ދުނިޔޭގެ ހުޅަނގާއި އިރުމަތީ ބިތަށް މުދާ އުފުލުމުގައި ބޭނުން ކުރާ މައި މަގު ސުއެޒް ކެނަލް ބަންދުވެފައި އޮންނަތާ ހަފްތާ އެއް ވަނީ އެވެ. ކަނޑުމަގުން ގެންދާ ކާގޯގެ ބޮޑު އިންސައްތަ އެއް ސުއެޒް ކެނަލް މެދުވެރިކޮށް ދަތުރު ކުރާ ބޯޓުތަކުން އުފުލާއިރު މި މަގު ބަންދުވެފައި އޮތުމަކީ ކަނޑުމަގުން މުދާ އުފުލުމަށް ކުރިމަތިވެފައި އޮތް ބޮޑު ހުރަހެކެވެ.
ސުއެޒް ކެނަލް ބަންދުވެ، އެ މަގުން ދަތުރު ކުރާ ބޯޓުތައް ތާށިވެފައި އޮތުމަކީ މުޅި ދުނިޔޭގެ ސަޕްލައި ޗެއިން އަށް އޭގެ އަސަރު ކުރާނެ ކަމެކެވެ. އެ މަގުން ދަތުރު ކުރާ ބޯޓުތަކުން ރާއްޖެއަށް ބޭނުންވާ މުދާ ވެސް އުފުލާއިރު މިއީ ރާއްޖޭގެ ބާޒާރަށްވެސް އޭގެ ސަބަބުން ބޮޑެތި އަސަރުތައް ކުރާނެ ކަމެކެވެ.
ރާއްޖެއަށް މުދާ އެތެރެކުރާ ލިލީ ގްރޫޕްގެ ސީއީއޯ އަހުމަދު ނާސިރު (މައްލާ) ވިދާޅުވީ އެ ކުންފުނިން އެތެރެކުރާ އައިސްކްރީމް އާއި ޖޫސް އަދި ބައެއް ކަހަލަ ކޮސްމެޓިކްސް ރާއްޖެ އަންނަނި އެ ރޫޓުން ކަމަށެވެ.
"މިހާރު އެތައް ބޯޓެއް މަގު ބަންދުވެގެން ތާށިވެފައި އޮތްކަމަށް އެ ބުނަނީ. އޭގެން ބޯޓެއްގައި އަޅުގަނޑުމެންގެ މުދާ ހުރެއްޖެނަމަ ސަޕްލައި އަށް އޭގެ އަސަރު ކޮށްފާނެ،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް ރާއްޖެއަށް މުދާ ފޮނުވާ ސަޕްލަޔަރުންގެ ފަރާތުން ،މުދާ ލަސްވެދާނެ ކަމުގެ ރިޕޯޓެއް އަދި ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު އެބަ ބުނޭ މާ ދުވަހެއް ނުވެ ފުން ކުރެވިދާނެ ކަމަށް،" ނާސިރު ވިދާޅުވި އެވެ.
ސެންޗޫރިއަންގެ ޗެއާމަން ކެޕްޓަން އަހުމަދު މައުމޫން ވިދާޅުވީ ރާއްޖެއަށް ގެންނަ މަހުގެ ބާވަތްތަކާއި ދަޅުކާނާ އަދި ޑްރައި ފުރުޓްސްގެ ބޮޑު ބަޔެއް ދަތުރު ކުރަނީ މި މަގުން ކަމަށެވެ. ސުއެޒް ކެނަލް ބަންދުވުމަކީ މިތަކެތީގެ ސަޕްލައިއަށް އަސަރު ކުރާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖެއަށް ގެންނަ ކުކުޅު އަދި މީޓް ފަދަ ތަކެތީގެ ބޮޑު ބަޔެއް މި އަންނަނި ސައުތު އެމެރިކާ އިން. ޓާކީ އިން މި ގެންނަނީ ޑްރައި ފުރުޓްސް ކަހަލަ އެއްޗެހި. އެހެންވީމާ މި ކޮންޖެޝަން އާއެކު މިތަކެތީގެ ސަޕްލައި އަށް ބުރޫ އަރާނެ،" ކެޕްޓަން މައުމޫން ވިދާޅުވި އެވެ.
ކެޕްޓަން މައުމޫން ވިދާޅުވީ ސުއެޒް ކެނަލް އަށް ހުރަސްވެފައިވާ ބޯޓު ފުންކުރެވުނު ނަމަވެސް ސަޕްލައި ޗެއިން ހަމައަކަށް އެޅެން ދުވަސްނަގާނެ ކަމަށެވެ. އެގޮތުން އެއްފަހަރާ ގިނަ އަދަދެއްގެ ބޯޓުތައް ބަނދަރުތަކަށް ދަތުރުކުރާނެ ކަމަށާއި ބަނދަރުތައް ތޮއްޖެހުމުގެ މައްސަލަވެސް ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގާތްގަނޑަކަށް މަހެއް ދެމަހަކަށް ޑިސްޓްރިބިއުޝަން އަށް ބުރޫ އަރާނެ. ކޮވިޑާ ގުޅިގެން ސަޕްލައި އަށް ބުރޫ އަރާފައި އޮއްވާ މިކަން އަނެއްކާ ދިމާވީ. ލަފާކުރެވޭ ގޮތުގައި ރޯދަ މަހުގެ ބޮޑުބަޔެއްގައި މީޓް އަދި ކުކުޅު އެއްޗެހީގެ ސަޕްލައި އަށް އަސަރު ކުރާނެ،" މައުމޫން ވިދާޅުވި އެވެ.
"ފިޔާ، ބިސް، އަލުވި އެއްޗެހީގެ ސަޕްލައި އަށް އަސަރު ނުކުރިޔަސް ދަޅުކާނާ ކަހަލަ އެއްޗެހީގެ ސަޕްލައި އަށްވެސް އަސަރުކުރާނެ. ހަމައަކަށް އެޅެން ދެމަހެއް ވަރު ނަގާނެ،"
މައުމޫން ވިދާޅުވީ މި މަގުން ދަތުރުކުރާ ބޯޓުތައް ސީދާ ރާއްޖެ ނައި ނަމަވެސް ލަންކާ، އިންޑިއާ ސަރަހައްދުގެ ބަދަރުތަކަށް ދާނެ ކަމަށާއި ރާއްޖެއަށް އާންމުކޮށް މުދާ އަންނާނީ މި ސަރަހަައްދުގެ ބަނދަރުތަކުން ކަމަށެވެ. ނަމަވެސް ބޯޓުތައް އެއްފަހަރާ ބަނދަރުތަކަށް ދިޔުމުން މުދާ ކްލިއާ ކުރުން ކަހަލަ ކަންތަކަށް އަސަރު ކުރާނެކަން ފާހަގަ ކުރެއްވި އެވެ.
"ޝިޕިން ކޮމްޕެނީތަކުން ސާޗާޖެއް އަދި ނުނަގާ. ވަރަށް ލައިކްލީ އެކަހަލަ ކަމެއް ކޮށްފާނެ ކަމަށްވެސް. އެކަމަކު ހާލަތަށް ބަލައި އިތުރު ފީ އެއް ނުނަގައިވެސްފާނެ. ފީ ނަގައިފި ނަމަ މުދަލުގެ އަގަށް އަދި ބަދަލު އަންނާނެ،" މައުމޫން ވިދާޅުވި އެވެ.
ސުއެޒް ކެނަލް ބަންދުވުމާއެކު ގާތްގަނޑަކަށް 10 ބިލިއަން ޑޮލަރުގެ މުދާ ވަނީ ތާށިވެފަ އެވެ. ކޮންމެ ދުވަހަކު 9.6 ބިލިއަން ޑޮލަރުގެ މުދާ މި މަގުން އުފުލާއިރު، ކެނަލް ބަންދުވުމުން ގާތްގަޑަކަށް 213 ވެސަލް މި މަގުގެ ދެ ފަރާތުގައި ތާށިވެފައި އެބައޮތެވެ. މިއީ ދުނިޔެގެ އިގްތިސާދަށް ހާއްސަކޮށް ގަނޑުކުރިމަހާއި ތެލުވެ ވިޔަފާރިތަކަށް ބޮޑު އަސަރެއް ކުރާނެ ކަމެކެވެ.
ސުއެޒް ކެނަލް އޮތޯރިޓީ އިން މިހާރު ބުނެފައިވަނީ 220،000 ޓަނުގެ އެވަ ގިވަން ބޯޓު ފުންކުރުމަށް ހޭދަވާނީ ކިހާ ދުވަހެއް ކަމެއް މިހާރު ބުނަން ނޭނގޭ ކަމަށެވެ. އެހެން ނަމަވެސް އަންނަ ހަފްތާ ބަންދަށް ފުންކުރުމުގެ އުންމީދެއް ގެންގުޅޭ ކަމަށް ބުނެފައިވެ އެވެ. ސުއެޒް ކެނަލް ތިން ހަފްތާއަށް ބަންދުވި ނަމަވެސް ދުނިޔޭގެ ވިޔަފާރިއަށް ފަސް ބިލިޔަން ޑޮލަރާއި 10 ބިލިޔަން ޑޮލަރާ ދެމެދުގެ އަދަދެއްގެ ގެއްލުން ލިބޭނެެކަމަށް ވަނީ ލަފާކޮށްފަ އެވެ.