ގަރާޖު ސިޓީއެއް ނެތި ވެހިކަލް ރެޖިސްޓްރީ ކުރެވޭ ގޮތަށް ކޮމިޓީއިން ފާސްކޮށްފި

މަޖިލީޙުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

އިންޖީނުލީ އެއްގަމު އުޅަނދު ރެޖިސްޓްރީ ކުރަން ހުށަހަޅާއިރު ގަރާޖެއްގައި އެ އުޅަނދު ބާއްވާނެކަމުގެ ލިޔުން ހުށަހަޅަން ލާޒިމް ނުވާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެންނަން ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއިން ނިންމައިފި އެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނު ކުރިން އޮތް ގޮތުން އިންޖީނުލީ އެއްގަމު އުޅަނދު ރެޖިސްޓްރީ ކުރުމުގައި އަމަލު ކުރާނެ އުސޫލު ކަނޑައެޅުމުގެ ބާރު ދީފައި އޮންނަނީ ޓްރާންސްޕޯޓް އޮތޯރިޓީއަށެވެ.

ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއިން ގާނޫނު އިސްލާހު ކުރިއިރު ބުނެފައިވަނީ ރާއްޖޭގައި އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގައި އަމިއްލަ ފަރާތެއްގެ ގަރާޖެއްގައި ނުވަތަ އަމިއްލަ ފަރާތެއްހެ އެނޫންވެސް ތަނެއްގައި ނުވަތަ ބިމެއްގައި އެ އުޅަނދު ބޭއްވުން ލާޒިމް ނޫން ކަމަށެވެ. އދަި ގަރާޖެއްގައި އެ އުޅަނދު ބާއްވާނެ ކަމުގެ ލިޔުން ހުށަހެޅުން ލާޒިމެއް ނޫން ކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ.

އެ އިސްލާހު ގެނައި ސަބަބެއް ކަމަށް ބުނެފައި ވަނީ ގަރާޖުގައި ވެހިކަލް ބާއްވާނެ ކަމުގެ ލިޔުމެއް ހުށަހަޅަން ޖެހޭ ކަމަށް އޮތުމުން ބައެއް ފަރާތްތަކުން ބޮޑު އަގުގައި އެ ލިޔުން ވިއްކަމުން ގެންދާ މައްސަލައަަށް ހައްލެއް ގެނައުމެވެ.

ގަރާޖު ސިޓީ ބޮޑު އަގުގައި ވިއްކައިގެން ކޮރަޕްޝަން ހިންގާ ކަމުގެ ޝަކުވާއަކީ އަބަދުވެސް ކުރާ ޝަކުވާ އެކެވެ.

comment ކޮމެންޓް