ހަކަތައިގެ ދާއިރާ އަށް އިންވެސްޓަރުން ހޯދަން ކޮންފަރެންސެއް

ހަކަތައިގެ ދާއިރާ އަށް ހާއްސަ އިންވެސްޓަރުން ހޯދުމަށް އިންވެސްޓާ ކޮންފަރެންސެއް ބާއްވަން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އިން ނިންމައިފިއެވެ.

އެ މިނިސްޓްރީ އިން ބުނީ، ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް ސޯލާ އެލަޔަންސްއާ ގުޅިގެން ވާޗުއަލްކޮށް ބާއްވާ އެ ކޮންފްރެންސް އޮންނާނީ ޖޫން 23 ވާ ބުދަ ދުވަހުގެ 16:00 ގައި ކަމަށެވެ.

ކޮންފަރެންސް ބޭއްވުމުގެ އެއް މަގްސަދަކީ 2030 ވަނަ އަހަރު ރާއްޖެ ނެޓް ޒީރޯ ގައުމަކަށް ވުމަށް ކުރާ މަސައްކަތުގައި ސަރުކާރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭންގައި އަމާޒުހިފާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމާއި ރާއްޖޭގައި ހަކަތައިގެ ދާއިރާގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކުގެ މައުލޫމާތު ރާއްޖެއާއި ބޭރުގެ އިންވެސްޓަރުންނަށް ފޯރުކޮށްދިނުން ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

މިހާރުވެސް ވޯލްޑް ބޭންކްގެ އެހީގައި ސަރުކާރުން ކުރިއަށްގެންދާ އެކްސަލަރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަބަލް އެނާޖީ (އެސްޕަޔާ ޕްރޮޖެކްޓް) އަދި އެކްސަލަރޭޓިންގް ރިނިއުވަބަލް އެނާރޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ (އެރައިސް ޕްރޮޖެކްޓް) ގެ ދަށުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމުކުރާ ސޯލާ ހަކަތައިގެ ނިޒާމުތަކަށް އެންމެ ރަނގަޅު އިންވެސްޓްމަންޓް ފުރުސަތުތައް ހޯދުމަކީވެސް މިކޮންފަރެންސްގެ މަގުސަދެއް ކަމަށް އެނާޖީ މިނިސްޓްރީ އިން ބުންޏެވެ.

ކޮޮންފެރެންސްގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އަައިމިނަތު ޝައުނާ، ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް ދިވެހި ސަރުކާރުންގެ ގެންގުޅުއްވާ ތަސައްވުރު ހުށަހަޅުއްވައިދެއްވާނެ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ.

އެ ކޮންފަރެންސްގައި ކުދި ގައުމުތަކުގެ ދެމެހެއްޓެނިވި ތަރައްގީ ގައި ހަކަތައިގެ އިންފްރާސްޓަރަކްޗާގެ ދައުރާ ބެހޭގޮތުން ވާހަކަދެއްކެވުމަށް ޕެނަލް ޑިސްކަޝަންއެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، އެ ޕެނަލް ޑިސްކަޝަންގައި ސޭޝަލްސްގެ ތިމާވެށީގެ ވަޒީރު ފްލެވިއަން ޖޯބާޓް އާއި ސްރިލަންކާގެ ހަކަތައިގެ ވަޒީރު ދުއްލަސް އަލަހައްޕެރުމާ އާއި މޮރިޝަސްގެ ހަކަތައިގެ ވަޒީރު ޖޯޖް ޕިއަރޭ ލެސްޖޮންގާޑްގެ އިތުރުން ދރާއްޖޭގެ އެންވަޔަރަންމަންޓް މިނިސްޓަރީގެ ޕާމަނަންޓް ސެކްރަޓަރީ އަޖްވަދު މުސްތަފާ ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މިކޮންފަރެންސްގައި ބައިވެރިވުމުގެ ސުންގަޑިއަކީ 21 ޖޫން 2021 ވާ އަންގާރަދުވަހުގެ ނިޔަލަށެވެ.

ކޮންފަރެންސްގައި ބައިވެރިމަށް: https://eic.environment.gov.mv/

comment ކޮމެންޓް