މި ސަރުކާރުގަައި ފުލުހުންގެ މުއައްސަސާ އޮޑިޓްކޮށް، 16 އަހަރުތެރޭ ނުވި ކަމެއް ކުރައްވައި ރައީސް ދެއްކެވީ ކެރުމާއި އިޚުލާސްތެރިކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ސަން އޮންލައިންގެ 'އެޑިޓަރުގެ ސުވާލު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ސިޔާސީ ޕާޓީތައް އުފެއްދިއިރު ސަރުކާރާއި ރައްޔިތުންނާ ދެމެދު އިތުބާރު ކުޑަވުމުގެ މައްސަލަ ވަރަށް ބޮޑު ކަމަށެވެ. އެގޮތުން، 2008ގައި އަމަލުކުރަން ފެށި ގާނޫނު އަސާސީ އެ ދުވަސްވަރު ފަރުމާކުރީ ވަރަށް ގިނަ ގޮންޖެހުންތަކާއެކު ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ ފަހުން މިހާރު 16 އަހަރުވެފަައިވާއިރު، އޭރާއި މިހާރުގެ ހާލަތު ވަރަށް ތަފާތު ކަމަށް ނާޒިމް ވިދާޅުވިއެވެ.
"މިއަދުގެ ހަގީގަތަކީ މިއަދުގެ ޒުވާން ޖީލަކަށް އެ ދުވަހެއް އެހާ ބޮޑަކަށް ސިފައެއް ނުކުރެވޭނެ އެ ދުވަހު ކަންތައް އޮތް ގޮތެއް އެހެން ނަމަވެސް އަޅުގަނޑުމެން މި މުއައްސަސާތައް ދުނިޔޭގެ ހަމަ އެންމެ ބެސްޓް ޕްރެކްޓިސްއޭ މިކިޔާ އުސޫލުތަކާ އެއްގޮތަށް އަޅުގަނޑުމެން ގާއިމުކޮށްދިނީ،" ނާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައްޔިތުން އިންތިޚާބުކުރި ވެރިންގެ އިޚުލާސްތެރިކަމެއް ނެތުމުގެ ސަބަބުން، އާ ގާނޫނު އަސާސީން ބޭނުންވި ''ފޮނިމީރުކަމުން'' ރައްޔިތުން މަހުރޫމްވެފައިވާ ކަމަށެވެ. އަދި އެ ފޮނިމީރުކަން ލިބޭނީ އިޚުލާސްތެރި ވެރިއަކު ވަޑައިގަތުމުން ކަމަށް ނާޒިމް ވިދާޅުވިއެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި އެދުވަސް މިހާރު މިއޮތީ އައިސްފައި. އަޅުގަނޑުމެންނަށް ގާނޫނު އަސާސީ އިސްލާހު ކުރެވޭ ވަރުގެ މަޖިލީހެއް ވެސް މި އޮތީ އައިސްފައި،" އޭނާ ވިދާޅުވިއެވެ.
އެފަދަ އިޚުލާސްތެރި ވެރިއެއްގެ ކެރުން އެއީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ، ޔުނިފޯމް އެޅި މުއައްސަސާތައް އޮޑިޓް ކުރަން ކެރިވަޑައިގަންނަވާ ބޭފުޅަކު މިހާތަނަށް ވެރިކަން ނުކުރައްވާ ކަމަށެވެ. އެ މުއައްސަސާތަކުން ފައިސާގެ މުއާމަލާތްތައް ކުރާކަން އެނގޭ އިރުވެސް އޮޑިޓް ނުކޮށް އޮތީ ދޫކޮށްލާފައިކަން އޭނާ ފާހަގަކުރެއްވިއެވެ.
ފުލުހުންގެ ތެރޭގައި އޮތް ތިން ކުންފުނި ކަމަށްވާ ޕޮލްކޯއާއި ޕޮލްކެޓްއާއި ޕޮލްވެޓްއަށް އަދި ސިފައިންގެ ތެރޭގައި އޮތް ސިފްކޯއަށް ވަރަށް ގިނަ އަދަދެއްގެ ފައިސާ ލޯނުގެ ގޮތުގައި ސަރުކާރުން ދީފައިވާކަން، ނާޒިމް ހިމެނިވަޑައިގަންނަވާ މާލިއްޔަތު ކޮމިޓީއަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ފުލުހުންގެ ފުލެޓުތައް އަޅަން ވެސް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފި އެހެން ނަމަވެސް މިކަންތައް އޮޑިޓް ކުރެވިފައެއް ނެތް. އަޅުގަނޑުމެން 16 އަހަރު ވެއްޖެ ނޫންތޯ މިނިވަން މުއައްސަސާތަކަށް އޮޑިޓާ ޖެނެރަލް އައްޔަންކޮށްގެން މިކަން ކުރަމުންދާތަން. އެކަމަކު އެ ބޭފުޅާއަކަށް ވެސް އެ ބޭފުޅާ ފައިންފުޅު އޭގެއިން ތަނަކަށް އަޅުއްވާކަށް ކެރިވަޑައެއްނުގަންނަވާ
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް
އެހެން ނަމަވެސް މި ސަރުކާރުގެ ފަރާތުން ފުރަތަމަ ފަހަރަށް ފުލުހުންގެ މުއައްސަސާ އޮޑިޓްކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
"އެހެންވީމަ މި ދެންނެވީ ކެރުމަކީ ވެސް ވަރަށް މުހިންމު ކަމެއް. ކެރުމަކީ ވެސް އިޚުލާސްތެރިކަމުގެ ވެސް ވަރަށް މުހިންމު ރުކުނެއް، ސަބަބަކީ އޮޑިޓް ކުރީމަ ނުކުމެދާނެ ނަތީޖާއަކަށް ނުބަލާ އޮޑިޓް ކުރަން ކެރުމަކީ ވަރަށް މުހިންމު ކަމެއް،" ނާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގާނޫނު އަސާސީން ލިބިދޭންޖެހޭ ފައިދާތައް ލިބޭނީ އެފަދަ އޮޑިޓްތައް ހެދުން ފަދަ ފިޔަވަޅުތައް އެޅުމުން ކަމަށެވެ.
ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)އިން ފުލުހުންނަށް ޚާއްސަކޮށްގެން ހައުސިން ޔުނިޓުތަކެއް އަޅަން ކުރިއަށްގެންދިޔަ މަޝްރޫއުއާ ގުޅޭ އޮޑިޓް ރިޕޯޓެއް ބުރާސްފަތި ދުވަހު ވަނީ ނެރެފައެވެ.
'ބުލޫސް ހައުސިން މަޝްރޫއޫ'ގެ ނަމުގައި އެ މަޝްރޫއު ޕޮލްކޯއާ ހަވާލުކުރީ 2013ގައެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓުގައިވާ ގޮތުން އެ މަޝްރޫއަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެ، އެ ކުންފުނީގެ ކޮރަޕްޝަނާއި ނާގާބިލުކަމުގެ ސަބަބުން ދައުލަތަށް 354.7 މިލިއަން ރުފިޔާގެ ގެއްލުން ވަނީ ލިބިފައެވެ.
އޮޑިޓް ރިޕޯޓުގައި ބުނީ، މާލީ ވުޒާރާގެ ޓެންޑާ އިވެލުއޭޝަން ބޯޑުން ހޯދި މައުލޫމާތުތަކަށް ބަލާއިރު އާންމު ގޮތެއްގައި ކޮންސްޓްރަކްޝަން މަސައްކަތް ކޮށްދޭ އަމިއްލަ ކުންފުނިތަކުން އެ މަސައްކަތްތައް ކޮށްދޭ އަގަށް ބަލާއިރު، އެ މަޝްރޫއުގެ އަގަށް ޖެހެނީ 745.3 މިލިއަން ރުފިޔާއެވެ. އެންމެ ބޮޑުވެގެން ވެސް 859.9 މިލިއަން ރުފިޔާއެވެ.
އެހެންވެ، އެ މަޝްރޫއަށް 240.1 މިލިއަން ރުފިޔާއާއި 354.7 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް އިތުރަށް ޚަރަދުވެފައިވާކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެއީ، އެ ޕޮލްކޯގެ ނާގާބިލުކަމާއި ކޮރަޕްޝަނަށް ޝައްކުކުރެވޭ ކަންތައްތަކެއްގެ ސަބަބުން ގެއްލުނު ފައިސާ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.