ގުދުރަތީ ރައުސްމާލުގެ ދިރާސާކުރަން އެއްލައްކަ ރުފިޔާގެ އެހީ ދެނީ

ރާއްޖޭގެ ރަށެއްގެ މޫދު: އެންދެރި މަޝްރޫއުގެ މަގުސަދުތަކުގެ ތެރޭގައި ދެމެހެއްޓެނިވި ގޮތެއްގައި ވެށީގެ ނިޒާމުތައް ބެލެހެއްޓުން ހިމެނޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގުދުރަތީ ރައުސްމާލު ހިސާބު ކިތާބުކުރުމާ ގުޅޭ ދާއިރާތަކުން ދިރާސާ ކުރުމަށް, އެންވަޔަރަމެންޓް މިނިސްޓްރީން ކުރިއަށްގެންދާ މަޝްރޫއެއްގެ ދަށުން އެއް ލައްކަ ރުފިޔާއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން އެ ދިރާސާ ކުރުމުގެ ފުރުސަތު ހުޅުވާލާނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޕޯސްޓްގްރެޖުއޭޓް ތައުލީމު ހާސިލުކުރަމުން އަންނަ ދިވެހި ދަރިވަރުންނަށެވެ.

'އެންދެރި ސްޓޫޑެންޓް ގްރާންޓް'ގެ ނަމުގައި ހުޅުވާލާފައިވާ އެ ފުރުސަތުގެ ދަށުން ނެޗުރަލް ކެޕިޓަލް ވެލުއޭޝަން އަދި އެކައުންޓިންގެ ރިސާޗު ސްޓަޑީޒްތަކާއި ބަޔޯޑައިވާސިޓީ ކޮންޒަވޭޝަންގެ އިތުރުން ކޯޕަރޭޓް ސެންޓާގެ ވިޔަފާރިއާއި އެކައުންޓިން ޕްރޮފެޝަންތަކާ ގުޅުންހުރި ދާއިރާތަކުން ދިރާސާ ކުރުމަށް އެހީ ފޯރުކޮށްދޭނެއެވެ.

އެ ދިރާސާކުރަން އެހީއަށް އެދޭއިރު، ދިރާސާކުރާ ދާއިރާއަކީ އެހީދިނުމުގެ އުސޫލަށް ފެތޭ، އެ ދަރިވަރަކު ތައުލީމު ހާސިލްކުރަމުންދާ ޔުނިވާސިޓީއަކުން ރުހުން ދީފައިވާ މަސައްކަތަކަށް ވާންޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ފުރުސަތަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ އީމެއިލްގެ ޒަރީއާއިން [email protected] އަށެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ އޭޕްރީލް މަހު 15 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށެވެ.

އެ ގްރާންޓަށް އެދޭ ދަރިވަރުންގެ ތެރެއިން ފައިސާގެ އެހީ ދޭނީ 14 ދަރިވަރަކަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

އެންދެރި މަޝްރޫއަކީ ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީ (ޖެފް)ގެ މާލީ އެހީއާއެކު އަދި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމެންޓް ޕްރޮގްރާމްގެ އެހީއާއެކު އެންވަޔަރަމެންޓް މިނިސްޓްރީން ކުރިއަށްގެންދާ މަޝްރޫއެކެވެ.

އެ މަޝްރޫއުގެ މަސައްކަތަކީ ދެމެހެއްޓެނިވި ގޮތެއްގައި ވެށީގެ ނިޒާމުތައް ބަލަހައްޓައިގެން އެ ނިޒާމުތަކުގެ ދުޅަހެޔޮކަމާއި، ވިލުން ވަރުގަދަކުރުމަށާއި، ތަރައްގީގެ ހަރަކާތްތަކުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށާއި ގައުމީ ތަރައްގީގެ ރޭވުންތަކުގައި ގުދުރަތީ ރައުސްމާލުގެ ހިސާބު ކިތާބު ވަޒަންކުރުން ކަމަށް މިނިސްޓްރީން ބުނެއެވެ.

comment ކޮމެންޓް