ޑރ. އިޔާޒު ސޯޝަލް މީޑިއާގައި ލިޔުއްވި ލިޔުންތަކަކާ ގުޅިގެން އެމްއެންޔޫއިން ސަސްޕެންޑްކޮށްފި

ދީނީ އިލްމުވެރިޔާ އަދި ގައުމީ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް ސޯޝަލް މީޑިއާގައި ލިޔުއްވާ ބައެއް ލިޔުންތަކާ މެދު ލިބިފައިވާ ޝަކުވާތަކެއް ތަހުގީގުކޮށް ނިމެންދެން އެމްއެންޔޫގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުން އޭނާ ސަސްޕެންޑުކޮށްފި އެވެ.

ޑރ. އިޔާޒު "ސަން"އާ ވާހަކަދައްކަވަމުން ވިދާޅުވީ އޭނާ ސަސްޕެންޑް ކޮށްފައި ވަނީ 14 ދުވަހުގެ މުއްދަތަކަށް ކަމަށެވެ.

"އެމްއެންޔޫގެ އެޗްއާރު ޑިޕާޓްމަންޓް ވިދާޅުވީ ސޯޝަލް މީޑިއާގައި ލިޔާ ބައެއް ލިޔުންތަކާ ގުޅޭ ގޮތުން އާންމުންގެ ޝަކުވާތަކެއް އައިސްފައިވާތީ އެ މައްސަލަ ތަހުގީގުކުރަން 14 ދުވަހަށް ސަސްޕެންޑް ކުރަން ނިންމީއޭ،" ޑރ. އިޔާޒު ވިދާޅުވި އެވެ.

ޑރ. އިޔާޒު ވިދާޅުވީ އެ ތަހުގީގަށް ހުރަސް އެޅޭނެ ކަމެއް ނުކުރެއްވޭނެ ކަމަށާއި އެހެންކަމުން ސަސްޕެންޑް ނުކޮށްވެސް ތަހުގީގު ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ޑރ. އިޔާޒު ވިދާޅުވީ އިއްޔެ މެންދުރުފަހު 3:00 އެހައިކަންހާއިރު ސަސްޕެންޑު ކުރިކަން އެންގި އިރު، 4:00ގައި އޭނާ ނަންގަވައިދެއްވާ ކްލާހެއްވެސް އޮތް ކަމަށެވެ.

ޑރ. އިޔާޒަކީ ސޯޝަލް މީޑިއާގެ އެކިއެކި ވަސީލަތްތައް މެދުވެރިކޮށް އާންމުން ކުރާ ދީނީ ސުވާލުތަކަށް ޖަވާބުދެއްވާ ބޭފުޅެކެވެ.

"އަޅުގަނޑު ދެކެ ރުޅިއަންނަ ބަޔަކު މާނަ ނަގާފާނެ ކޮންމެފަދަ ގޮތަކަށްވެސް. އިސްލާހީ ހަރަކާތެއްގައި މަސައްކަތްކުރާ މީހަކަށް ވާނެ ގޮތަކީ، އެމީހުން ދެކެ ރުޅިއަންނަ މީހުންވެސް އުޅޭނެ. ލޯބިވާ މީހުންވެސް އުޅޭނެ." ޑރ. އިޔާޒު ވިދާޅުވި އެވެ.

މިފަހުން ޑރ. އިޔާޒު ވަނީ ރާއްޖޭގައި ގައިދުރުކޮށްގެން ނަމާދުކުރުމާ ދެކޮޅަށްވެސް ޚިޔާލު ފާޅުކުރައްވާފަ އެވެ.

"ގައިދުރުކޮށްގެން ނަމާދުކުރާ މައްސަލައިގައި އަޅުގަނޑު ވާނީ ދަންނަވާފައި އިސްލާމިކް މިނިސްޓަރަށް ވެސް، އަޅުގަނޑާ އިދިކޮޅަށް ބާތިލު ވަކާލާތު ކުރައްވާ ބޭފުޅުން، ގައިދުރުކޮށް ނަމާދު ކުރެވޭނެ ކަމަށް ވިދާޅުވީ ބޭފުޅުންގެ އެންމެ ހުއްޖަތެއް ސާބިތުކޮށްދެއްވި ނަމަވެސް އަޅުގަނޑުގެ ވާހަކަތައް ހުއްޓާލާނަމޭ. ނަމަވެސް އެބޭފުންނަކަށް އެންމެ ހުއްޖަތެއް ވެސް ނެތް ސާބިތުކޮށްދެވިފައި. ހުރިހާވެސް ވާހަކައަކީ ބޭރު ގައުމުތަކުގައި މިގޮތަށް އެބަ ކުރެޔޭ އެހެންވީމަ ރާއްޖޭގައި ވެސް ކުރެވޭނެ. ބޭރު ގައުމުތަކުގައި ކުރުން އެއީ ހުއްޖަތެއް ނޫން،" ޑރ. އިޔާޒު ވިދާޅުވި އެވެ.

އޭނާ ރާއްޖޭގެ ރެސްޓޯޓަންޓްތަކުގައި ގައިދުރުކަމެއް ނެތި ތިބޭއިރު، ހަމައެކަނި މިސްކިތުގައި ގައިދުރުކޮށް ތިބުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ގައިދުރުކޮށްގެން ނަމާދު ކުރާ ގައުމުތަކުގައި ހުރިހާ ކަމެއް ވެސް ކުރަނީ ގައިދުރުކޮށް ކަމަށް ޑރ. އިޔާޒު ވިދާޅުވި އެވެ.

ޑރ. އިޔާޒު ވިދާޅުވީ ކޮންމެ ފިޔަވަޅެއް އެޅި ނަމަވެސް، ފާޅުގައި އެކަމާ ދެކޮޅަށް ބަސް ވިދާޅުވަމުން ގެންދަވާނެ ކަމަށާއި އާންމުން ދީނީ ގޮތުން ހޭލުންތެރި ކުރުމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށެވެ.

comment ކޮމެންޓް