ހިޔާލުފާޅުކޮށްގެން އެއްވެސް މީހަކަށް އަދަބުދީގެން ނުވާނެ: އަލީ ހުސައިން

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން

ގާނޫނުއަސާސީގައި ބުނާގޮތުން ހިޔާލުފާޅުކޮށްގެން އެއްވެސް މީހަކަށް އަދަބު ދީގެން ނުވާނެ ކަަމަށް ކެންދޫ ދާއިރާ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

އަލީ ހުސައިން މިފަދައިން ވިދާޅުވެފައި މިވަނީ ސޯޝަލް މީޑިއާ ގައި ކުރައްވާ ޕޯސްޓްތަކާ ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)ގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް އެ މަގާމުން ވަކިކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އަލީ ހުސައިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ގާނޫނުއަސާސީގެ 27 ވަނަ މާއްދާގެ އިމުގެ ތެރެއިން ބޭނުންކޮށްގެން އެއްވެސް މީހަކަށް އަދަބުދީ ފިޔަވަޅު އަޅައިގެން ނުވާނެ ކަމަށެވެ. އަދި ވަކި ބައެއްގެ ނުރަނގަޅު ނުފޫޒުގެ ދަށުގައި މުއައްސަސާތައް އޮތުން ބަލައި ނުގަނެވޭނެވޭ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

ޑރ. އިޔާޒު ވަޒީފާއިން ވަކިކޮށްފައިވަނީ ސޯޝަލް މީޑިޔާގައި ޑރ. އިޔާޒް ކުރައްވާ ޕޯސްޓްތަކާ ގުޅިގެން ތަކުރާރުކޮށް ނަސޭހަތްތެރިވުމުންވެސް އެކަން އިސްލާހު ނުކޮށްގެންކަމަށް އެމްއެންޔޫއިން ވަނީ ބުނެފައެވެ.

އިޔާޒު ވަޒީފާއިން ވަކިކުރުން, އޭނާ ނިސްބަތްވާ އަދާލާތު ޕާޓީގެ ފަރާތުންވެސް ކުށްވެރިކޮށްފައިވާ އިރު, އެ ނިންމުމުން ދޭހަވަނީ ގައުމީ ޔުނިވާސިޓީގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައިވާ މިންވަރު ކަމަށް އެ ޕާޓީން ބުންޏެވެ.

މީގެ އިތުރުން ޑރ. އިޔާޒް ވަޒީފާއިން ވަކިކުރި ނިންމުން މުރާޖާކުރުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ގޮވާލައްވާފައެވެ.

comment ކޮމެންޓް