ޑރ. އިޔާޒް ވަޒީފާއިން ވަކިކުރި ނިންމުން މުރާޖާކުރަން ހޯމް މިނިސްޓަރު އިމްރާން ގޮވާލައްވައިފި

ޑރ މުހައްމަދު އިޔާޒު، އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ އެކު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް, އޭނާ ވަޒީފާ އަދާކުރައްވާ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން ވަކިކުރި މައްސަލައިގައި އެ ނިންމުން އަލުން މުރާޖައާކުރުމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ.

އެމްއެންޔޫގައި އެސިސްޓަންޓް ޕްރޮފެސަރުގެ ވަޒީފާއިން ޑރ. އިޔާޒް ވަކިކޮށްފައިވަނީ ސޯޝަލް މީޑިޔާގައި ޑރ. އިޔާޒް ކުރައްވާ ޕޯސްޓްތަކާ ގުޅިގެން ތަކުރާރުކޮށް ނަސޭހަތްތެރިވުމުންވެސް އެކަން އިސްލާހު ނުކޮށްގެންކަމަށް އެމްއެންޔޫއިން ވަނީ ބުނެފައެވެ.

މި ފިޔަވަޅާއި ގުޅިގެން ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ މިރޭ ކުރެެއްވި ޓްވީޓެއްގައި ވަނީ ޑރ. އިޔާޒްއަކީ ރާއްޖޭގައި އިސްލާމީ ޝަޙްސިއްޔަތު ހަރުދަނާ ކުރުމަށް ދީނީ އިލްމުވެރިއެއްގެ ހައިސިއްޔަތުން ނުހަނު ގިނަ ހިދުމަތްތަކެއް ކުރައްވާ ބޭފުޅެއްކަމަށް ލިޔުއްވާފައެވެ.

"ޑރ. އިޔާޒްގެ ބައެއް ފިގުހީ ރައުޔާ އަޅުގަނޑަށް އެއްބަސްނުވެވުނަސް އެމަނިކުފާނާމެދު އެމްއެންޔޫއިން އެޅި ފިޔަވަޅަކީ އިންސާފްވެރި ފިޔަވަޅެއްކަމަށް ނުދެކެން،" ހޯމް މިނިސްޓަރު ޓްވިޓާގައި ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި ދީނީ ހިލާފުތަކާމެދު އިލްމީ މުއައްސަސާތަކުގައި މިނިވަންކަމާއެކު އިލްމީގޮތުން ރީތި އަހްލާގާއެކު ބަހުސްކޮށް ހައްލު ހޯދެން ވާނެކަމަށެވެ. އަދި ރާއްޖޭގެ އެންމެ ބޮޑު ޔުނިވާސިޓީއިން އެގޮތް އިހުތިޔާރުނުކޮށް ހަރުކަށިކަން އިސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.

"އެ ނިންމުން މުރާޖައާ ކުރަން ގޮވާލަން،" މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓްތަކާ ގުޅިގެން ޑރ. އިޔާޒް ވަނީ މީގެ ކުރިންވެސް އެމްއެންޔޫއިން ސަސްޕެންޑްކޮށްފައެވެ. އެފަހަރު އޭނާ ސަސްޕެންޑް ކުރީ 14 ދުވަހަށެވެ. އެ މައްސަލައިގައި އޭނާ ވަނީ އެމްއެންޔޫއާ ދެކޮޅަށް އެމްޕްލޮއިމެންޓް ޓްރައިބިއުނަލްއަށްވެސް މައްސަލަ ހުށަހަޅާފައެވެ. އެ މައްސަލަ އަދި ވަކިގޮތަކަށް ނިންމާފައެއް ނުވެއެވެ.

އެމްއެންޔޫއިން ޑރ. އިޔާޒް ވަކިކޮށްފައި މިވަނީ މިފަހުން އަންހެނުން ހިތާނަކުރުމާ ގުޅޭގޮތުން އޮތް ލިޔުމެއް ޓްވިޓާގައި ޝެއާ ކުރައްވައިގެން ގިނަ ބައެއްގެ ފާޑުކިޔުންތަކެއް ވަނީ ޑރ. އިޔާޒްއަށް އަމާޒުވެފައި ވަނިކޮށެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ ޑރ. އިޔާޒް މަގާމުން ވަކިކުރަން ގޮވާލައި، ސޯޝަލް މީޑިޔާއިން ދުރުކުރަންވެސް ގޮވާލައިފައެވެ.

ޑރ. އިޔާޒް ވަނީ އެ ލިޔުމަކީ އެއީ ބަޔަކު ޝާއިއުކޮށްފައި އޮތް ލިޔުމެއްކަމަށާއި އިލްމީ ގޮތުން ކުރެވިފައިވާ ދިރާސާއެއް ހިއްސާކޮށްލީކަމަށް ވިދާޅުވެ، އެއީ އަންހެނުން ހިތާނަކުރަން ހިތްވަރު ދިނުން ނޫންކަމަށް ވިދާޅުވެފައެވެ. އިޔާޒް ވަނީ އޭނާއަށް ބިރުނުދައްކައި އެ އިލްމީ ދިރާސާއަށް އިލްމީ ނަޒަރަކުން ރައްދު ދިނުމަށް ގޮވާލައިފައެވެ. ޑރ. އިޔާޒްއާއި ދެކޮޅަށް އެ މައްސަލައިގައި ބައެއް އިލްމުވެރިން ވަނީ ހިޔާލުފާޅުކޮށްފައެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އަދި ދީނީ އިލްމުވެރިޔާ މައުމޫން އަބްދުލްގައްޔޫމްވެސް ހިމެނެއެވެ.

ޑރ. އިޔާޒް ވަނީ އެމްއެންޔޫއިން ވަޒީފާއިން ވަކިކުރި މައްސަލައިގައި ވަރަށް ގިނަ ފަރާތްތަކުން ޑރ. އިޔާޒްގެ ބަހެއް ހޯދުމަށް މަސައްކަތްކުރަމުންދާކަމަށް ވިދާޅުވެ، އެބޭފުޅުންނަށް ޑރ. އިޔާޒް ދެއްވަން އޮތް ޖަވާބަކީ ފިރުއައުނުއާއި މުހާތަބުކޮށް ސިހުރުވެރިން ދެއްވި ޖަވާބުކަމަށް ވިދާޅުވެ ޓްވިޓާގައި ލިޔުއްވާފައެވެ.

comment ކޮމެންޓް