ތިލަފުށީގައި ކުނިން ހަކަތަ އުފެއްދުމުގެ މަސައްކަތަށް، ޗައިނާގެ ކުންފުންޏަކުން އެހީވަނީ

އެންވަޔަރަންމެންޓް މިނިސްޓްރީއާއި ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗައިނާ ޓިޔަންޔިން (ސީއެންޓީވައި)އާ ދެމެދު، ތިމާވެށި ހިމާޔަތްކުރުމާއި އިއާދަ ކުރަނިވި ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރުން -- ފޮޓޯ/ އެންވަޔަރަމަންޓް މިނިސްޓްރީ

ތިލަފުށީގައި ކުނިން ހަކަތަ އުފެއްދުމަށް ކުރިއަށްގެންދާ މަޝްރޫއަށް، ޗައިނާގެ ކުންފުންޏަކުން އެހީވާން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ، ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗައިނާ ޓިޔަންޔިން (ސީއެންޓީވައި)އާއެކު ސޮއިކޮށްފައިވަނީ، ތިމާވެށި ހިމާޔަތްކުރުމާއި އިއާދަ ކުރަނިވި ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއްގައި ކަމަށެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އެންވަޔަރަންމެންޓް މިނިސްޓަރު ޠާރިޤް އިބްރާހިމެވެ. އަދި ސީއެންޓީވައިއިން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ ރައީސް ކާއޮ ޑެބިއާއޮ އެވެ.

ދެ އަހަރަށް ދެމިގެންދާ އެ އެއްބަސްވުމުގެ ދަށުން ސީއެންޓީވައިއިން، އެ ކުންފުނީގެ ސިނާޢީ އަދި ޓެކްނޮލޮޖީ ގާބިލުކަން މެދުވެރިކޮށް ދިވެހިރާއްޖޭގެ އިޖުތިމާއީ އަދި އިޤްތިސާދީ ކުރިއެރުމަށް އެހީތެރިވެދޭނެއެވެ.

އެންވަޔަރަންމެންޓް މިނިސްޓްރީއާއި ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗައިނާ ޓިޔަންޔިން (ސީއެންޓީވައި)އާ ދެމެދު، ތިމާވެށި ހިމާޔަތްކުރުމާއި އިއާދަ ކުރަނިވި ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރުން -- ފޮޓޯ/ އެންވަޔަރަމަންޓް މިނިސްޓްރީ

އެގޮތުން ތިލަފުށީގައި ހިންގާ ވޭސްޓް ޓު އެނާޖީ މަޝްރޫގެ ދެ ފިޔަވައްސަށް އެކުންފުނީގެ ފަރާތުން، ސްޓޭކްހޯލްޑަރުންނާއި ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ކަންކަން ބަލަހައްޓާ އިދާރާތަކުގެ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތްތައް ކުރާނެ ކަމަށް އެންވަޔަރަންމެންޓް މިނިސްޓްރީން ބުންޏެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ދެއްކެވި ވާހަފުޅުގައި ޠާރިޤް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާއި، ފެނާއި ނަރުދަމާ، ހަކަތަ އަދި ތިމާވެށި ޙިމާޔަތްކުރުމުގެ އިތުރުން ލޯ ކާބަން އާބަން ޑިވެލޮމަންޓްގެ ދާއިރާއިން ސީއެންޓީވައިއިން ކުރުމަށް ނިންމާފައިވާ މަސައްކަތްތަކަކީ ރާއްޖޭގެ ޤައުމީ ތަރައްޤީ އާއި ތިމާވެށީގެ ހިމާޔަތަށް ކުރިއަށް ގެންދާ ޚައްސާސް މަޝްރޫއެއްކަމަށެވެ.

ސީއެންޓީވައި އަކީ މިހާރުވެސް ރާއްޖޭގައި މިފަދަ މަޝްރޫޢުތަކެއް ހިންގަމުންދާ ކުންފުންޏެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ސީއެންޓީވައިގެ ރައީސް ކާއޮ ޑެބިއާއޮ ވިދާޅުވީ މިއަދު ވެވުނު އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް ގުޅުންތައް އިތުރަށް ހަރުދަނާވާނެ ކަމަށެވެ.

މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން، މީހުން ތަމްރީނުކުރުމާއި، ވޯކްޝޮޕްގެ އިތުރުން ސެމިނާ އަދި އެއްބަސްވެވޭ ގޮތެއްގެ މަތިން އިންޓާންޝިޕް ފުރުސަތުތަކަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

comment ކޮމެންޓް