މުއިއްޒުގެ އެކްޝަން ޕްލޭނުން ވެރިރަށް ބަދަލުކޮށްލެވޭނެތަ؟

މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ސިޓީގެ މޭޔަރުކަަމަށް ވާދަކުރައްވާނެކަން އިއުލާނުކުރެއްވުމަށްފަހު، "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އިންތިހާބުވެވަޑައިގެންފިނަމަ، މާލެއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށެވެ. ގިނަ ބަޔަކު އުންމީދުކުރި ގޮތާ ހިލާފަށް، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ބޮޑު ތަފާތަކުން މުއިއްޒު ވަނީ މޭޔަރުކަމަށް އިންތިހާބުވެފަ އެވެ. އަދި މިއަދު ވަނީ ހުވާކުރައްވައި، ރަސްމީކޮށް މަސައްކަތާ ހަވާލުވެވަޑައިގެންފަ އެވެ.

ހުވާކުރުމުގެ ރަސްމިއްޔާތަށް ފަހު މިއަދު ބޭއްވި، މާލޭ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދަައުރުގެ ފުރަތަމަ ބައްދަލުވުމަށް ވެސް މޭޔަރު ވަޑައިގެންނެވީ ވަރުގަދަ އެކްޝަން ޕްލޭންއަކާ އެކު އެވެ. އެ އެކްޝަން ޕްލޭންގައި ވަނީ "ރައްޔިތުން އެދޭ އަމާޒަށް" މާލެ ގެންދިއުމަށް، ކުރިއަށް އޮތް ފަސް އަހަރު ކުރާނެ ކަންތައްތަކެވެ.

މައިގަނޑު ހަތް އަމާޒެއް ހިފައި، އެކުލަވާލާފައިވާ އެކްޝަން ޕްލޭންގައި، މާލެ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމުގައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ގިނަ ކަންތައްތަކެއް ވަނީ ހިމަނައިފަ އެވެ. އަދި މާލެ އަކީ "ޗާލު" އަދި ހިތްފަސޭހަ ތަނަކަށް ހެދުމަށް ވެސް ގިނަ ޕްލޭންތަކެއް އެބަހުއްޓެވެ. ހަމައެއާއެކު މާލެ ސިޓީ އަކީ ޑިޖިޓަލް ތަނަކަށް ހަދައި، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް ވެސް ކަންކަން ރާވާފައި އެބަހުއްޓެވެ.

އެންމެ ނިކަމެތި މީހުންގެ ހިޔާވަހިކަމަށް އިސްކަން!

ސިޓީ ކައުންސިލްގެ އެކްޝަން ޕްލޭންގައި އެންމެ ބޮޑު އިސްކަމެއް ދީފައި އޮތީ މާލެ ސިޓީގެ ރައްޔިތުންނަކީ ބިންވެރި ބަޔަކަށް ހެދުމަށެވެ. އެގޮތުން މާލެ އަދި ވިލިމާލޭގެ ބިން އެންމެ ހެޔޮގޮތުގައި ބޭނުންކުރުމަށް ލޭންޑް ޔޫޒް ޕްލޭނެއް ހަދައި، އެންމެ ނިކަމެތި ރައްޔިތުންނަށް ހައުސިން މަޝްރޫއެއް ހިންގަން ވަނީ ހިމަނައިފަ އެވެ. ހަމައެއާއެކު ވިލިމާލޭގައި ރައްޔިތުންގެ ގޯތީގައި އިމާރާތްކުރެވޭ އުސްމިން 10 ބުރިއަށް ބަދަލުކުރުމަށް މަސައްކަތްކުރަން ވެސް ހިމަނާފައިވެ އެވެ.

މޭޔަރު މިއަދު ވިދާޅުވީ ގުޅީފަޅަކީ މާލޭ ރައްޔިތުންގެ ގެދޮރުގެ މައްސަލަ ހައްލުކުރަން ތަރައްގީކުރެވޭ ތަނަކަށް ހެދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ. އަދި މާލޭގެ ދަފްތަރުގައި ޖެހިފައިތިބި ރައްޔިތުންނަށް ގެދޮރުގެ މައްސަލަ ހައްލުކުރާނެ ގޮތުގެ މަގު ޗާޓެއް ކަނޑައަޅާ އެ މަގުޗާޓާ އެއްގޮތަށް އަމަލުކުރަންފެށެންދެން، އަދި ދަފްތަރުގައި ޖައްސާ އުސޫލު އިސްލާހު ކުރެވެންދެން ދަފްތަރުގައި ޖެއްސުން ހުއްޓާލަން އެކްޝަން ޕްލޭންގައި ހިމަނާފައިވެ އެވެ.

މާލެ މަތިން -- ސަން ފޮޓޯ/ ފަޔާޒް މޫސާ

އޭގެ އިތުރުން، ސިނަމާލެ، މާލެހިޔާ ފުލެޓުތައް މަރާމާތު ކުރުމާއި، ފްލެޓް ތައް ބަލަހައްޓާ އޮފީސް ގާއިމްކުރުމާއި، ހުޅުމާލެގެ ރަޖިސްޓްރީއަށް ބަދަލުވާން އެދިފައިވާ ފަރާތްތަކުގެ ރަޖިސްޓްރީ ބަދަލުކުރުން އަވަސްކުރުވުން ވެސް ޕްލޭންގައިވެ އެވެ.

ތިމާވެށްޓާ ރައްޓެހި، ފެހި އަދި ޗާލު މާލެއަކަށް އަމާޒު!

އެކްޝަން ޕްލޭންގައި އެންމެ ގިނަ ކަންކަން ހިމަނާފައި ވަނީ، މާލެ ސިޓީއަކީ ޗާލު ތަނަކަށް ހެދުމަށެވެ. އެގޮތުން އެންމެ ފުރަތަމަ ކަމަކަށް ހިމަނާފައި ވަނީ މިސްކިތްތަކުގެ މިހާރުގެ ހާލަތު ދެނެގަނެ އާބާތުރަ ފިލުވާ، ރީތިކޮށް ބަލަހައްޓާ މިސްކިތްތަކުގެ ގަދަރު ހިފެހެއްޓުމެވެ. އޭގެ އިތުރުން ޕާކުތަކާއި މައިޒާންތަކުގެ އާބާތުރަ ފިލުވައި، ބެލެހެއްޓުމާއި އިތުރު ޕާކުތަކާ މައިޒާންތައް ބިނާކޮށް، މާލޭގައި ހިންގާ ގަރާޖު، ވޯކްޝޮޕް އަދި ގުދަންތައް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުން ހިމެނެ އެވެ.

ފެހިކަން ގެއްލިފައިވާ މާލެ ސިޓީ އަލުން ފެހި ކުރުމަށް، ރައްޔިތުންގެ ބައިވެރިވުމާއި އެކު މާލެ ސިޓީގައި "1 ލައްކަ ގަސް" އިންދުމުގެ ޕްރޮގްރާމެއް ހިންގަން ވެސް ވަނީ ރާވައިފަ އެވެ. އޭގެ އިތުރުން، ސިއްހަތާއި ރައްޓެހި އީ-ބައިކް ނިޒާމް ތައާރަފުކޮށް ދެމެހެއްޓުން ފާހަގަކޮށްލެވެ އެވެ. މާލެ އަކީ ޗާލު ތަނަކަށް ހެދުމަށް ހިނގާފައި އުޅޭ ގޯޅިތައް އިތުރުކޮށް، ހިތްފަސޭހަ މަންޒިލުތަކަކަށް ބަދަލު ކުރަން އެކްޝަން ޕްލޭންގައިވެ އެވެ.

ބައިނަލް އަގްވާމީ ފެންވަރުގެ އިވެންޓް ވެނިއު ސަރަހައްދެއް މާލެ ސިޓީގައި ގާއިމްކުރަން ނިންމާފައި ވާއިރު، މާލެއާއި ވިލިމާލޭގެ އެކި ސަރަހައްދު ތަކުގައި ފުޓްސަލް ދަނޑާއި ވޮލީ، ބާސްކެޓުބޯޅަ އަދި ނެޓްބޯޅަ ކޯޓުތައް ހެދުމަށް ޖާގަ ކަނޑައަޅައި، އައުޓް ޑޯ ޖިމްތައް ގާއިމުކުރަން ވަނީ ރާވައިފަ އެވެ.

މާޗް 2، 2021: ސިނަމާލެ ބްރިޖް ސަރަހައްދުގައި ހަވީރު ބާރުބޮޑުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ ބަނދަރު ސަރަހައްދުތަކުގެ ޓްރެފިކަށް ލުޔެއް ގެނެސްދިނުމަށް ދަތުރުވެރިންނަށް ހާއްސަ ކަންކަން ފަހިކޮށްދޭން މަސައްކަތް ކުރާނެ ކަމަށް ޕްލޭންގައިވެ އެވެ. އެ ޕްލޭންގައި ބުނެފައި ވަނީކަމާބެހޭ މާހިރުންގެ ލަފާއާއި ހެދިފައި ހުރި ގާނޫނުތަކާއި ގަވައިދުތަކާއި އެއްގޮތަށް މާލޭ ތެރޭގެ މަގުތަކާއި އާންމު ތަންތަނުގައި އުޅޭ ބުޅަލާއ މެދު ކަންކުރާނެ ގޮތެއް ނިންމާނެ ކަމަށެވެ.

މާލޭ މަސްވެރިންގެ މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުގައި ހުރި މައްސަލަތައް ހައްލުކުރުމަށާއި، އެތަންތަން ޒަމާނީކޮށް ވިލިމާލޭގައި މާރުކޭޓުތައް ގާއިމުކުރަން އޮތީ ރާވައިފަ އެވެ.އަދި ނީލަން ފިހާރަ އާމެދު ވެސް ދާއިމީ ގޮތެއް ނިންމާނެ ކަމަށް ބުނެފައިވެ އެވެ.

"ސާފުމަގު" މަޝްރޫއު ތައާރަފްކޮށް، ރަށްވެހިންގެ އެއްބާރުލުމާއެކު ކުރިއަށް ގެންދަން ނިންމާފައިވާއިރު، "ހިތްގައިމު ފަރު"ގެ ނަމުގައި މޭލެ ވަށައިގެންވާ ފަރާއި، ފަޅުތެރެ ދެމެހެއްޓެނެވި ގޮތެއްގައި ސާފުކުރަން ޕްރޮގްރާމެއް ކުރިއަށް ގެންދަން ވެސް ވަނީ ނިންމައިފަ އެވެ. .

ހަމައެއާއެކު، "ޕްލާސްޓިކާއި ދުރުވަމާ" ގެ ނަމުގައި މާލެއަކީ ޕްލާސްޓިކް މަދު ސިޓީއަކަށް ހެދުމަށް ޕްރޮގްރާމެއް ހިންގަން ވެސް ވަނީ ރާވައިފަ އެވެ.

ލެޑް ބޯޑުތަކުން ޓްރެފިކްގެ ލައިވް އަޕްޑޭޓް! ޑީވޯޓާ ނިޒާމާއި ސްކޫލް ބަސް!

މާލެ ޗާލުކުރުމުގެ އިތުރުން، މާލެ ސިޓީގެ މަގުތައް ހިތްފަސޭހަ ކުރުމަށް ވެސް ގިނަ ކަންތައްތަކެއް އެކްޝަން ޕްލޭންގައި އެބަހުއްޓެވެ. އެގޮތުން މަގު ބަންދުކުރުމަކީ ރައްޔިތުންގެ ރުހުމާއި ބައިވެރިވުމާއިއެކު ކުރެވޭ ކަމަކަށް ހަދައި، ވެހިކަލްތަކަށް ލިބެމުންދާ ގެއްލުން ކުޑަކުރުމަށް ހުރިހާ މަގެއް ރަނގަޅު ފެންވަރަކަށް ހަދަން، އެންމެ އިސްކަމެއްދޭ ކަމެއްގެ ގޮތުގައި ވަނީ ހިމަނައިފަ އެވެ. އޭގެ ތެރޭގައި، ބޮޑެތި ހުރިހާ މަގެއްގައި ޒަމާނީ ފެންވަރަށް ތާރު އެޅުމާއި، ގޭގެއަށް ވަދެ ނުކުމެވޭ ގޮތަށް ޕޭވްމަންޓު ޑިޒައިންކޮށް ޕާކު ކުރާގޮތް އިސްލާކުރުން ހިމެނެ އެވެ.

ހަމައެއާއެކު، "ފަސޭހަމަގު" އެޕް އިތުރަށް ތަރައްގީކޮށް، ފުޅާ ދާއިރާއެއްގައި ބޭނުންކުރަން ފެށުމާއި، ޕާކިން މައްސަލައަށް، "ޖީބަށް ލުއި" ދެމެހެއްޓެނިވި ހައްލެއް ގެނެސްދިނުމަކީ އެކްޝަން ޕްލޭންގެ މުހިންމު އަމާޒެކެވެ. މަގުމަތި ހިތްފަސޭހަ ކުރުމަށް، މަގުމަތީގައި ހުންނަ ބާ ވެހިކަލްތައް ނައްތާލާނެ އެވެ.

އޭގެ އިތުރަށް، މާލޭގެ އެކި ސަރަހައްދުތަކުގައި ލެޑް ސައިން ބޯޑުބަހައްޓާ، ޓްރެފިކް ލައިވް އަޕްޑޭޓް ފެންނާނެ ގޮތް ހަދަން ކައުންސިލްގެ އެކްޝަން ޕްލޭންގައިވެ އެވެ. އަދި މަގު ބަންދާއި ބެހޭ ލައިވް އަޕްޑޭޓް ފަދަ ހާއްސަ މެސެޖުތައް ދޭނެ ނިޒާމެއް ގާއިމުކުރަން ވަނީ އަމާޒު ހިފައިފަ އެވެ.

ބިމު އަޑީގައި ޑީވޯޓަރ ކުރުމަށް ހާއްސަ ނެޓްވޯކެއް ގާއިމްކުރުމުގެ އިތުރުން، މާލޭގެ މަގުތަކުގައި ހުރިހާ ކޭބަލެއް ވަޅުލުމަށް އެއް އިންފްރާސްޓްރަކްޗާ ނެޓްވޯކެއް ގާއިމުކުރުމަކީ ވެސް ކުރަން އޮތް މުހިންމު މަސައްކަތެކެވެ. މާލޭގެ މަގުތަކާއި ގޯޅިތަކާއި ޕާކުތަކާއި އެހެނިހެން ސަރަހައްދުތަކަކީ ރޭގަނޑު ދިއްލިފައި ހުންނާނެ ތަންތަން ކަން ކަށަވަރުކޮށް، މާލޭގެ މަގުތަކުގެ ހުރިހާ ކާނެއް ސާފުކޮށް ރަނގަޅު ކުރުމާއި، މަގުތަކަށް ކިޔާ ނަންތައް ސާފުކޮށް އެނގޭނެ ހެން، މަގުތަކުގައި ނަން ބޯޑު ހަރުކުރަން ވެސް އެކްޝަން ޕްލޭންގައި އެބަ އޮތެވެ.

މެއި 28، 2020: މާލޭގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރިއަށް ދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭގެ އިތުރުން، ކޮންސްޓްރަކްޝަން ސައިޓް ތަކުން އާންމުންނަށް ލިބިދޭންޖެހޭ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކުރ ާމަސައްކަތް ހަރުދަނާކޮށް، މަގު ހިނގާ މީހުންގެ ގަޔަށް ފެން ތިކި ތެޅޭގޮތަށް ހުންނަ އޭސީ އައުޓްޑޯ ޔުނިޓު ފަދަ ތަކެތިން ލިބޭ އުނދަގޫ ހައްލުކުރަން ގޮތްތަކެއް ކަނޑައަޅާނެ ކަމަށް ބުނެފައިވެ އެވެ.

ޕަބްލިކް ބަސް ހިދުމަތާއި، ސްކޫލް ބަސް ހިދުމަތް މާލޭގައި ދޭން ފަށާނެ ކަމަށް މި އެކްޝަން ޕްލޭންގައި ވެސް އެބަ އޮތެވެ. އަދި ޓްރެފިކާއި ހިނގާ މީހުންނަށް ލުއިވާނޭ ގޮތަށް، މަގުތަކުގައި ޕާކް ކޮށްފައި ހުންނަގޮތަށް ބަދަލު ގެނައުން ވެސް ފާހަގަކޮށްލެވެ އެވެ.

އަންހެންވެރިންނަށް ހާއްސަ މާރުކޭޓުތަކެއް!

ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމުގެ ގޮތުން، ޒުވާނުންނަށް ވޮކޭޝަނަލް ޓްނެއިނިންގ ފުރުސަތުތައް ތައާރަފުކޮށް ހިންގުމަށް އެކްޝަން ޕްލޭންގައި ވަނީ އިސްކަމެއް ދީފަ އެވެ. ހަމައެއާއެކު، މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި އަންހެންވެރިންނަށް ހާއްސަކޮށް، "ކަނބަލުންގެ އުފެއްދުންތެރިކަމާއި ތަރުކާރީ މާރުކޭޓު" ގާއިމުކުރަން ވަނީ ނިންމައިފަ އެވެ.އެކްޝަން ޕްލޭންގައި ބުނެފައި ވަނީ، ޖާގައިގެ ގޮތުން ދެ ޖިންސަށް ވެސް ހަމަހަކަމާއެކު، ވިޔަފާރި ފެށުމަށް ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށެވެ.

ހުޅުމާލެ ބީޗާ ގުޅޭގޮތުން އެކްޝަން ޕްލޭންގައި ހިމަނާފައިވާ ކަމަކީ ރައްޔިތުން މާ ހިތްހަމަޖެހޭ ބަދަލަކަށް ނުވެދާނެ އެވެ. އެކްޝަން ޕްލޭންގައި ބުނެފައި ވަނީ އިރުއޮއްސި ހަޔަކުން ފެށިގެން ވިޔަފާރި ވަގުތު ބަންދުވުމާ ހަމައަށް ހުޅުމާލެ ބީޗް ގެސްޓް ހައުސް، ކެފޭ، ރެސްޓޯރެންޓް ވިޔަފާރީތަކަށް ބޭނުންކުރެވޭ ގޮތަށް ހަމަޖައްސާނެ ކަމަށެވެ. އާންމުންނަށް ބީޗު ބޭނުންކުރެވޭނީ ފަތިހު ފަހަކުން އިރުއޮއްސި ހަޔަކަށެވެ.

ފެބްރުއަރީ 2، 2019: ހުޅުމާލެ ބީޗް ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވިލިމާލޭގެ ރައްޔިތުންނަށް ފައިދާވާ ގޮތަށް ވިލިމާލޭގެ ބަނދަރު ބޭނުން ކުރެވޭގޮތަށް ބަދަލުކުރާއިރު، ވިލިމާލޭގެ ސިނާއީ ސަރަހައްދު ބޭނުންކުރަމުންދާގޮތް އިސްލާހުކުރާނެ ކަމަށް ބުނެފައިވެ އެވެ. އަދި ހުޅުމާލެ މަގުތަކާއި ބީޗް ކުނިކަހާ މީހުންގެ އުޖޫރަ މަތިކޮށްދިނުމަށް މަސައްކަތްކުރުމާއި، ހުޅުމާލޭގައި ފަރުމަހަށް ދާ މަސްވެރިންނަށް ފަރު މަހަށް ހާއްސަ މާރުކޭޓެއް ގާއިމުކޮށްދިނުން ހިމެނެ އެވެ.

މުޅި މާލެ ސިޓީ ވައިފައިކޮށްލަނީ!

މާލެ ސިޓީ ކައުންސިލްގެ ހުރިހާ މައުލޫމާތެއް އެއް ޕްލެޓްފޯމަކުން ފަސޭހައިން ހޯދާލެވޭގޮތަށް މުޅި މާލޭ ސިޓީ ކައުންސިލްގެ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް ގޭގައި ތިބެގެން ހިދުމަތްތައް ހޯދަން ފަސޭހަވާނެ މަގު ފަހިކޮށްދިނުމަށްޓަކައި "ޑިޖިޓަލް މާލެ" މަޝްރޫއެއް ފަށަން އެކްޝަން ޕްލޭންގައިވެ އެވެ. އެގޮތުން މާލެ ސިޓީ ކައުންސިލްގެ ހިދުމަތްތަކާ ގުޅޭ ރައްޔިތުންގެ ޝަކުވާތައް އަޑުއެހުމަށްޓަކައި 24 ގަޑިއިރު ރައްޔިތުންނަށް ހިދުމަތް ދޭ ކޯލް ސެންޓަރެއް ގާއިމްކުރާނެ އެވެ.

"ޑިޖިޓަލް މާލެ" މަޝްރޫއުގެ ދަށުން ހުރިހާ ފަރާތްތަކުގެ ސީސީޓީވީ ވަސީލަތްތައްތަކުގެ ލިންކުތައް އެއްކޮށް މުޅި މާލެ ސިޓީ
އެއް ނެޓްވޯކަކުން ގުޅާލައި ސީސީޓީވީ ހިދުމަތުން މުޅި މާލެ ސިޓީ މޮނިޓާކުރެވޭނެ ނިޒާމު ގާއިމުކުރަން ޕްލޭން ކޮށްފައި އެބަ އޮތެވެ. އަދި މުޅި މާލެ ސިޓީ ވައިފައި ކުރާނެ ކަމަށް ޕްލޭންގައި އެބަ އޮތެވެ.

އިދާރީ ހިންގުން ހަރުދަނާކުރަން ފިޔަވަޅުތަކެއް!

ރައްޔިތުންނަށް ގާތުން ހިދުމަތްދީ، ރައްޔިތުންނަށް އަމިއްލަ ސިޓީގެ ކަންކަމާ ޒިންމާދާރުވުމުގެ އިހުސާސްވާން ފެށުމަށްޓަކައި މާލެ ސިޓީގެ ކޮންމެ ބްލޮކެއް ވަކިން ބަލަހައްޓަން ފަސޭހަވާނޭގޮތަށް ކޮންމެ ބްލޮކަކަށް ވެރިއެއް، އެ ބްލޮކަކުން އެ ބްލޮކެއްގެ ރައްޔިތުންގެ ހިޔާލާއިއެކު ކަނޑައަޅަން އެކްޝަން ޕްލޭންގައި ހިމަނާފައިވެ އެވެ.

ހުޅުމާލެ އަކީ ސިޓީކައުންސިލުގެ ސީދާ ބެލުމުގެދަށުން މުނިސިޕަލް ހިދުމަށްދޭ ތަނަކަށް ހެދުމާއެކު، ސިޓީ ކައުންސިލްގެ މާލޭ އޮފީސްތަކުން ލިބޭ ހުރިހާ ހިދުމަތެއް ސިޓީކައުންސިލްގެ ވިލިމާލޭ އޮފީހުންވެސް ލިބޭގޮތަށް އިންތިޒާމުތައް ރާވާނެ އެވެ.

ސިޓީ ކައުންސިލުގައި ހުރި ގޯތި ގެދޮރާއި ބެހޭ ފޯމުތައް ފަދަ ލިޔެކިޔުންތަކާއި ކުރެހުންތައް ޑިޖިޓަލައިޒްކޮށް ޚިދުމަތް ދިނުމުގައި ފަސޭހަކަމާއި އެކު އޭގެ ބެނުންހިފޭފަދަ ޑޭޓާބޭސްއެއް ގާއިމުކޮށް، ހުރިހާ ލިޔެކިޔުމެއް ފުރިހަމަކޮށް ހިދުމަތަށް އެދި ހުށަހަޅާ ހުށަހެޅުމެއް ގިނަވެގެން ތިން ދުވަސް ތެރޭގައި ނިންމައިދިނުމަށް ވެސް އަމާޒު ހިފާފައިވެ އެވެ.

ސަރުކާރުގެ އެހެން އިދާރާތަކާއި ގުޅިގެން ވިލިމާލޭގައި ވަން ސްޓޮޕް ސާވިސް ސެންޓަރެއް ގާއިމުކޮށް، ޑީއެންއާރު، އިމިގްރޭޝަން، ޓްރާންސްޕޯޓް އޮތޯރިޓީ ފަދަ އޮފީސްތަކުން ދޭ ހިދުމަތްތައް އެ ސެންޓަރުން ލިބޭނެ ގޮތް ހަދަން ޕްލޭންގައި ވެ އެވެ. އަދި ،

ސިޓީ ކައުންސިލްގައި ތިބޭ ބޭރު މުވައްޒަފުންގެ އަދަދު މަދުކޮށް އެވަޒީފާތަކަށް ދިވެހިން ނަގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހިމެނޭ ގޮތަށް އަވަށު ބޯޑުތައް އެކުލަވާލާ ހިންގަން ފަށާނެ ކަމަށް ބުނެފައިވެ އެވެ.

ރައްޔިތުންނާ ބައްދަލުކުރުން ރަސްމީ މަސައްކަތެއް!

އެކްޝަން ޕްލޭންގައި ބުނެފައި ވަނީ، ގޭގެއަށް ޒިޔާރަތްކުރާނެ ގޮތުގެ ޝެޑިއުލެއް ހަދައި، ކޮންމެ ހަފްތާއަކު ވެސް އެއް ދުވަހު ރަސްމީ މަސައްކަތުގެ ގޮތުގައި ގޭގެއަށް ޒިޔާރަތް ކުރާނެ ކަމަށެވެ. އަދި ގޭގެއަށް ނުދެވޭ ހާލަތުގައި އޮންލައިންކޮށް ވެސް ބައްދަލުކުރާނެ ކަމަށެވެ.

ކޮންމެ އަވަށެއްގައި ރައްޔިތުންނާއި ބައްދަލުކުރެވޭނެ ތަނެއް ގާއިމްކޮށް، ކަނޑައެޅޭ ވަކި ގަޑިތަކެއްގައި އެ ތަންތަނުގައި ކައުންސިލަރުންނާއި ބައްދަލުކުރެވޭނެ ތާވަލެއް ކަނޑައަޅަން ވަނީ ހިމަނައިފަ އެވެ. އަދި މަހަކު އެއްފަހަރު ލައިވް ކުރެވިގެން ރައްޔިތުންނާ ބައްދަލުވުމެއް ބާއްވާނެ ކަމަށް އެކްޝަން ޕްލޭންގައިވެ އެވެ.

comment ކޮމެންޓް