ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)އިން ބޭއްވި މެރަތަން މުޅި ޖުމުލަ 1100 ބައިވެރިންނާއެކު ނިންމާލައިފިއެވެ.
މި މެރެތަންގައި ބޭރުގެ 80 ދުވުންތެރިން ބައިވެރިވިއެވެ.
މިއީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ ތަނަކުން އިންތިޒާމުކޮށްގެން ބޭއްވި ފުރަތަމަ ދުވުމެވެ.
މެރަތަން ކުރިޔަށް ގެންދިޔައީ ބުރާސްފަތި ދުވަހުގެ ރޭ 02:00އިން މިއަދު ހެނދުނު 08:00އަށް ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުން ފެށިގެންނެވެ.

އެމްއެމްޔޫ މެރަތަން -- ފޮޓޯ/ އެމްއެންޔޫ
މި މެރެތަން ކުރިޔަށް ގެންގޮސްފައިވަނީ ހަތަރު ކެޓަރަގީއަކަށް ބަހާލައިގެނެވެ. އެއީ ފުލް މެރަތަންއާއި ހާފް މެރަތަންގެ އިތުރުން 10 ކިލޯމީޓަރު އަދި ފަސް ކިލޯ މީޓަރު ދުވުމެވެ.
ބޭރުގެ 80 ބައިވެރިންނާއެކު ޖުމްލަ 1،100އެއްހައި ދުވުންތެރިން މި މެރަތަންގައި ބައިވެރިވުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އެމްއެންޔޫއިން ބުނެއެވެ. އަދި ކުރިޔަށް އޮތް ތަނުގައި މިއަށްވުރެ ކާމިޔާބު ކަމާއެކު މެރަތަން ކުރިޔަށް ގެންދެވޭނެ ކަމަށް ވެސް ބުންޏެވެ.

އެމްއެމްޔޫ މެރަތަން -- ފޮޓޯ/ އެމްއެންޔޫ
މި މެރަތަންގައި ވެސް ކޮންމެ ކެޓަރަގީއަކުން އެންމެ މޮޅު ތިން ދުވުންތެރިންނަށް ވަނީ ފައިސާގެ އިނާމު ކަނޑައަޅައިފައެވެ. އެއީ:
- މެރަތަން ރޭހުގެ އެންމެ މޮޅު ތިން ފިރިހެން އަދި ތިން އަންހެން ދުވުންތެރިންނަށް 10،000 ރުފިޔާ
- ހާފް މެރަތަން ރޭހުގެ އެންމެ މޮޅު ތިން ފިރިހެން އަދި ތިން އަންހެން ދުވުންތެރިންނަށް 7,500 ރުފިޔާ
- 10 ކިލޯމީޓަރުގެ ރޭހުގެ އެންމެ މޮޅު ތިން ފިރިހެން އަދި ތިން އަންހެން ދުވުންތެރިންނަށް 5,000 ރުފިޔާފަ
- ފަސް ކިލޯމީޓަރުގެ ރޭހުގެ އެންމެ މޮޅު ތިން ފިރިހެން އަދި ތިން އަންހެން ދުވުންތެރިންނަށް 3,000 ރުފިޔާ
މި ފަރާތްތަކަށް އިނާމު ހަވާލު ކުރުމަށް ޚާއްސަ ހަފުލާއެއް އަންނަ ހަފުތާގެ ތެރޭގައި ބާއްވާނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ. އަދި ކުރިއަށްއޮތް ތަނުގައި މިއަށްވުރެ ކާމިޔާބުކަމާއެކު މެރަތަންތައް ގެންދާނެ ކަމަށް އެމްއެންޔޫއިން ބުންޏެވެ.