ޕާޓީތައް ޖޫރިމަނާކުރާތީ އެމްޑީޕީގެ ކަންބޮޑުވުން؛ ބުނީ ސަރުކާރު ޚުދުމުޚުތާރު ވަނީ ކަމަށް

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު: ސިޔާސީ ޕާޓީތައް ޖޫރިމަނާކުރާތީ އެމްޑީޕީން ދަނީ ކަންބޮޑުވުން ފާޅުކުރަމުން -- ފޮޓޯ/ މަޖިލިސް

ސިޔާސީ ޕާޓީތަކުގެ ގާނޫނާ ޚިލާފުވެއްޖެނަމަ، އެ އަމަލެއް ހިންގި ޕާޓީއެއް ނުވަތަ ފަރާތެއް ރުފިޔާއިން ޖޫރިމަނާކުރެވޭ ގޮތަށް ހުށަހެޅި އިސްލާހާ މެދު ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު އެމްޑީޕީގެ މެންބަރުން މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މި އިސްލާހަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ޚިލާފުވާ މީހަކު 30،000 ރުފިޔާއާއި 75،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވޭ އަދި އެ އަމަލެއް ހިންގި ފަރާތް ނިސްބަތްވާ ޕާޓީއެއް 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް ހުށަހަޅާފައި އޮތް އިސްލާހެކެވެ.

މި އިސްލާހަށް މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، މި ސަރުކާރުގެ އަމަލުތަކުން ހާމަވަނީ ރާއްޖޭގެ ވެރިކަން ޚުދުމުހުތާރު ވެރިކަމަކާ ދިމާލަށް މިސްރާބު ޖަހާފައިވާ މަންޒަރު ކަމަށެވެ. އެގޮތުން، ރާއްޖޭގައި ހުރި ހުރިހާ މިނިވަން މުއައްސަސާތަކެއް ރައީސުލްޖުމްޙޫރިއްޔާގެ އަތްދަށަށް ގެންނަ މަންޒަރު ފެނިގެންދާކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު މި ދަނޑިވަޅަކީ، އެއްވެސް ސިޔާސީ ޕާޓީއަކުން މާ ބޮޑެތި ގޯސްތަކެއް ހަދަމުންދާ ދަނޑިވަޅެއް ނޫން ކަމަށާއި ޕާޓީތައް 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް އިސްލާހު ގެންނަނީ ކީއްވެގެންތޯ މައުރޫފް ވަނީ ސުވާލު އުފެއްދަވާފައެވެ.

މައުރޫފް ވަނީ ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާގެ މިންވަރު ބަދަލުކުރާތީ ވެސް ކަންބޮޑުވުން ފާޅު ކުރެއްވާފައެވެ.

މިހާރު ހުށައަޅާފައިވާ އިސްލާހުގެ ސަބަބުން ޕާޓީތަކަށް ލިބެމުން އަންނަ ފައިސާ އިތުރަށް މަދުވެގެންދާނެ. ބޮޑު އަދަދެއް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޕީއެންސީއަށް ހޯދުމަށްޓަކައި މި ބަދަލު މި ގެނެވެނީ، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

އިސްލާހުގައިވާ ގޮތުގައި ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ވާންވާނީ ކޮންމެ އަހަރެއްގައި ދައުލަތުގެ ބަޖެޓުގައި އެ ކަމަށް ކަނޑައެޅި ދޫކުރެވޭ ފައިސާއަށެވެ. އެގޮތުން, ދައުލަތުގެ އަހަރީ ބަޖެޓްގައި އެ އަހަރަކަށް ލަފާ ކުރާ އާމްދަނީގެ 0.1 ޕަސެންޓާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދަކަށް ބަދަލުކުރަން ވަނީ ހުށަހަޅާފައެވެ.

މިހާރު އޮންނަގޮތުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަނީ އަހަރުގެ ބަޖެޓުން 0.1 ޕަސެންޓާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެކެވެ.

ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ -- ފޮޓޯ: މަޖިލިސް

މި އިސްލާހަށް ބަހުސްކުރައްވާ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، ރައްޔިތުން ފޮނި އުންމީދުތަކަކާ އެކީ ގެނައި ސަރުކާރާމެދު މިހާރު ފެންނަނީ ރައްޔިތުން ނާއުންމީދުވާ މަންޒަރުކަމަށެވެ. އެގޮތުން، ކޮރަޕްޝަނާއި ފަސާދަ އެހެން އެއްވެސް ސަރުކާރަކުން ނެތްވަރަށް މި ސަރުކާރުގަ އެބައޮތް ކަމަށް ތުހުމަތުކުރެއްވިއެވެ.

ޣަފޫރު ވެސް ވަނީ މި ސަރުކާރުން މިސްރާބު ޖަހާފައިވަނީ ޚުދުމުހުތާރު ވެރިކަމަކާ ދިމާލަށް ކަމަށް ތުހުމަތުކުރައްވާފައެވެ.

ޑިމޮކްރަސީގައިވާ މިކަންކަން ރަނގަޅުނުވަނީ ވާ ވައުދުތައް ނުފުއްދުނީމަ އިއްޒަތްތެރި ރައީސް. އެ ވައުދުތައް ފުއްދައިގެން ރަނގަޅު ނިޒާމެއް ގާއިމުކުރެވޭނީ. ވެރިކަމަކީ އަބަދު އެކެއްގެ މުށުތެރޭ އޮންނާނެ ކަމެއް ނޫން. ސިޔާސީ ޕާޓީތައް އައީމާ ލައްކަ ކަންކަން ރަނގަޅުވެއްޖެ. ރައްޔިތުންގެ ހައްގުގައު ވެރިކަންކުރަން ދަސްކުރަންވީ ސިޔާސީ ޕާޓީތަކުން، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ

ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި އިސްލާހުގައި ބުނެފައިވަނީ، ސިޔާސީ ޕާޓީތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް ސިޔާސީ ޕާޓީގެ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލު އިސްލާހުކުރުމަށާއި، ގާނޫނާ ޚިލާފުވާ ހާލަތްތައް މަދުކުރުމުގައި ސިޔާސީ ޕާޓީތަކުން ޒިންމާ އުފުލުމަށް ބާރުއެޅުމުގެ ގޮތުން ގާނޫނާ ޚިލާފުވާ ވަކިވަކި ފަރާތް ޖޫރިމަނާކުރުމެވެ.

comment ކޮމެންޓް