ސިވިލް ސާވިސް ކޮމިޝަނުގެ ފަސް މެމްބަރުންގެ ތެރެއިން މަދުވެގެން ދެ މެމްބަރުންގެ ގޮތުގައި އަންހެނުން ތިބެން ޖެހޭ ގޮތް ހެދުމަށް ސިވިލް ސާވިސް ގާނޫނަށް ހުށަހެޅުނު އިސްލާހު އުނިކޮށް މަޖިލީހުން ބިލު ފާސްކޮށްފި އެވެ.
މަޖިލީހަށް އެ ބިލު ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެވެ. ބިލު ކޮމިޓީ މަރުހަލާގައި ބަދަލު ކޮށްފައި ވަނީ ސީއެސްސީގެ ދެ ގޮނޑި އަންހެނުންނަށް ހާއްސަ ނުކުރާގޮތަށެވެ. އެ ބިލަށް މިއަދު މަޖިލީހުގައި 68 މެމްބަރުން ވަނީ ވޯޓު ދީފަ އެވެ.
ނަމަވެސް އެ ބިލް ފާސްކުރި އިރު، އެ އިސްލާހުގައި ބުނެފައި ވަނީ ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމުގައި މިންތީގެ ހަމަހަމަ ކަމަށް ބަލަން ޖެހޭނެ ކަމަށެވެ.
ކުރިން ބިލު ހުށަހެޅި އިރު ބިލުގައި ބުނެފައި ވަނީ ސިވިލް ސާވިސް ކޮމިޝަން އެކުލެވިގެން ވަނީ ފަސް މެމްބަރުންގެ މައްޗަށް ކަމަށެވެ. އަދި އެ ކޮމިޝަނުގެ މެމްބަރުންގެ ގޮތުގައި މަދުވެގެން ދެ މެމްބަރުން ތިބެން ޖެހޭނެ ކަމަށެވެ. އެ އިސްލާހު ބިލުން އުނި ކުރި ސަބަބެއް ކަމަށް ބުނެފައި ވަނީ ކޮމިޝަނުގެ މެމްބަރުކަން އެއްވެސް ޖިންސަކަށް ހާއްސަކުރުމަކީ މި ވަގުތަށް މުހިންމު ކަމެއް ނޫން ކަމަށް ވާތީ ކަމަށެވެ.
"ކޮމިޝަނަށް އައްޔަންކުރަން ޖެހޭ ފަރާތްތަކަކީ މަގާމަށް ގާބިލު އަދި އެންމެ އެކަށީގެންވާ ފަރާތްތަކެއް ކަމަށް ކޮމިޓީން ކަށަވަރުކުރަން ޖެހޭއިރު. ކޮމިޝަނުގެ މެމްބަރުން އެއްވެސް ޖިންސަކަށް ހާއްސަކުރުމަކީ މިވަގުތަށް މުހިންމު ކަމެއް ނޫން ކަމަށް." ބިލު ކޮމިޓީއިން ނިންމި ގޮތުގެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
ނަމަވެސް މިންތީގެ ހަމަހަމަ ކަމަށް އިސްކަން ދޭން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.
ސިވިލް ސާވިސް ގާނޫނަށް ދެން ގެންނަން ކޮމިޓީ އިން ނިންމި އިސްލާހުތަކުގެ ތެރޭގައި ޕާމަނަންޓް ސެކްރެޓަރީ ވަޒީފާ އަދާކުރާ މިނިސްޓްރީގެ މިނިސްޓަރަށް ޕާރމަނަންޓް ސެކްރެޓަރީގެ އިތުބާރު ނެތް ކަމަށް ބެލެވޭނެ ހާލަތްތަކެއް ވަނީ ބަޔާންކޮށްފަ އެވެ.
ޕީއެސް ވަކިކުރެވޭނެ ހާލަތްތައް
- އެއިރެއްގައި އޮންނަ ސަރުކާރެއްގެ ސިޔާސަތުތައް ތަންފީޒު ކުރުމަށްޓަކައި އެ އޮފީހެއްގެ މެންޑޭޓުގެ ދަށުން ކުރުމަށް މިނިސްޓަރު ކަނޑައަޅާ މަސްއޫލިއްޔަތުތައް އަދާކުރުމަށް މަގުބޫލު ސަބަބަކާއި ނުލައި އުޒުރުވެރިވުން
- ޕާރމަނަންޓު ސެކްރެޓަރީގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ކަމުގައި އޭނާގެ ވަޒީފާ ބަޔާނުގައި ކަނޑައަޅާފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް މަގުބޫލު ސަބަބަކާ ނުލައި އުޒުރުވެރިވުން
- ޕާރމަނަންޓު ސެކްރެޓަރީގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތާ ތައާރުޒުވާފަދަ އަމިއްލަ މަސްލަހަތެއް ނުވަތަ ފައިދާއެއް ނުވަތަ މަންފާއެއް އޮތް ކަމެއްގައި ޝާމިލުވުން
ޕީއެސް ވަކިކުރެވޭނެ ހާލަތްތަކެއް ބިލަށް އިތުރު ކުރި ސަބަބެއް ކަމަށް ބިލުގައި ބުނެފައިވަނީ ސަބަބެއް ނެތި މިނިސްޓަރަށް ލިބިދޭ ބާރެއްގެ ދަށުން ޕީއެސް ވަކިކޮށްފާނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.