މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެސިސްޓެންޓް ޕްރޮފެސަރު ގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވަޒީފާއިން ވަކިކޮށްފި އެވެ.
އެމްއެންޔޫގެ ވައިސް ޗާންސެލަރު މުހައްމަދު ޝަރީޕް ވަނީ "ސަން" އަށް މިކަން ކަށަވަރު ކޮށްދީފަ އެވެ.
ޝަރީފް ވިދާޅުވީ ޑރ. އިޔާޒް މަގާމުން ވަކިކޮށްފައިވަނީ ސޯޝަލް މީޑިއާ ގައި ކުރައްވާ ޕޯސްޓްތަކާ ގުޅިގެން ތަކުރާރުކޮށް ނަސޭހަތް ދިނުމުންވެސް އެކަންކަން އިސްލާހު ނުކުރުމުންކަމަށެވެ. އަދި ޑރ. އިޔާޒް ހަރުކަށި ފިކުރަށް ހިތްވަރުދޭފަދަ ޒާތަކަށް އަމަލުކުރަމުން ގެންދިޔުމަކީ ވެސް ވަޒީފާ އިން ވަކިކުރި ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ތިން ފަހަރު ނަސޭހަތް ލައިދީފިން ދެން ވަކިން ދެ ފަހަރު ލިޔުމުންވެސް ނަސޭހަތް ލައިދީގެން އިސްލާހުނުވީމަ، ވަޒީފާއިން ވަކިކޮށްފައިވަނީ މިހާރު،" ޝަރީޕް ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓްތަކާ ގުޅިގެން މީގެ ކުރިން ޑރ. އިޔާޒް އެމްއެންޔޫ އިން ސަސްޕެންޓް ކޮށްފައި ވެއެވެ.
މިދިޔަ މާޗް މަހުގެ ތެރޭގައި އިޔާޒް ސަސްޕެންޓް ކޮށްފައި ވަނީ، ސޯޝަލް މީޑިއާގައި ލިޔާ ބައެއް ލިޔުންތަކާ ގުޅިގެން އެމްއެންޔޫ އަށް ހުށަހެޅޭ ޝަކުވާތައް ތަހުގީގު ކުރުމަށްޓަކަ އެވެ.
މީގެ އިތުރުން، އަންހެނުން ހިތާނުކުރުމަށް ހިތްވަރު ނުދޭކަމަށާއި އަންހެނުން ހިތާނުކުރުމާ ބެހޭގޮތުން ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން ރަނގަޅު ނޫން ތަސައްވަރެއް ބަޔަކަށް ލިބިފައިވާނަމަ އެކަމަށް މައާފަށް އެދޭކަމަށް ބުނެ ޑރ. އިޔާޒް ވަނީ މިދިޔަ ހަފްތާގައި ބަޔާނެއް ނެރެފަ އެވެ.
ޑރ. އިޔާޒު ނެރުނު ބަޔާނުގައި ވިދާޅުވީ ރާއްޖޭގައި ދީނަށް ފުރައްސާރަކުރުން އިތުރުވެފައިވާ ދަނޑިވަޅެއްގައި އެކަމާ ދެކޮޅަށް އޭނާ އިސްވެ ތެދުވެ ހުންނެވި ދަނޑިވަޅެއްގައި "އިލްމީ ގޮތުން ހަގީގަތެއް ބަޔާންކޮށްދިނުމުގެ ސަބަބުން" އޭނާއާ މެދު ނަފްރަތު އުފައްދައި, އޭނާއާ ދެކޮޅަށް މަޖިލީހަށް މައްސަލަ ހުށަހަޅާއި އަދި ވަޒީފާގެ ބިރު ދައްކައި ހަދަމުންދާ ވަގުތު ދީނީ އިލްމުވެރިން ހަނު ތިއްބަވައި, "ލާދީނީ ފަރާތްތަކުން އެފަރާތްތައް ބޭނުންހާ ގޮތަކަށް ދީނީ އިލްމުވެރިންގެ އަގު ވައްޓާލެވެމުން ދާދިއުން" ކުށްވެރިކުރައްވާ ކަމަށެވެ.