ރާއްޖެ އިން ހުށަހެޅީ ލީކުވި ޕޭޕަރުތައް އަލުން ހަދަން

-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާރު ކުރިއަށްދާ އެޑެކްސެލް އިންޓަނޭޝަނަލް އޭލެވެލް އިމްތިހާނުގެ ޕޭޕަރުތަކެއް ލީކުވި މައްސަލައިގައި ރާއްޖެއިން އެޑެކްސެލްއަށް ހުށަހެޅި މައިގަނޑު ހުށަހެޅުމަކީ އަލުން އިމްތިހާން ހެދުން ކަމަށް އެޑިއުކޭޝަނުން ބުނެފި އެވެ.

މިދިޔަ ހަފްތާގައި ހެދި ފިޒިކްސް އަދި ބަޔޮލޮޖީ ޕޭޕަރު ވަނީ ލީކުވެފަ އެވެ. އެޑިއުކޭޝަނުން ބުނީ އެ ޕޭޕަރުތައް ލީކުވެފައި ވަނީ ރާއްޖޭގެ ސެންޓަރަކުން ނޫން ކަމަށެވެ. ޕޭޕަރުތައް ލީކުވީ ބައެއް ގައުމުތަކުގައި އިމްތިހާނު ހަދާ ވަގުތާއި ރާއްޖޭގައި އިމްތިހާނު ހަދާ ވަގުތުގައި ތަފާތުތަކެއް ހުރުމުންނެވެ.

ރޭ ރާއްޖެ ޓީވީގެ 'ފަލަ ސުރުހީ' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ ޕޭޕަރު ލީކުވި މައްސަލައިގައި އެޑެކްސެލް އާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

އެކުގައި ޑީޕީއީގެ މައިގަނޑު ހުށަހެޅުމަކީ ދަރިވަރުންނަށް އަލުން އިމްތިހާނު ދެވޭނެ ގޮތެއް ވުން ކަމަށް އިހްސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ އެ މައްސަލައިގައި ވަރަށް އަވަހަށް ގޮތެއް ނިމިގެންދާނެ ކަމަށެވެ. އެހެން ނަމަވެސް އެއީ ބައިނަލްއަގުވާމީ އިމްތިހާނަކަށް ވާތީ، މައްސަލައިގައި ފަހު ބަސް ބުނުމުގެ ބާރު ރާއްޖެއަށް ނޯންނާނެކަން ވެސް އިހްސާން ފާހަގަކުރެއްވި އެވެ.

އިހްސާން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެފަދަ މައްސަލައެއް ދިމާނުވާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެޑެކްސެލް އިން ދީފައިވާ ކަމަށެވެ.

comment ކޮމެންޓް