ދަރިލެއްވުމުގައި ޑީއެންއޭ ސީކުއެންސް ގަރީނާއެއްގެ ގޮތުގައި ނުބެލޭނެ ސަބަބެއް ނެތްކަމަށް ދީނީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ޒިނޭކޮށްގެން ލިބޭ ދަރިން ނިސްބަތްވާ ފިރިހެނަކު ހޯދުމަށް ޑީއެންއޭ ޓެސްޓު ހެދުމަކީ ހުއްދަ ނޫން ހަރާމް ކަމެއް ކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން 2018 ވަނަ އަހަރު ވަނީ ކަނޑައަޅައިފައެވެ.
އަދި މި މަހުގެ 17 ވަނަ ދުވަހު ހައިކޯޓުން ނިންމި ޒިނޭގެ އިސްތިއުނާފު މައްސަލައެއްގައި ވެސް ނިންމާފައި ވަނީ، މައްސަލަ ސާބިތުކުރަން ޑީއެންއޭ ހެއްކަކަށް ނުބެލޭނެ ކަމަށެވެ. ހައިކޯޓުން އެގޮތަށް ނިންމީ ފަތުވާ މަޖިލީހުގެ ފަތުވާގެ މައްޗަށް ވެސް ބުރަވެ އެވެ.
ޑީއެންއޭގެ މައްސަލައިގައި ވަރަށް ބޮޑަށް ހިޔާލުތަފާތުވުން އުފެދިފައިވަނިކޮށް، ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވަނީ ކަމެއް ދެނެގަނެވޭނެ ގޮތް ޝަރްޢުގައި އަންގަވާފައި އޮތުމަކީ އެނޫން ގޮތްގޮތުން އެކަން ދެނެގަތުން މަނާކުރާ ކަމެއް ނޫން ކަމަށެވެ.
އެގޮތުން އިރު ހިނގާގޮތް ބަލައިގެން ނަމާދުގެ ވަގުތުތައް ދެނެގަންނާނެ ގޮތް ސުންނަތުން އެނގެން އޮތް ނަމަވެސް މިހާރު ނަމާދު ވަގުތު ބަލަނީ ފަލަކީ ހިސާބުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އެހެންކަމުގައިވާނަމަ، ދަރިލެއްވުމުގައި ޑީއެންއޭ ސީކުއެންސް ގަރީނާއެއްގެ ގޮތުގައި ނުބެލެންވީ ސަބަބެއްނެތް. ފިންގަޕްރިންޓް ފަދަ ސައެންޓިފިކް ދަލީލުތައް ވެސް ގަރީނާގެ ގޮތުގައި ޝަރީއަތުން ބަލައިގަނޭ،" ރައީސް މައުމޫން ވިދާޅުވިއެވެ.
ފަތުވާ މަޖިލީހުން ބުނެފައި ވަނީ ހަނގުރާއެއްގެ ސަބަބުން ނުވަތަ ކާރިސާއެއްގެ ސަބަބުން، ނުވަތަ ކުޑަކުދިން ބަލަހައްޓާ ތަނެއްގައި ކުދިންގެ މައިންބަފައިން ނޭނގި އޮޅުން އެރުމުގެ ސަބަބުން، ނުވަތަ ހޮސްޕިޓަލެއްގައި އަލަށް އުފަންވާ ކުދިންތަކެއްގެ މެދުގައި އޮޅުން އެރުމުގެ ސަބަބުންނާއި، އަދި މިފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ޑީއެންއޭ ޓެސްޓު ހަދައިގެން އެކުދިންގެ މައިންބަފައިން ހޯދުމަކީ ހުއްދަ ކަމެއް ކަމަށް ފިގުހު އިލްމުވެރިންނާއި ފަތުވާދޭ މުއައްސަސާތަކުން ނިންމާފައިވާ ކަމަށެވެ.
އޭގެ އިތުރުން އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ނުވާ ބޮޑެތި ޖަރީމާތައް ހިންގާ މީހުން ހޯދުމުގައި ޑީއެންއޭ ގަރީނާއެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ ކަމަށް ފިގުހު އިލްމުވެރިން ވިދާޅުވެފައިވާ ކަމަށް ވެސް ފަތުވާގައި ވެއެވެ.
ނަމަވެސް ޒިނޭކޮށްގެން ލިބޭ ދަރިން ނިސްބަތްވާ ފިރިހެނަކު ހޯދުމަށް ޑީއެންއޭ ޓެސްޓު ހެދުމަކީ ހުއްދަ ނޫން ހަރާމް ކަމެއްް ކަމަށް ފަތުވާގައިވެއެވެ.