ސްކޫލު ދައުރުގައި ރަނގަޅު ނަތީޖާ ނުލިބޭ ދަރިވަރުންނަށް ޚާއްސަ ނޭޝަނަލް ސާވިސް ޕްރޮގްރާމް ފެށުމަށް، ރައީސް އޮފީހުގައި ސެކްޝަނެއް އުފައްދައިފިއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު މިދިޔަ އަހަރުގެ ނަސްރުގެ ދުވަހު އިއުލާންކުރެއްވި ނޭޝަނަލް ސާވިސް ޕްރޮގްރާމުގެ ދަށުން، ރަނގަޅު ނަތީޖާ ނުލިބޭ ދަރިވަރުން އުމުރުން 16 އަހަރުވުމުން ފުލުހުންގެ ޚިދުމަތާއި ސިފައިންގެއަށް ތަމްރީނުވާން ޖެހޭނެއެވެ.
ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައިވަނީ، މި ޕްރޮގްރާމް ފެށުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޭޝަނަލް ސާވިސް ކޯޑިނޭޝަން ސެކްރެޓޭރިއެޓެއް އުފައްދައިފައިވާކަން ހާމަކޮށް، އެ ސެކްޝަންގެ ޑެޕިއުޓީ ޑިރެކްޓަރުކަމާއި އެސިސްޓެންޓް ޑިރެކްޓަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފައެވެ.
ޖުމުލަ 15،918 ރުފިޔާގެ މުސާރައަކާއެކު ޑެޕިއުޓީ ޑިރެކްޓަރަކު ހޯދުމަށް ކޮށްފައިވާ އިއުލާނުގައި ޝަރުތުތަކުގެ ތެރޭގައި، އެންމެ ދަށްވެގެން މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރާއިގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއިން ޑިޕްލޮމާ ނުވަތަ ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސްޑް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ/ ފައުންޑޭޝަން ޑިގްރީގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަސައްކަތާ ގުޅޭ ދާއިރާއެއްގައި ނުވަ އަހަރުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.
އެސިސްޓެންޓް ޑިރެކްޓަރަކަށް 14،700 ރުފިޔާ މުސާރައެއް ދިނުމަށް ހަމަޖެހިފައިވާއިރު، މަގާމުގެ ޝަރުތުތަކުގެ ތެރޭގައި އެންމެ ދަށްވެގެން މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއިން ޑިޕްލޮމާ ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސްޑް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ/ ފައުންޑޭޝަން ޑިގްރީގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި ހަ އަހަރުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.
މި ދެ މަގާމަށްވެސް ޝަރުތު ހަމަވާ މީހުން، ރައީސް އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު ފުރިހަމަކުރުމަށްފަހު، އަންނަ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން، އެ އޮފީހަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.
ނަސްރުގެ ދުވަހުގެ ޖަލްސާގައި ރައީސް ވިދާޅުވެފައިވަނީ، ހަތަރު އަހަރުގެ ތެރޭގައި ސިފައިންގެއަށް 1000 މީހުންނާއި ފުލުހުންގެ ޚިދުމަތަށް 1000 މީހުން ނެރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ކޮންމެ އަހަރަކުވެސް އޭލެވެލްއަށް ވަދެވޭ ވަރަށް އޯލެވެލްއިން ފާސްނުވާ ދަރިވަރުންގެ އަދަދު 2000އާއި 3000އާ ދެމެދުގެ އަދަދަކަށް އަރައެވެ. އަދި އޭލެވެލް ނިންމާފައި ޑިގްރީ ނުފެށޭ 500-1000 ދަރިވަރުން އެބަތިއްބެވެ.
އެހެންވެ، ގައުމީ ޚިދުމަތުގެ ޕްރޮގްރާމް ފަށަނީ، އުމުރުން 16 އަހަރުވުމަށްފަހު އިތުރަށް ނުކިޔަވާނަމަ، އެ ޕްރޮގްރާމްގެ ބައިވެރިވާން ޖެހޭ ގޮތަށެވެ.
އެ ޕްރޮގްރާމްގެ ސަބަބުން އެފަދަ ދަރިވަރުންނަށް ރަނގަޅު ތަރުބިއްޔަތަކާއެކީ މިލިޓަރީ ތަމްރީނު ލިބުމުން ކުރިއެރުން ލިބޭނެކަމަށް ރައީސް ވިދާޅުވެފައިވާއިރު، ކޮންމެ އަހަރަކުވެސް މިކަމަށް ޚާއްސަކޮށް 400 މިލިއަން ރުފިޔާ އިތުރުކުރައްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.