ސަން މީޑިއާ އިން ނޫސްވެރިކަމުގެ އިންޓާންޝިޕް ޕްރޮގްރާމެއް ތައާރަފްކޮށްފި

ރާއްޖޭގެ އެންމެ ދުވަސްވީ އޮންލައިން ނޫސް ކަމުގައިވާ ސަން މީޑިއާގެ ސަން އޮންލައިން އިން ނޫސްވެރިކަމުގެ ދާއިރާ އިން އިންޓާންޝިޕް ޕްރޮގްރާމެއް ތައާރަފްކޮށްފި އެވެ.

ސަން މީޑިއާގެ ސީއޯއޯ ޑރ. އަޝްރަފް އަބްދުއްރަހީމް ވިދާޅުވީ މިފަދަ އިންޓާންޝިޕެއް ތައާރަފުކުރީ ނޫސްވެރިކަމުގެ ދާއިރާއަށް އަލަށް ވަނުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ.

"މަދުރަސީ ތައުލީމު ހާސިލުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ނޫސްވެރިކަމުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އަޅުގަނޑުމެން މި ފައިކޮށްދެނީ. މިއީ އަޅުގަނޑުމެންގެ ޒުވާން، ތަޖުރިބާކާރު ޓީމާއެކު ނޫސްވެރިކަމުގެ ދާއިރާއިން ކުރިއަށްދާން ލިބޭ ރަނުގެ ފުރުސަތެއް،" ޑރ. އަޝްރަފް ވިދާޅުވި އެވެ.

މި އިންޓާންޝިޕްގައި ބައިވެރިވާ ނޫސްވެރިންގެ ތެރެއިން ހޮވާލެވޭ ފަރާތްތަކަށް ސަން އޮންލައިންގައި ނޫސްވެރިކަމުގެ ދާއިރާ އިން ދާއިމީ ގޮތެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

އިންޓާންޝިޕްގެ މުއްދަތުގެ ތެރޭގައި ނޫސްވެރިކަމުގެ ދާއިރާގައި ތަޖުރިބާ ލިބިފައިވާ ބޭފުޅުންގެ އެހީތެރިކަމާއެކު ނޫސްވެރިކަމުގެ އަސާސީ ހުނަރުތައް އޮޅުންފިލުވައިދެވޭނެ އެވެ.

އެޕްލައި ކުރަންވީ ގޮތް

ނޫސްވެރިކަމުގެ ދާއިރާއަށް ޝައުގުވެރިވާ ފަރާތްތަކުން ސަންގެ އިންޓާންޝިޕްގައި ބައިވެރިވުމަށް އެދޭނަމަ "ސަން"ގެ ޖޮބް އެޕްލިކޭޝަން ޕޯޓަލްއިން "ޖާނަލިސްޓް (އިންޓާން)"ގެ މަގާމު ސިލެކްޓް ކުރެއްވުމަށް ފަހު ފޯމު ފުރުއްވާލާށެވެ.

އިންޓާންޝިޕަށް ހޮވޭ ބައިވެރިންނަށް އިންޓާންޝިޕްގެ މުއްދަތުގައި ސަން މީޑިއާ ގްރޫޕުން ހާއްސަ އެލަވަންސެއް ހަމަޖައްސައިދެވޭނެއެވެ. އަދި ނޫސްވެރިކަމުގެ ދާއިރާގައި އެކިއެކި ފުރުސަތުތައް ފަހިކޮށްދިނުމަށް ސަން މީޑިއާ ގްރޫޕުން މަސައްކަތް ކޮށްދޭނެއެވެ.

comment ކޮމެންޓް