މާލެއާއި ތިލަފުށި ގުޅާލާ ބްރިޖުގެ މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާ ތެރޭ ބަޔަކާ ހަވާލު ކުރެވޭވަރު ވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ މާލެއާއި ވިލިމާލެ އަދި ގުޅިފަޅާއި ތިލަފުށި ގުޅާލާ ބްރިޖުގެ ޓެންޑާ ނިމި، އިވެލުއޭޝަން މަސައްކަތް ނިމުމަކާ ހަމައަށް ގޮސްފައިވާ ކަމަށެވެ.
"އަޅުގަނޑު އުއްމީދު މިކުރަނީ ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބްރިޖުގެ އިވެލުއޭޓުކޮށް ނިންމައި ވަކި ބަޔަކާ ހަވާލު ކުރެވޭނެ ކަމަށް. އެހެންވީމާ މި މަސް ނިމުމުގެ ކުރިން ބްރިޖުގެ އަމަލީ މަސައްކަތް ފެށުމަށް ވަކި ބަޔަކާ ހަވާލު ކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.
ބަލިމަޑުކަމާ ގުޅިގެން ބްރިޖުގެ މަސައްކަތާ ގުޅުންހުރި ކަންތަކަށް ލަސްތަކެއް އައި ކަމަށް ރައީސް ވިދާޅުވި އެވެ. އިންޑިއާގެ އެގްޒިމް ބޭންކުގެ ބައްދަލުވުންތައް ލަސްވެގެންވެސް ލަސްތައް އައިކަމަށް ރައީސް ވިދާޅުވި އެވެ.
މާލެއާއި ތިލަފުށި ގުޅާލާ ބްރިޖުގެ މަސައްކަތް ކުރާނީ އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގަ އެވެ. އެހެންކަމުން އެ މަސައްކަތަށް ހޮވާނީ އިންޑިއާގެ ކުންފުންޏެކެވެ.
އެ ބްރިޖަކީ ފުން ހިސާބުތަކުގައި 141 ކިލޯ މީޓަރުގެ މެރިން ވިއަޑަކްޓްއާއި ތިލަ ހިސާބުތަކުގައި އާއި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ހަތަރު ރަށުގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގައި ހަދާ 140 މީޓަރުގެ ދިގު ނެވިގޭޝަން ބްރިޖެކެވެ.
މި މަޝްރޫއުގެ ދަށުން މާލެ އަދި ވިލިނގިލީގެ ލޭންޑް އިންޓާޗޭންޖްތަކުގައި ސިގްނަލައިޒްޑް ޖަންކްޝަން ގާއިމް ކުރެވޭނެ އެވެ. އަދި ގުޅިފަޅު އަދި ތިލަފުށީގައި ރައުންޑްއެބައުޓްތަކެއް ގާއިމް ކުރެވޭނެ އެވެ. ކޮންމެ ރަށެއްގައި ވެސް ބްރިޖް ޖަންކްޝަން ކައިރީގައި ބަސް ޓާމިނަލް ގާއިމް ކުރުމަށް ހަމަޖެހިފައިވެ އެވެ.
ބްރިޖާއެކު ގުޅީފަޅުގައި ގާއިމު ކުރަން ނިންމާފައިވާ އިންޓަނޭޝަނަލް ޕޯޓާ ގުޅޭ ގޮތުން ރައީސް މިއަދު ވިދާޅުވީ އެ މަސައްކަތާ ގުޅޭ ޑޮކިޔުމެންޓު ތައްޔާރުކޮށް ނިމިފައިވާ ކަމަށެވެ.
"އަދި ޕޯޓު އެޅުމަށް އިތުރަށް ހިއްކަން ޖެހޭބައެއްވެސް އެބައޮތް. އެއަށްވެސް ފައިނޭންސް ރެއިޒް ކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ،" ރައީސް ވިދާޅުވިއެވެ.
ގުޅިފަޅު ޕޯޓުގެ މަސައްކަތްވެސް ކުރާނީ އިންޑިއަން އެގްޒިމް ބޭންކުގެކްރެޑިޓް ލައިންގެ ދަށުންނެވެ.