ސިފައިން ކިޔަމަންވާން ޖެހޭނީ ސިފައިންގެ ތެރޭގައި ތިބޭ ވެރިން ކުރާ ގާނޫނާ އެއްގޮތް އަމުރުތަކަށް ކަމަށާއި، ގާނޫނާ ހިލާފު އަމުރުތަކަށް ސިފައިން ތަބާވެގެން ނުވާނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމެއްގައި ބުނެފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފިނިފެންމާ ދަތުރު ކުރައްވަނިކޮށް، އެ ލޯންޗުގައި އެއްޗެއް ގޮއްވާލި ހާދިސާއަށް ފަހު، ލޯންޗުން ހެކީގެ ގޮތުގައި ބޭނުން ކުރެވޭނެ ފަދަ އެއްޗެހި ނަގައިގެން ގެންދިޔަ ކަމަށް ބުނެ، ސިފައިންގެ ތިން މީހަކަށް ދައުވާ ކުރި އެވެ. އެ މައްސަލައިގައި ސ. ފޭދޫ ބުލްބުލާގޭ، އަހުމަދު ތިހާމްގެ އިތުރުން ދަފްތަރުު 617، މޫސާ ޒަމީރު ހަތަރު މަހާއި 24 ދުވަހަށް އަދި، އޭރުގެ މާލޭ އޭރިޔާގެ ކޮމާންޑަރު އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ) ދެ އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ.
އެ ތިން މީހުންގެވެސް ހުކުމް ތަންފީޒުކޮށް ނިމުނު ފަހުން، ޒަމީރާއި ފަޔާޒުގެ ޖަލު ހުކުމް ހައި ކޯޓުން 2019 ގައި ބާތިލް ކުރި އެވެ. ނަމަވެސް، ތިހާމްގެ ޖަލު ހުކުމް ހައި ކޯޓުން ވަނީ ދަމަހައްޓައިފަ އެވެ. ހައިކޯޓުގެ ހުކުމުގެ ތިހާމްގެ ބައި އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން މިއަދު ވަނީ އެ މައްސަލައިގައި ހުކުމްކޮށްފަ އެވެ.
ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ހެއްކެއް ނެތިކޮށްލުމަށް، ނުވަތަ ބަދަލު ކުރުމަށް ނުވަތަ ފޮރުވުމަށް ތިހާމް ކުރި އަމަލެއް ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. ގާނޫނުލް އުގޫބާތުގައިވާ ގޮތުން، އެ ކުށުގެ ނިޔަތް ސާބިތުވާނީ ކުށުގެ އަމަލު ކުރީ، މީހަކު ހައްޔަރު ކުރަން ނުވަތަ މީހަކަށް ދައުވާއެއް ކުރަން ނުވަތަ ދިފާއެއް ހުށަހަޅަން ކަމަށް ދައުލަތަށް ސާބިތުކޮށްދެމުންނެވެ. އެއިން ކަމެއް ދައުލަތަށް ސާބިތުކޮށްނުދެވޭތީ ކުށުގެ ނިޔަތްވެސް ދައުލަތަށް ބުނެ ނުދެވޭ ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންކަމުން، ތިހާމްގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލު ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވެ އެވެ.
ޗެއިން އޮފް ކޮމާންޑަކީ ކުށުން ބަރީއަވެވޭނެ ދިފާއެއް ނޫން
ޒަމީރުގެ މައްސަލައިގައި ހައިކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ޒަމީރު އަމަލު ކުރީ ސިފައިންގެ ތެރޭގައި އެ މީހުންގެ މައްޗަށް ތިބި މީހުންގެ އަމުރަށް ކަމަށެވެ. އަދި އެއީ "ޗެއިން އޮފް ކޮމާންޑަށް" ތަބާވުމުގެ ގޮތުން ކަމަށެވެ.
ތިހާމްގެ ފަރާތުން އޭނާގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށް، ހަމަ އެ ނުކުތާ ނަގާފައިވެ އެވެ. އޭނާއަށްވެސް އެ ދިފާއުު ލިބިގެންވާ ކަމަށް ބުނެފައިވެ އެވެ. ތިހާމްގެ ފަރާތުން ބުނެފައި ވަނީ އޭނާވެސް އަމަލުކޮށްފައި ވަނީ އޭނާގެ މަތިން ތިބި މީހުންގެ އަމުރަށް "ޗެއިން އޮފް ކޮމާންޑަށް" ތަބާވުމަށް ކަމަށެވެ. އަދި ޒަމީރަށް ލިބުނު ދިފާއު ލިބިގެންވާ ކަމަށް ބުނެފައިވެ އެވެ.
ސުޕްރީމް ކޯޓުގައި ޕީޖީއިންވެސް ވަނީ ތިހާމްއަށް ޗެއިން އޮފް ކޮމާންޑުގެ ދިފާއު ލިބިގެންވާ ކަމަށް ކަނޑައަޅައިދިނުމަށް އެދިފަ އެވެ. ޕީޖީގެ ވަކީލުން ބުނި ގޮތުގައި އޭނާގެ މައްޗަށް ކުށް ސާބިތެއް ނުވާނެ އެވެ. އަދި އެދުނީ ފަޔާޒު އާއި ޒަމީރުގެ މައްސަލަ ހައިކޯޓުން ނިންމި ގޮތަށް އޭނާގެ މައްސަލަ ނިންމައިދޭށެވެ.
ނަމަވެސް، މިއަދު ސުޕްރީމް ކޯޓުން އިއްވި ހުކުމުގައި ބުނެފައި ވެރިން އަންގާ އެންގުންތަކަށް ކިޔަވަމުންވުމަކީ ސިފައިންގެ ވާޖިބަކަށް ވިޔަސް، ސިފައިން ކިޔަމަންވާން ޖެހޭނީ ގާނޫނާ އެއްގޮތަށް ކުރާ އަމުރުތަކަށް ކަމަށެވެ.
ސިފައިންނަކީ ޗެއިން އޮފް ކޮމާންޑެއްގެ ދަށުން މަސައްކަތް ކުރާ ބަޔަކަށް ވިޔަސް، އެއީ، ސިފައިންގެ މީހަކު ކުރި ކުށަކީ އޭނާގެ މައްޗަށް ހުރި ވެރިއަކު ބުނެގެން ކުރި ކުށެއް ކަމަށް ބުނެ ދިފާއު ނުވެވޭނެ ކަމަށް ހުކުުމުގައިވެ އެވެ.
"ޗެއިން އޮފް ކޮމާންޑްއަކީ އެއްވެސް ހާލެއްގައި ދަށުގައި ތިބޭ ސިފައިން، ނުވަތަ އަމުރެއް ތަންފީޒުކުރާ ސިފައިން ކުށުން ބަރީއަވުމަށް އޮންނަ ގާނޫނީ ހުއްޖަތެއްނޫނެވެ. އެހެނީ، ސިފައިންގެ ވެރިންނަށްވެސް އަމުރު ކުރެވޭނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުގެމަތިން ކަމުގައިވާއިރު، ދަށުގައި ތިބޭ ސިފައިންވެސް ގާނޫނާ ހިލާފަށް ކުރާ އަމުރުތަކަށް ތަބާވެގެން ނުވާނެ އެވެ،" ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން ޗެއިން އޮފް ކޮމާންޑުގެ ދިފާއެއް ނުވަތަ މަންފާއެއް ސިފައިންގެ މީހަކަށް ބޭނުން ކުރެވޭނީ އޭނާގެ މައްޗަށް އިސްވެ ހުރި މީހާ ކުރި އަމުރަކީ ގާނޫނާ ހިލާފު ނޫން، ގާނޫނުން ބާރު ލިބިގެން ކުރާ އަމުރެއް ނަމަ އެވެ.
ސިފައިންގެ އިސް ވެރިއެއް ކުރާ އަމުރަކާ ހެދި ގާނޫނާ ހިލާފުވުމުން، އެފަދަ އަމުރެއް ކުރި ވެރިއެއްގެ އިތުރުން އެ އަމުރަށް ތަބާވެ ތަންފީޒު ކުރި މީހުންވެސް ޖިނާއީ ކުށަށް ޒިންމާ އުފުލަން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ. ބައިނަލްއަގުވާމީ ގާނޫނުތަކުގައިވެސް ސިފައިން ހިންގާ ކުށްތަކަށް ސިފައިންނާއި ސިފައިންނަށް އަމުރު ކުރަން ތިބޭ މީހުން ޒިންމާދާރު ކުރުވާކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
ތިހާމްގެ މައްޗަށް ތުހުމަތު ކުރެވެނީ ނުބައި ނިޔަތެއްގައި ހެކި ބަދަލު ކުރުމުގެ ތުހުމަތު ކަމަށްވާއިރު، އެއީ އެއްވެސް ގާނޫނެއްގެ ދަށުން ސިފައިން ކުރުން ހުއްދަ ކަމެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.
ޕީޖީއަށް އެންމެ މަތީ ކޯޓުގެ ފާޑުކިޔުން
ފަޔާޒާއި، ޒަމީރުގެ މައްސަލައިގައި ހައިކޯޓުން ނިންމި ގޮތަށް، ތިހާމްގެ މައްޗަށްވެސް ކުށް ސާބިތު ނުވާ ކަމަށް ކަނޑައަޅައިދޭން ޕީޖީއިން އެދުމުން، ދައުލަތުގެ ސްޓޭންޑު ބަދަލުވީތޯ ފަނޑިޔާރުން ތަކުރާރުކޮށް ސުވާލު ކުރެއްވި އެވެ. ނަމަވެސް، ޕީޖީއިން ބުނެފައި ވަނީ ދައުލަތުގެ ސްޓޭންޑް ބަދަލު ނުކުރާ ކަމަށެވެ.
ހައިކޯޓުގެ ހުކުމަކާ ހަވާލާދީ ތިހާމްއަށް "ޗެއިން އޮފް ކޮމާންޑް"ގެ ދިފާއު ލިބިގެންވާ ކަމަށް ޕީޖީއިން ބުނެފައި، ދައުލަތުގެ ސްޓޭންޑޫ ބަދަލު ނުވާ ކަމަށް ބުނުމުން، ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ޕީޖީއަށް ފާޑުކިޔާފަ އެވެ. އެގޮތުން، ދައުލަތުގެ ވާހަކަތައް ހަމަނުޖެހޭ ކަމަށް ބުނެފައިވެ އެވެ. ފަޔާޒުގެ މައްސަލައަކީ ތަފާތު މައްސަލައަކަށްވާއިރު، އެ މައްސަލައާއި ތިހާމްގެ މައްސަލައާ ގުޅޭ ގޮތް ޕީޖީއަށް ބުނެނުދެވޭ ކަމަށްވެސް ހުކުމުގައިވެ އެވެ.
ހައިކޯޓުން ވަކި ގޮތަކަށް ހުކުމް ކުރިޔަސް، ސުޕްރީމް ކޯޓުން އެއަށް ތަބާވުން ލާޒިމު ނުވާނެކަން ހުކުމުގައި ފާހަގަކުރި އެވެ. ފަޔާޒާއި ޒަމީރުގެ މައްސަލައިގައި ހައިކޯޓުން ކަނޑައެޅި އުސޫލުތަކަށް ސުޕްރީމް ކޯޓުން ތަބާވާނީ އެއީ ހަމަ ހަގީގަތުގައިވެސް ސައްހަ އުސޫލުތަކެއް ނަމަ ކަމަށް ހުކުމުގައިވެ އެވެ.
ބައެއްގެ މައްޗަށް ދައުވާއެއްކޮށް، ކްރިމިނަލް ކޯޓާއި ހައިކޯޓުގެ މަރުހަލާގައި އެ މީހުންނާ ދެކޮޅަށް ވަކާލާތުކޮށް، އަދި ހުކުމް ތަންފީޒު ކުރާ ފަހުން ސުޕްރީމް ކޯޓު މަރުހަލާގައި ޕީޖީއިން ދައްކާ ވާހަކަތައް ބަދަލު ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ހުކުމުގައިވެ އެވެ.
"މީސްމީހުންގެ މައްޗަށް ދައުލަތުން ޖިނާއީ ދަޢުވާކޮށް، ކުށް ސާބިތުވެ، ޙުކުމް ތަންފީޒުކުރާ ފަހުން، ދައުލަތުގެ ވާހަކަތައްބަދަލުވުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. އޭގެން ދޭހަވަނީ ދައުލަތުން މީސްމީހުންގެ މައްޗަށް ޖިނާއީ ދަޢުވާ ކުރުމަށް ނިންމަނީ އެކަށީގެންވާ ވަރަށް މައްސަލަތައް ދިރާސާނުކޮށް، ޙައްޤުތަކަށް ފަރުވާލެއް ނުބަހައްޓާކަމެވެ،"
އަދި ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އެ މުއައްސަސާއަށް ލިބިދީފައިވާ ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފުމަކީ އުސޫލެއްގެ ގޮތުން ކަމާ ބެހޭ ފަރާތްތަކުން ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ ކަމެއް ކަމަށް ބުނެފައިވެ އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އައިޝާ ޝުޖޫން އާއި ފަނޑިޔާރު ހުސްނުއްސުއޫދެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަޒްމިރަލްދާ އެވެ.