ރައްޔިތުން މަޖިލީހުގެ އައްޑޫ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް)ގެ ގޭގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައި އެ ގެ އެއްކޮށް އަނދައި ހުލިވެއްޖެއެވެ.
ސިފައިން ބުނީ، އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓުކުރީ ފަތިހު 05:11 އެހާކަންހާއިރު ކަމަށެވެ.
އެ ގޭގައި ރޯވެފައި ހުރި އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ހެނދުނު 08:05 އެހާކަންހާއިރު ކަމަށް ސިފައިން ބުންޏެވެ. އެ ގެއަކީ މީހުން ދިރިއުޅެމުން އައި ގެއެއް ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ސިފައިން ބުންޏެވެ.
ހާދިސާއާ ގުޅިގެން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ކުރީގެ މެންބަރު މުހައްމަދު ރަޝީދު ވިދާޅުވީ، އަލިފާނުގެ ހާދިސާގައި އޭނާ ދިރިއުޅެމުން އައި ގެ އެއްކޮށް އަނދައި ހުލިވެފައިވާ ކަމަށެވެ. އެ ގޭގައި ހުރި އެއްވެސް އެއްޗެއް ސަލާމަތްނުކުރެވުނު ކަމަށް އޭނާ ބުންޏެވެ.
އެކަމަކު، ގޭގައި ދިރިއުޅުނު އެންމެން ސަލާމަތްކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.
މުހައްމަދު ރަޝީދަކީ މިހާރު ވެސް އިދިކޮޅު އެމްޑީޕީގެ އައްޑޫ ސިޓީ ނައިބު ރައީސެވެ.