ޕީޖީ ޝަމީމަށް އިސްލާމިކް މިނިސްޓްރީގެ ރައްދެއް

ޖުލައި 14، 2020: ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޑީއެންއޭގެ ނަތީޖާއަށް ބަލައިގެން ޒިނޭ ސާބިތު ނުކުރެވޭނެ ކަމަށް ކުރި ހުކުމާ ވިދިގެން ޒިނޭގެ ދެ ވައްތަރެއް ހުންނަ ކަމަށް ވިދާޅުވެ ޕީޖީ ހުސައިން ޝަމީމް މިއަދު ލިޔުއްވި ލިޔުއްވުމަކަށް، އިސްލާމިކް މިނިސްޓްރީން ރައްދު ދީފި އެވެ.

ޒިނޭ ސާބިތުކުރުމުގައި ޑީއެންއޭ ތަހުލީލުގެ ނަތީޖާ ހެއްކެއްގެ ގޮތުގައި ހައިކޯޓުން ނުބެލި މައްސަލައާ ގުޅިގެން ހިޔާލު ތަފާތުވުން އުފެދިފައިވާ މި ދަނޑިވަޅުގައި ހައިކޯޓުގެ ހުކުމަށް ރައްދު ކުރައްވާ ޕީޖީ ޝަމީމް ވަނީ މިއަދު އޭނާގެ ބްލޮގުގައި ލިޔުމެއް ޝާއިއު ކުރައްވައިފަ އެވެ.

ގާނޫނީ ނަޒަރިއްޔާއަކުން ލިޔުއްވާފައިވާ އެ ލިޔުއްވުމުގައި ޕީޖީ ޝަމީމް ވިދާޅުވެފައި ވަނީ ގާނޫނުލްއުގޫބާތު އެކުލަވާލި އިރު، ޒިނޭއެއް ކުރެވެނީ އަންހެނަކާއި ފިރިހެނަކާ ދެމީހުން ވެގެން ނަމަވެސް އޭގެ ތެރެއިން އަންހެން މީހާގެ މައްޗަށް ދައުވާ ކޮށް، ކުށް ސާބިތު ކުރުމަށް ތަފާތު ވަކި ފަސޭހަ ގޮތެއް އޮތުން އެއީ އިންސާފުވެރި ގޮތެއް ނޫންކަމަށް ފެނުނު ކަމަށެވެ.

އެހެންވެ، ގާނޫނުލްއުގޫބާތުގައި ދެ ވައްތަރެއްގެ ޒިނޭ ތައާރަފުކޮށް، އެ މައްސަލައަށް ހައްލު ގެނައި ކަމަށް ޕީޖީ ޝަމީމް ވިދާޅުވެފަ އެވެ. ޝަމީމް ގަބޫލުރައްވާ ގޮތުގައި އެއް ވައްތަރަކީ، އިސްލާމީ ޝަރީއަތުގައި އޮތް ޒިނޭ އެވެ. އެބާވަތުގެ ޒިނޭ ސާބިތު ކުރުމަށް ބޭނުންވަނީ އިސްލާމީ ޝަރީއަތުގައި އޮތް ސާބިތު ކުރުމުގެ މިންގަނޑެވެ. އެއީ، އޭރުވެސް އޮތް ގޮތެވެ. ދެވަނަ ޒިނޭއަކީ ގާނޫނީ ޒިނޭ އެވެ. އެއީ، ސާބިތު ކުރުމުގެ މިންގަނޑު ދަށް ޒިނޭ ކަމަށް ޝަމީމް ލިޔުއްވާފައިވެ އެވެ.

"ގާނޫނީ ޒިނޭގައި ވާ ގޮތަކީ، ޒިނޭކުރުމުގެ ތުހުމަތަށް އިންކާރު ކޮށްފިނަމަ، އެހެނިހެން ހެކީގެ މައްޗަށް ކުށް ސާބިތު ކުރުމުގެ ފުރުސަތު އޮންނަނީ އެވެ. މިގޮތުން، ދެމީހުންގެ މައްޗަށްވެސް ކުށް ސާބިތުކުރުމަށް ތަފާތު ގަރީނާތައް ތައާރަފު ކުރީ އެވެ. އަންހެން މީހާގެ މައްޗަށް ވަކި މީހަކަށް ނުލައްވާ ވިހެއުމުގެ ކުށުގެ ދައުވާ ކުރުމުގެ ބަދަލުގައި، ވިހެއުމަކީ، ގާނޫނީ ޒިނޭ ސާބިތުކުރާނެ ގަރީނާއެއް ކަމަށް ބެލީ އެވެ. ހަމަ އެގޮތަށް، އަންހެން މީހާ އާއި ފިރިހެން މީހާގެ މައްޗަށްވެސް ޑީއެންއޭ ހެކި އެއީ ބަލައިގަނެވޭނެ ހެއްކެއްކަމަށް ކަނޑައެޅީ އެވެ. އެވާހަކަ، ސާފުކޮށް، ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ (ނ) ގައި ލިޔުނީ އެވެ. މިގޮތަށް ބަދަލު ކުރުމުން، ޒިނޭ ކުރާ ފިރިހެން މީހާގެ މައްޗަށްވެސް ގާނޫނުން އަދަބެއް ދިނުމަށް ފަހިވެ އެވެ. ހަމަހަމަކަން ގާއިމުކުރެވެ އެވެ." ޝަމީމް ވިދާޅުވެފައިވެ އެވެ.

އެ ލިޔުމުގައި ޝަމީމް ވިދާޅުވީ ޝަރުއީ ޒިނޭ، އޭގެ ޒާތުގައި އެގޮތަށް ބާއްވަން އޭރު ނިންމީ، އެއީ އިސްލާމް ދީނުގައި ހައްދު ކަނޑައަޅައިފައިވާ ކުށަކަށްވާތީ އާއި، އެކަންކަމަކީ ގާނޫނެއްގެ ތެރެއިންވެސް ބަދަލުކުރެވޭނެ ކަންކަމަށް ނުވާތީ އެވެ.

އެއާއެކު، ހަމަހަމަކަމާއި އިންސާފު ގާއިމުކުރުމަށް، އިސްލާމްދީނުގައި ހައްދު ނުހުންނަ އިތުރު ކުށް ގާނޫނުގައި ލިޔެ، އަދަބު ކަނޑައެޅުމަކީ އިސްލާމީ ޝަރީއަތް ހުއްދަ ކުރާ ކަމެއް ކަމަށާއި ދުނިޔޭގެ ހުރިހާ އިސްލާމީ ގައުމުތަކުގައި ކުރާ ކަމެއް ކަމަށް ވެސް ޝަމީމް ލިޔުއްވި އެވެ.

ޝަމީމް އަދި ވިދާޅުވެފައި ވަނީ ފުރަތަމަ ގާނޫނުލްއުގޫބާތުގެ ދިވެހި ޑްރާފްޓު ލިޔުނުއިރު، ކުށް ތަކަށް ނަން ދީފައި ހުރި ގޮތަށް ގެނައި ބަދަލާއެކު "ޒިނޭ" މި ބަސް ނެތް ކަމަށާއި، އޭރު ބޭނުން ކޮށްފައި އޮތީ "ޖިމާއު" ވުން ކަމަށެވެ.

ނަމަވެސް ގާނޫނުލްއުގޫބާތުގައި ކުށްތަކަށް ދީފައިވާ ނަންތަކަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ގެނައި ބަދަލުތަކާއެކު "ޒިނޭ" މި ބަސް އަނބުރާ ގެނެސް، ޒިނޭގެ ދެވައްތަރެއްގެ ކުށް ބަޔާންކުރާގޮތަށް ގާނޫނުލްއުގޫބާތު ފާސްކުރީ ކަމަށް ޝަމީމް ލިޔުއްވި އެވެ.

"މިސަބަބަށްޓަކައި، ގާނޫނުލްއުގޫބާތު ކިޔަވައިދިންއިރު އަޅުގަނޑުމެން ކިޔައިދެމުން އައީ 'ބަހަކީ ބަހެއް ނޫން' ކަމަށާއި، 'ބަހަކީ އެއަށް އަޅުގަނޑުމެން ދޭ މާނައެއް' ކަމަށެވެ. އޭގެ ބޭނުމަކީ، ބަހުގެ ގައިދުން ނެއްޓި، ފުޅާކޮށް، ނަތީޖާ ނެރެވޭ ގޮތަށް ވިސްނުން ބަދަލުކުރަން މަސައްކަތް ކުރުމެވެ." ޝަމީމް ލިޔުއްވާފައިވެ އެވެ.

ޝަމީމް ވިދާޅުވީ ހައިކޯޓުގެ ފަނޑިޔާރުން، މައްސަލަ ބެއްލެވިއިރު ވެސް އަޅައިގަތީ ނަމުގައި ކަމަށާއި، އެ ކުށަށް "ޖިމާއުވުން" ކީ ނަމަ ހައިކޯޓުގެ ފަނޑިޔާރުންނަށް ފަސޭހަވެ، އެ ސުވާލު ކުރިމަތި ނުވީސް ކަމަށެވެ.

ޒިނޭއަކީ ޝަރުއީ މާނައެއް އޮތް ވަކި ކުށެއްކަމަށް ހައިކޯޓުގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި އޮތް ނަމަވެސް، މިމައްސަލައިގައި ދައުވާ އުފުލީ ގާނޫނީ ޒިނޭގެ މައްޗަށް ކަން ޝަމީމް ފާހަގަކުރެއްވި އެވެ.

މިއަދު އިރުއޮއްސެން އުޅެނިކޮށް އިސްލާމިކް މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ އިސްލާމްދީނުގައި ބޭނުން ކުރަމުންދާ ޝަރުއީ ލަފްޒުތައް ބޭނުން ކުރަންވާނީ ޝަރުއުގައި އެ ލަފްޒެއް ބޭނުން ކުރަމުންދާ ގޮތަށް ކަމަށާއި ގާނޫނީ ގޮތުންވެސް އެފަދަ ޝަރުއީ ލަފްޒުތައް ބޭނުންކުރަމުން ދަނީ ޝަރުއުގައި ވާގޮތަށް ކަމަށެވެ.

"މިސާލަކަށް: ޒިނޭ ވާނީ ޒިނޭއަށެވެ. ކައިވެނި ވާނީ ކައިވެންޏަށެވެ. ލިވާޠު ވާނީ ލިވާޠަށެވެ." އިސްލާމިކް މިނިސްޓްރީގެ ޓްވީޓްގައިވެ އެވެ.

މިނިސްޓްރީން ބުނީ އިސްލާމްދީނަކީ ރާއްޖޭގެ ގާނޫނުގެ މައިގަނޑު މަސްދަރުކަމަށްވެފައި، މިފަދަ ޝަރުއީ މުޞްޠަލަޙުތަކުގެ ޝަރުއީ މަފްހޫމް ގެއްލޭނެ ފަދައިން ބޭނުންކުރުމަކީ ޝަރުއީ މިންގަނޑުތަކާއި ގާނޫނުއަސާސީއާ ހިލާފުކަމެއްކަމުގައިވާތީ، ޝަރުއީ ލަފްޒުތައް ބޭނުން ކުރަންވާނީ ޝަރުއުގައި އެ ކަމެއް ބޭނުން ކުރުމަށް އޮންނަ ގޮތަށް ކަމަށެވެ.

ޝަމީމްގެ ލިޔުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

comment ކޮމެންޓް