153796

ޒައިދުއާ އެކުވެރި ޑރ. އިޔާޒު މިދިޔަ ބުރާސްފަތި ދުވަހު އެމްއެންޔޫގެ ވަޒީފާޢިން ވަކިކުރީ ސޯޝަލް މީޑިއާގައި ލިޔުއްވި ލިޔުންތަކާ ގުޅޭ ޝަކުވާތައް ޔުނިވާސިޓީއަށް ލިބި, އެކަމާ ގުޅިގެން ތަކުރާރުކޮށް ނަސޭހަތް ދިނުމުންވެސް އެކަންކަން އިސްލާހު ނުކުރުމުންނެވެ.

ޑރ. އިޔާޒު ވަޒީފާރުން ވަކިކުރުން ކުށްވެރިކޮށް, އޭނާ ނިސްބަތްވާ އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާ ވަޒީފާއިން ވަކިކުރީ ސިޔާސީ ނުފޫޒުން ކަމާށެވެ. އަދި އެ ޕާޓީގެ ރައީސްކަމުގައި ހުންނެވި ހޯމް މިނިސްޓަރު އިމްރާން އަބްދުالله ވެސް ވަނީ އެމްއެންޔޫގެ އެ ނިންމުން މުރާޖާކުރަން އެދި ގޮވާލައިފައެވެ.

comment ކޮމެންޓް