ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަކީ ރައްޔިތުންގެ ވޯޓުން ގެނައި ވެރިކަމެއް، ވައްޓާލަން ބަޣާވާތެއް ކުރުމުގެ މޭސްތިރި ކަމަށާއި، އެމަނިކުފާނަށް "ބާޣީ" ނޫން އެއްޗެއް ނުކިޔޭނެ ކަމަށް އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވިދާޅުވެއްޖެ އެވެ.
ޑރ. ވަހީދުގެ ދެކަނބަލުން އިއްޔެ ކަސްރަތަށް ނުކުމެވަޑައިގެން އުޅުއްވަނިކޮށް އެމްޑީޕީގެ އެކްޓިވިސްޓަކު އަނގަބަހުން ހަމަލާދިން ކަމަށް ބުނާ މައްސަލާގައި އޭމަނިކުފާނު ދޮގު ހެއްދެވި ކަމަށް ބުނެ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ވަނީ ހުށަހަޅައިފަ އެވެ.
އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ހުށަހެޅުއްވި މައްސަލައަށް ބަހުސްކުރެއްވި ހުރިހާ މެމްބަރުން ވެސް ވަނީ، އެމްޑީޕީ އެކްޓިވިސްޓް، ޑރ. ވަހީދަށް "ބާޣީ" ކިޔުން ދިފާއުކުރައްވައިފަ އެވެ.
މައްސަލައަށް ބަހުސްކުރައްވަމުން، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވީ، ޑރ. ވަހީދަށް "ބާޣީ" އޭ ގޮވާ ވަރު މަދު ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް އެ ގޮވުމަށް ނިމުމެއް ނާންނާނެ ކަމަށެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ ހަސަން ލަތީފް ވިދާޅުވީ ޑރ. ވަހީދަށް ރައްޔިތުން އިތުރު ނަމަކުން މުހާތަބުކުރާނެ ކަމަށް، އެމަނިކުފާނު ހީފުޅުކުރައްވާތީ ހައިރާންވެވަޑައިގަންނަވާ ކަމަށެވެ.
ހަސަން ލަތީފް ވިދާޅުވީ "ބަޣާވާތެއް ކޮށްގެން ހުންނެވި ބާޣީ ވަހީދަށް" ދިވެހި ރައްޔިތުން މުހާތަބުކުރާނެ އިތުރު ނަމެއް ނޯންނާނެ ކަމަށާއި، އެއީ މައްސަލަ ޖައްސަން ޖެހޭ ކަމެއް ނޫން ކަމަށެވެ.
"ބަޣާވާތް ކުރާ މީހުންނަށް ކިޔަނީ ބާޣީން. އެހެންވީމަ މުހައްމަދު ވަހީދު ހަސަންމަނިކު ވަނީ ބާޣީއަކަށް. އެހެންވީމަ ދެން އާނައާ މުހާތަބު ކުރަނީ ބާޣީ ވަހީދުގެ ނަމުން. އަދި މުހާތަބު ކުރާނީވެސް ބާޣީ ވަހީދުގެ ނަމުން،" މެމްބަރު ވިދާޅުވި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް ވަނީ، ޑރ. ވަހީދަށް އެމްޑީޕީ އެކްޓިވިސްޓަކު ހަމަލާއެއްދީ މާރާމާރީ ހިންގާފައިވާ ކަމަށް ދޭހަވާ ފަދަ ގޮތަކަށް އެމަނިކުފާނު ފުރަތަމަ ޓުވީޓު ކުރައްވާފައިވާތީ އެކަން ކުށްވެރިކުރައްވައިފަ އެވެ.
މީކާއީލް ވިދާޅުވީ ޑރ. ވަހީދު ވިދާޅުވާ އެކްޓިވިސްޓް، ޖަައުފަރަށް އެތައް އަހަރުތަކެއް ވަންދެން ލިބެމުން އަންނަ ވޭނާއި ކެކުޅުންތަކުގެ ބަދަލުގައިި އޭނާއަށް ވޭން ދިން ފަރާތަށް "ބާޣީ" އޭ ގޮވާލީމާ އޭނާއާ ދެކޮޅަށް ބޮޑު ފުލުހުންގެ ތަހުގީގެއް ފެށުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ، ހަތެއް ފެބުރުއަރީއަށް ފަހު، ދިވެހި ރައްޔިތުން އެހެން ގޮތެއް ހޯދަން މަސައްކަތް ފެށުމުން، އެދުވަހު ހިނގާދިޔަ ކަންކަން ރައްޔިތުން ހަނދާން ނެތުނީ ކަމަށް ޑރ. ވަހީދަށް ހީފުޅުކުރެއްވުނީ ކަމަށެވެ.
"ބާޣީ ވަހީދު އިސްވެހުންނަވައި ކުރެއްވި ބަޣާވާތް އެއްވެސް ހާލަތެއްގައި އަޅުގަނޑުމެން، ދިވެހި އެއްވެސް ރައްޔިތަކު ހަނދާން ނެތުނީއެއް ނޫން. އަދި މައާފު ކުރީކީވެސް ނޫން. އެހެން ނަމަވެސް އަޅުގަނޑުމެން އަޅުގަނޑުމެންގެ ދިރިއުޅުމަށް އެހެން ގޮތެއް ހޯދާން ބޭނުންވީމަ، ކުރިއަށް ދާން ބޭނުންވީމަ އަޅުގަނޑުމެން ކުރިއަށް ދިޔައީ. އޭގެ މާނައަކީ އެއްވެސް ހާލެއްގައި އަޅުގަނޑުމެން މައާފު ކުރީއެކޭ ނޫން،" އީވާ ވިދާޅުވި އެވެ.
އީވާ ވިދާޅުވީ ހަތެއް ފެބުރުއަރީއާއި، އެދުވަހާ ގުޅިގެން ދެން ހިނގައިދިޔަ ހުރިހާ ބޭއިންސާފަކަށް އަދިވެސް އިންސާފު ހޯދަން ބޭނުންވާ ކަމަށާއި އިންސާފު ހޯދަން ކުރާ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށެވެ.
އީވާ ވިދާޅުވީ ޑރ. ވަހީދަށް "ކާޅު ވަހީދު" ކިޔަނީ، އެމަނިކުފާނުގެ ހަމުގެ ކުލަޔަށް މަލާމާތް ކުރުމަށް ކަމަށް ވިދާޅުވެ، ޖޯޖް ފްލޮއިޑުގެ މަރާ ގުޅިގެން ނަސްލީ ތަފާތުކުރުމާ ދެކޮޅަށް އެމެރިކާގައި ކުރަމުން އަންނަ މުޒާހަރާތަކުގެ ތެރެއަށް ވެސް ޑރ. ވަހީދު ވަދެވަޑައިގަންނަން މަސައްކަތް ކުރައްވާ ކަމަށެވެ.
"ކާޅޭ ކިޔަނީކީ ކަޅުވީމަކާ ނޫނޭ. ކާޅޭ ކިޔަންފެށީ ޖަހައިގަތީމަ. ވައްކަން ކުރީމަ. ބައެއްގެ އިންސާފާ ބައެއްގެ ވޯޓާ ބައެއްގެ އަސާސީ ހައްގު ޖަހައިގަތީމަ. ޖައުފަރު ބާޣީ ވަހީދަށް ބާގީ ވަހީދޭ ކީމަކާ އަޅުގަނޑުމެނެއް ނުޖެހޭ، ޖައުފަރު އިއްޔެ ބާޣީ ވަހީދޭ ގޮވީ ކީއްވެތޯ ބަލާކަށް ނުޖެހޭ. އަޅުގަނޑުމެންނަށް އިނގޭ ކީއްވެގެންކަން. އަށް އަހަރު މިވަނީ ޖައުފަރުގެ އަސާސީ ހައްގު ނިގުޅައިގަނެ އަނިޔާ ކުރިތާ،" އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ އަވަށްޓެރި ގައުމުތަކުގެ ވެރިން ޓެގުކުރައްވައި، ޑރ. ވަހީދު ޓުވީޓުކުރެއްވީ "ކުޓުވުމަށް" ކަމަށެވެ.
"ބާޣީ ވަހީދަކަށް އެނގިވަޑައެއް ނުގަންނަވާ އެ ވެރީންނަކީ ބޮޑެތި ސިންގާހާ ގައުމުތަކުގެ ބޮޑެތި ސިންގާހާ އިންތިހާބު ކާމިޔާބުކޮށްލައިގެން ވެރިކަމަށް ވަޑައިގެން ތިއްބެވި މީހުން ކަމެއް. މީނަގެ މި ކުޓުވުން އަޑުއަހާނެ ފަސް ޕަސެންޓު މީހުން ވެސް ނުވި ދިވެހި ރައްޔިތުންގެ ފަސް ޕަސެންޓު މީހުން ވެސް ނުވި މީނަގެ ކުޓުވުން އަޑުއަހާނެ،" އީވާ ވިދާޅުވިއެވެ.
ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ ޑރ. ވަހީދަށް "ބާޣީ" ނޫން އެހެން ނަމެއް ކިޔޭނެ ގޮތެއް ނެތް ކަމަށެވެ.
"އަދިވެސް ރައްޔިތުންނަށް މަގުމައްޗެއް ނޫން ކޮންމެ ތަނަކުން ފެނުނަސް ގޮވާނެ ބާޣީއޭ. ރައީސް އޮފީސްތެރޭ ކަމަކު ވަދެ އިންދާ ފެނުނަސް ގޮވާނެ ބާޣީއޭ،" މެމްބަރު ވިދާޅުވިއެވެ.
އިލްޔާސް ވިދާޅުވީ ޑރ. ވަހީދު ފަދަ ބޭފުޅަކު ދުވަހަކު ވެސް "ދޫކުރެވޭނެ ގޮތެއް" ނޯންނާނެ ކަމަށާއި އެމަނިކުފާނަށް މައާފުވެސް ނުކުރެވޭނެ ކަމަށެވެ. އަދި އިންސާފު ހޯދުމަށް ކުރާ މަސައްކަތް ކާމިޔާބު ނުވެއްޖެނަމަ، ދަރިން ލައްވައި ވެސް އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް އިލްޔާސް ވަނީ ވަސިއްޔަތް ކުރައްވައިފައެވެ.
"ހަނދާނެއް ނުނެތޭ، މައާފެއް ވެސް ނުކުރަން. އަދިވެސް އެދުވަސް ހަނދާން އެބަހުރި މިއަދު ވީ ކަމެއް ހެން،" އިލްޔާސް ވިދާޅުވިއެވެ.
ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް ވިދާޅުވީ، ރާއްޖެ ގައުމެއްގެ ގޮތުގައި ދެމިއޮތްހާ ދުވަހަކު، ޑރ. ވަހީދަށް "ބާޣީ" އޭ ގޮވާނެ ކަމަށެވެ. އަދި އިއްޔެ ހެނދުނު ޑރ. ވަހީދަށް ދިމާވީ އަދި "ކުޑަ ވަރެއް" ކަމަށް ވެސް ވިދާޅުވިއެވެ.
"ލޮކްޑައުންުން ނެއްޓިގެން ތި ދިމާވީ ކުޑަ މިންވަރެކޭ. އެއީ ދައުލަތުން ދީފިއްޔާ ހާއްސަ އެހީ ލިބެންޖެހޭ ނިކަމެއްޗަކާއޭ. އަދި ހެޔޮވަރު މީހަކާ ދިމާވެއްޖެއްޔާ ދެވަނަ ދުވަހު ކަސްރަތަކަށް ނުނުކުންނާނޭ،" މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ ޑރ. ވަހީދަށް ރައްޔިތުން "ބާޣީ" އޭ ކިޔަނީ އެއްވެސް ވަރެއްގެ އިހުލާސްތެރިކަމެއް ނެތުމުން ކަމަށެވެ.
"އަޅުގަނޑަށް ފެނުނަސް ގޮވާނަން، ނުގޮވައެއް ނުހުންނާނަން. ގެންދަންޏާ ގެންދަންވީ،" މެމްބަރު ވިދާޅުވިއެވެ.
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ޑރ. ވަހީދަކީ ދުވަހަކު ވެސް ރާއްޖޭގެ ވެރިކަމަށް ވަޑައިގަނެވޭނެ ބޭފުޅެއް ނޫން ކަމަށާއި، ވެރިކަމަށް ވަޑައިިގަތީ ލިބުނު ކުޑަކުޑަ ފުރުސަތެއްގައި، ބަޣާވާތެއް ކުރައްވައި "ކާޅެއްހެން ގޮސް" ވެރިކަން ފޭރިިގަނެގެން ކަމަށެވެ.
"އަޅުގަނޑުމެން މި ވާހަކަތައް ހަނދާން ނުނެތޭނެ. މި ވާހަކަތައް ދަރިންނާ ދަރިންގެ ދަރީންނަށް ވެސް ކިޔައިދެމުން ގެންދާނަން،" އިމްތިޔާޒް ވިދާޅުވިއެވެ.