ރައީސް ވަހީދަށް "ކާޅަށް" ގޮވުނީތާ މިހާރު ދެރަވަން: މެމްބަރު ވަހީދު

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) --- ފޮޓޯ/ މަޖިލިސް

ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް "ކާޅަށް" ގޮވުނީތީ މިހާރު ދެރަވާ ކަމަށް، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެ އެވެ.

ވައްޑޭ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ. އަދި ވަކިވަކި ފަރުދުންނާ މެދު ނަފުރަތު އުފައްދާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލައި، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް އަހްމަދު ނަސީމް ކުއްލި މައްސަލައެއް ވެސް މިއަދު ހުށަހަޅުއްވާފައި ވަނިކޮށެވެ.

ދެހާސް ބާރަވަނަ އަހަރު، އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެ، ޑރ. ވަހީދު ރާއްޖޭގެ ވެރިކަމާ ހަވާލުވި ހިސާބުން ފެށިގެން އެމްޑީޕީ އިން އަންނަނީ އެމަނިކުފާނަށް "ބާޣީ" އަށް ގޮވަމުންނެވެ. އަދި އެމަނިކުފާނަކީ "ކާޅެއް" ކަމަށް ވެސް ވަނީ ލޭބަލް ކޮށްފަ އެވެ.

މެމްބަރު ވައްޑޭ މިއަދު ކުރެއްވި ޓުވީޓުގައި ވެސް އެމަނިކުފާނަށް ނިސްބަތްކުރައްވާފައި ވަނީ "ބާޣީ ވަހީދު"ގެ ގޮތުގަ އެވެ.

"ވަހީދަށް 'ކާޅަށް' ގޮވުނީތީ މިހާރު ދެރަވަން. އެކަމަކު އެހެން ގޮވަން މެދުވެރި ކުރުވީ ރައްޔިތުންގެ ވެރިކަމެއް 'ކާޅެއްހެން' ބަޣާވާތަކުން ޖަހައިގަނެ އަޅުގަނޑުމެންނަށް ކިހާ އަނިޔާއެއް ދިނީމާކަން, [ރައީސް ވަހީދުގެ] ބޭފުޅުން ހަނދުމަފުޅު ނައްތާލައިގެން ނުވާނެ،" މެމްބަރު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ޑރ. ވަހީދުގެ ދެކަނބަލުން ކަސްރަތަށް ނުކުމެވަޑައިގެން އުޅުއްވަނިކޮށް އެމްޑީޕީގެ އެކްޓިވިސްޓަކު އަނގަބަހުން ހަމަލާދިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވި އެވެ. އެ މައްސަލައިގައި ވަހީދު ވަނީ ރައީސް ވަހީދު ދޮގުހެއްދެވި ކަމަށް ވިދާޅުވެ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހަޅުއްވައިފަ އެވެ.

އެ މައްސަލައަށް ބަހުސްކުރެއްވި އެމްޑީޕީގެ ހުރިހާ މެމްބަރުން ވެސް ވިދާޅުވީ ރައީސް ވަހީދަށް "ބާޣީ" ނޫން އެއްޗެސް ނުކިޔާނެ ކަމަށެވެ. އަދި ދުވަހަކު ވެސް ރައީސް ވަހީދަށް މައާފު ނުކުރާނެ ކަމަށެވެ.

ރައީސް ވަހީދަށް ބާޣީއަށް ގޮވުން ދިފާއު ކުރެއްވި މެމްބަރުންގެ ތެރޭގައި ވައްޑޭ ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އެ ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ޑރ. ވަހީދަށް "ކާޅު ވަހީދު" ކިޔަނީ، އެމަނިކުފާނުގެ ހަމުގެ ކުލަޔަށް މަލާމާތް ކުރުމަށް ނޫން ކަމަށެވެ.

"ކާޅޭ ކިޔަނީކީ ކަޅުވީމަކާ ނޫނޭ. ކާޅޭ ކިޔަންފެށީ ޖަހައިގަތީމަ. ވައްކަން ކުރީމަ. ބައެއްގެ އިންސާފާ ބައެއްގެ ވޯޓާ ބައެއްގެ އަސާސީ ހައްގު ޖަހައިގަތީމަ،" އީވާ އެދުވަހު ވިދާޅުވިއެވެ.

https://sun.mv/138502

ވަކިވަކި ފަރުދުންނާ މެދު ނަފުރަތު އުފައްދާ, ހަރުކަށި ފިކުރު ފަތުރާ، އަދި ލޭއޮހޮރުވުމަށް ގޮވާލާ މީހުންނާ މެދު ފިޔަވަޅު އެޅުން އަވަސްކުރުމަށް ގޮވާލައި އެމްޑީޕީން މައްސަލައެއް ހުށަހެޅުމުން، އިދިކޮޅުން މިއަދު ވަނީ މީހުންނާ މެދު ނަފުރަތު އުފެއްދުމުގެ އެމްޑީޕގެ ދައުރު ކުޑަ ނޫންކަމަށް ބުނެ ފާޑުކިޔައިފަ އެވެ.

އެގޮތުން މޭޔަރު ޑރ. މުހައްމަދު މުއިއްޒާ މެދު ނަފުރަތު އުފެއްދުމަށް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނުގައި އެމްޑީޕީން ގެންގުޅުނު ބަސްމަގަކީ "ހޭޓް ސްޕީޗް" ކަމަށް އިދިކޮޅު މެމްބަރުން މިއަދު ވަނީ ފާހަގަކޮށްފަ އެވެ.

ހަމައެއާއެކު ކުރީގެ ރައީސް، މައުމޫން އަބްދުލްގައްޔޫމް އާމެދު ނަފުރަތު އުފެއްދުމަށް ކަންކަން ކޮށްފައި ހުރީ ކޮން ބައެއްތޯ ބެލުން ވެސް މުހިންމު ކަމަށް އިދިކޮޅުން ފާހަގަކުރި އެވެ.

comment ކޮމެންޓް