ތިންވަނަ ޑިވިޝަނުގައި ބައިވެރިވާ ޓީމުތަކަށް ލިޔެކިޔުން ހުށައަޅަން އިތުރު ފުރުސަތެއް

ކުރީ އަހަރެއްގެ ތިންވަނަ ޑިވިޝަން މުބާރާތެއްގެ ތެރެއިން ---

އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ ތިން ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ވާދަކުރުމަށް ފޯމު ހުށައަޅާފައިވާ ޓީމުތަކުގެ ފުރިހަމަ ނުވާ ލިޔެކިޔުންތައް ހުށައެޅުމުފެ ފުރުސަތު ތިންވަނަ ފަހަރަށް އެފްއޭއެމުން އިތުރު ކޮށްފި އެވެ.

މިދިޔަ މަހުގެ 24 ގައި އެފްއޭއެމުން ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ މި މަހު ފަސް ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުއްދަތު ހަމަވި އިރު 22 ޓީމެއް މުބާރާތުގައި ބައިވެރިވާން ފޯމު ހުށަހަޅާފައިވީ ނަމަވެސް ގިނަ ޓީމުތަކެއްގެ ލިޔެކިޔުންތައް ފުރިހަމަ ނުވުމުގެ ސަބަބުން ބައެއް ޓީމުތަކުން ވަނީ އެކަމަކުގެ ޝަކުވާ އެފްއޭއެމަށް ހުށައަޅައިފަ އެވެ. އެއާ އެކު ޓީމުތަކުގައި ލިޔެކިޔުންތައް ހަމަކުރުމުގައި ގޮންޖެހުންތައް ހުރުމުން މިހާރު މުއްދަތު ވަނީ މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދީފަ އެވެ.

އެފްއޭއެމުން މިހާރު އަމަލު ކުރަމުންދާ ފީފާ ކަނެކްޓް ސިސްޓަމަށް ތިންވަނަ ޑިވިޝަނުގެ ޓީމުތައް ވެސް އަމަލު ކުރަން ޖެހޭ އިރު، އެ ސިސްޓަމަށް އަމަލު ކުރުމަށް ގިނަ ލިޔެކުތުންތަކެއް ޓީމުތަކުން ވަނީ ހުށައަޅަން ޖެހިފަ އެވެ.

އެފްއޭއެމުން ބުނީ، ފީފާގެ ކަނެކްޓް ސިސްޓަމުގައި ހިމަނަން ޖެހޭ މުހިއްމު ލިޔެކިޔުންތަކެއް ސަރުކާރުގެ ބައެއް އިދާރާތަކުން ހޯދުމަށް ޓީމުތަކުން މަސައްކަތް ކުރި ނަމަވެސް އެކަން އެކި ސަބަބުތަކާ ހުރެ ލަސްވަމުން އަންނާތީ ކުލަބުތަކުން އެކަމުގެ ޝަކުވާ ހުށައަޅާފައިވާ ކަމަށެވެ. އެހެން ނަމަވެސް ފީފާގެ ސިސްޓަމުގައި ބައިވެރި ނުވާ ޓީމަކަށް މުބާރާތުން ފުރުސަތު ދެވެން ނޯންނާނެ ކަމަށާއި، މިހާތަނަށް ތިން ފަހަރަކު އެކަމަށް މުއްދަތު ދެވިފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ ތިން ވަނަ ޑިވިޝަނން މުބާރާތް ކޮވިޑް-19ގެ ސަބަބުން ވަނީ ކުޅުން ނުފެށެނީސް މެދުކަނޑާލައި، އޭރު ކުރިއަށް ދިޔަ ސީޒަން އެކީ އެކަށްޗަކަށް ވަނީ ކެންސަލް ކޮށްފަ އެވެ. އެއާ އެކު އެ އަހަރަށް ރޭވިފައި އޮތް ގިނަ މުބާރާތްތަކެއް ވެސް ވަނީ ކެންސަލް ވެފަ އެވެ.

comment ކޮމެންޓް