މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ 100 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒު ހަދާނެ ކަމަށް އެންވަޔަރަންމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަފުތާ 14 ގެ ޕުލޭންގެ ދަށުން މި އަހަރު އެންވްޔަރަންމެންޓް މިނިސްޓްރީއާ ހަވާލުވެފައިހުރި ކަންކަން ތަފުސީލުކޮށްދެއްވަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރަށްރަށުގައި ކުނި މެނޭޖުކުރަން ގައުމީ މަޝްރޫއެއް އިއުލާނުކޮށް ތަންފީޒުކުރަން ފެށުމަކީ ރައީސްގެ ވައުދުފުޅެއް ކަމަށެވެ.
އޭނާ ވިދާޅުވީ މި މަޝްރޫއު ނިމޭއިރު މުޅިން އަލަށް 54 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒު ގާއިމު ކުރާނެ ކަމަށެވެ. އަދި، ބާކީ ހުރި 44 ރަށުގައި މިހާރު ހުރި ކުނި ކޮށިތައް އިތުރަށް މަރާމާތުކޮށް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރަށް މިނިސްޓަރު ވިދާޅުވީ މި ރަށްތަކަށް އެކަމަށް ބޭނުންވާ ސާމާނު ވެސް ފޯރުކޮށްދޭނެ ކަމަށެވެ.
"ސަތޭކަ ރަށަށް ބޭނުންވާ އިކުއިޕްމަންޓު އަދި ކުނި އުފުލާނެ ވެހިކަލް ވެސް މި ޕްރޮގްރާމުގެ ދަށުން މި އަހަރު ތެރޭގައި ފޯރުކޮށްދެވިގެންދާނެ،" ތޯރިގު ވިދާޅުވިއެވެ.
އަދި މި މަސައްކަތް ކުރިއަށް ގެންދާނީ ހަތް ސަރަހައްދަކަށް ބަހައިލައިގެން ޒޯނުކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ކުނި މެނޭޖުކުރުމުގެ ޕޮލިސީގެ ދަށުން އެ މަސައްކަތް ކުރެވެމުންދަނީ ހަތް ސަރަހައްދަކަށް ބަހާލައިގެންނެވެ.
އެގޮތުން މައި ތިން ސަރަހައްދެއްގައި ސަރަހައްދީ ފެންވަރުގައި ކުނި މެނޭޖުކުރާނެ މަރުކަޒުތަކެއް ގާއިމުކޮށްފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި މަރުކަޒުތަކުގެ ތެރޭގައި ހިމެނެނީ:
- ރ. ވަންދޫ ކުނި މެނޭޖުކުރާ ސެންޓަރު
- ކ. ތިލަފުށީ ކުނި މެނޭޖުކުރާ ސެންޓަރު
- އައްޑޫގައި ހަދާ ކުނި މެނޭޖުކުރާ ސެންޓަރު
މި މަރުކަޒުތަކުގެ ތެރެއިން ވަންދޫ އަދި ތިލަފުށީ ކުނި މެނޭޖުކުރާ ސެންޓަރު ތަރައްގީކޮށް އައްޑޫގައި ހަދަން ހަމަޖެހިފައިވާ ކުނި މެނޭޖުކުރާ ސެންޓަރު 2027 ގެ ނިޔަލަށް ނިންމާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސަރަހައްދީ ކުނި މެނޭޖުކުރުމުގެ މަޝްރޫގެ އިތުރުން މި އަހަރު ގޭބިސީތަކުގެ ކަރަންޓު ބިލު ކުޑަ ކުރުމަށާއި ތެލުން އުފައްދާ ކަރަންޓު ރާއްޖޭގައި ބޭނުންކުރާ މިންވަރު މަދުކުރަން ސޯލާ ޕެނަލް ހަރުކުރުމުގެ ފުރުސަތު އިތުރަށް ފަހި ކޮށްދިނުމާއި، އަތޮޅު ފެންވަރުގައާއި ރަށު ފެނަވަރުގައި ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތަށް ކުނި ނައްތައިލުމުގެ މަސައްކަތުގައި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުން ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލުމުގެ މަޝްރޫއު ވެސް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.