ނޫސްވެރިކަމުގެ މިނިވަން ކަމުގެ ހައްގު ލިބިދިނުމަށް އަބަދުވެސް މަސައްކަތްކުރާނަން: އެމްއެމްސީ

ރައީސް އޮފީހުން ބޭއްވި ޕްރެސްކޮންފަރެންސެއްގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފިސް

ނޫސްވެރިކަމުގެ މިނިވަން ކަމުގެ ހައްގު ލިބިދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް އެ ކައުންސިލުން ބުނެފި އެވެ.

މިއަދު ފާހަގަ ކުރާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅުވައިގެން އެމްއެމްސީގެ ރައީސް ސަހުބާން ފަހުމީ ފޮނުވި ހިތޯބުގައި ވިދާޅުވީ މި 2021 ވަނަ އަހަރަކީ ރާއްޖޭގެ ނޫސްވެރިކަމުގައި އާ ހަރުފަތްތަކެއް ގިރަކުރި އަހަރެއް ކަމަށެވެ.

އެގޮތުން ނޫސްވެރިކަމުގެ މިނިވަންކަން ދަރަޖަކުރާ ޕްރެސް ފްރީޑަމް އިންޑެކްސްގައި މި އަހަރު ރާއްޖެއިން އިތުރު ހަތް ދަރަޖައިގެ ކުރިއެރުމެއް ހޯދައި އެ އިންޑެކްސްގެ 72 ވަނައަށް އަރާފައިވާ ކަމަށާއި މިއީ ދެކުނު އޭޝިއާ ސަރަހައްދުން މިއަހަރުވެސް ފާހަގަކޮށްލެވޭ ކާމިޔާބެއް ކަމަށް އެ ހިތޯބުގައި ވިދާޅުވެފައި ވެއެވެ.

އެމްއެމްސީގެ ރައީސްގެ ބަޔާނުގައި ވިދާޅުވީ ފާއިތުވި ތިން އަހަރުވެސް ނޫސްވެރިކަމުގެ މިނިވަންކަމުގައި، ރާއްޖެއިން އެއް އަހަރަށްވުރެ އަނެއް އަހަރު ކުރިއެރުން ހޯދަމުން ގެންދިއުމަކީ އެ ކައުންސިލުން އުފަލާއެކު ފާހަގަކުރާ ކަމެއް ކަމަށެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގަކަށް ވާއިރު، އެ މިނިވަންކަން އެންމެފުޅާ ދާއިރާއެއްގައި ލިބިދިނުމަށް އެ ކައުންސިލުން އަބަދުވެސް މަސައްކަތް ކުރަމުންދާނެކަމުގެ ޔަގީންކަން ދޭ ކަމަށްވެސް ހިތޯބުގައި ވިދާޅުވެފައި ވެއެވެ.

މިދިޔަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ އެކި މަރުހަލާތައް ކަޑައްތުކޮށް މިއަދު ނޫސްވެރިންނާއި މީޑިއާތައްވެސް މަސައްކަތް ކުރަންޖެހިފައިމިވަނީ އާ އާންމު ހާލަތުގައި ކަމަށާއި ރައްޔިތުންނާ ހަމަޔަށް ހާމަކަމާ ހަމަހަމަ ކަމާއެކު ހަބަރާއި މައުލޫމާތު ފޯރުކޮށްދިނުމުގައި ނޫސްވެރިން އެއްވެސް ވަރުބަލިކަމެއްނެތި މަސައްކަތް ކުރަމުންދާކަމީ ތައުރީފު ހައްގު ކަމެއް ކަމަށް އެމްއެމްސީގެ ރައީސް ވިދާޅުވިއެވެ.

މި އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ޝިއާރަކީ “Information as a Public Good” ނުވަތަ "މައުލޫމާތު ރައްޔިތުންގެ ހައްގެއްގެ ގޮތުގައި" މިއެވެ.

comment ކޮމެންޓް