ޒިނޭ ސާބިތުކުރަން ޑީއެންއޭ އަށް ނުބެލީ ކީއްވެ؟

މިދިޔަ 24 ގަޑިއިރު ދިވެހިންގެ މެދުގައި އެންމެ ބޮޑު ބަހުސެއް އުފެދިފައި ވަނީ ޒިނޭގެ މައްސަލައެއްގައި، ކުޑަ ކުއްޖެއްގެ ބައްޕަ ސާބިތުކުރަން ޑީއެންއޭ އަކީ ހެއްކެއްގެ ގޮތުގައި ހައިކޯޓުން ނުބެލި މައްސަލައިގަ އެވެ.

މި ބަހުސެއް އުފެދުނީ މި މަހުގެ 17 ވަނަ ދުވަހު ހައި ކޯޓުން ކުރި ހުކުމަކާ ގުޅިގެންނެވެ.

އެ މައްސަލައިގައި، ހިމެނޭ އަންހެން މީހާ ވަނީ މީހަކާ އެކު ޒިނޭ ކުރި ކަމަށް އިއުތިރާފްވެފަ އެވެ. އަދި އޭނާ ވިހާފައިވާ ކުއްޖާއަކީ، އެ ފިރިހެން މީހާއާއެކު ޒިނޭކުރުމުގެ ސަބަބުން ލިބިފައިވާ ކުއްޖެއްކަމަށް ވެސް ކޯޓުގައި އަންހެން މީހާ ވަނީ ބުނެފައިވެ އެވެ.

އަންހެން މީހާއަށް ލިބުނު ކުއްޖާގެ ޑީއެންއޭ އާއި އަންހެން މީހާ ބުނާ ފިރިހެން މީހާގެ ޑީއެންއޭ އާ ދިމާވާތީ، އެ ފިރިހެން މީހާގެ މައްޗަށް އުފުލީ ޒިނޭކުރުމުގެ ދައުވާ އެވެ.

ނަމަވެސް މައްސަލައިގައި ހިމެނޭ ފިރިހެން މީހާ ވަނީ ޒިނޭކުރިކަމަށް އިންކާރުކޮށްފަ އެވެ. އަދި އެ މައްސަލައިގައި ދަށު ކޯޓުން ނިންމާފައި ވަނީ ފިރިހެން މީހާގެ މައްޗަށް ޒިނޭގެ ކުށް ސާބިތުނުވާ ކަމަށެވެ.

މެޖިސްޓްރޭޓް ކޯޓުން މައްސަލަ ނިންމީ ޝަރުއީ ގާނޫނީ ހަމަތަކާ އެއްގޮތަށް ނޫން ކަމަށް ބުނެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކޮށްފަ އެވެ.

ދައުލަތުން ބުނެފައިވަނީ މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާތަކަށް އެކަށީގެންވާ މިންވަރަށް ރިއާޔަތްކޮށްފައި ނުވާ ކަމަށެވެ.

ދައުލަތުން ފިރިހެން މީހާގެ މައްޗަށް އުފުލި ޒިނޭކުރުމުގެ ދައުވާ ބިނާކޮށްފައިވަނީ ކުޑަކުއްޖާއަކީ ޒިނޭކުރުމުގެ ސަބަބުން ލިބިފައިވާ ކުއްޖެއްކަމަށް، އަންހެން މީހާ ބުނާ ބުނުމުގެ މައްޗަށާއި، އެ ކުއްޖާގެ ޑީއެންއޭ އާއި ފިރިހެން މީހާގެ ޑީއެންއޭ އާ ދިމާވާތީ އެ އަސާސްގެ މައްޗަށެވެ.

އިސްލާމީ ޝަރީއަތުގައި ޒިނޭ ސާބިތުކުރެވެނީ ދެ ގޮތަކަށެވެ. އެއީ ޒިނޭ ކުރި މީހާގެ އިއުތިރާފުންނާއި، މަދުވެގެން ހަތަރު ފިރިހެނުންގެ ހެކިބަހުންނެވެ.

ޒިނޭގެ ހައްދު ގާއިމުކުރެވޭނީ، އަދުލުވެރި ހަތަރު ހެކިވެރިން، ދެ މީހަކު ޒިނޭ ކުރިތަން، ހަމަ ލޮލުން ޔަގީންކަމާއެކު، އޭގެ ހުރިހާ ތަފްސީލާއެކު ފެނުނުކަމަށް ބުނެ ޝަރީއަތަށް ހެކިބަސް ދީގެންނެވެ.

ގާނޫނުލްއުގޫބާތުގައި ޒިނޭގެ ކުށް ކަނޑައަޅާފައި ވާއިރު، ހަމަ އެ ކުށް ޖިންސީ ކުށުގެ ގާނޫނުގައިވެސް ކަނޑައަޅާފައި ވެއެވެ. ދެ ގާނޫނުގައި ވެސް ޒިނޭގެ ކުށަށް އަދަބު ކަނޑައަޅާފައިވާއިރު، ޒިނޭކުރުމުގެ ކުށުގެ މައްސަލަތަކުގައި ދައުވާކޮށް އަދަބު ކަނޑައަޅަން ޖެހޭނީ، ޖިންސީ ކުށުގެ ގާނޫނުގެ ދަށުންކަން އެނގެން އޮންނަކަން ހައިކޯޓުގެ ހުކުމުގައި ފާހަގަ ކުރި އެވެ.

ނަމަވެސް މި މައްސަލައިގައި ދައުވާކޮށްފައި ވަނީ ޖިންސީ ކުށުގެ ގާނޫނުގެ ދަށަކުން ނޫނެވެ. ދައުލަތުން ބުނެފައި ވަނީ މި މައްސަލައިގައި އެގާނޫނުގެ ދަށުން ދައުވާކޮށްފައި ނުވަނީ ޖިންސީ ކުށުގެ ގާނޫނުގައި ޒިނޭގެ ކުށް ބަޔާންކޮށްފައި ވީނަމަވެސް އެގާނޫނުގައި ބަޔާންކުރަނީ އިސްލާމީ ޝަރީއާގައި ބުނާ މިންގަނޑުން ޒިނޭގެ ކުށް ސާބިތުކުރެވިދާނެ ހާލަތް އެކަނިކަމަށް ވެފައި، ޖިންސީ ކުށުގެ ގާނޫނުގައި ތައުޒީރީ އަދަބެއް އަންނަ ޒިނޭގެކުށް ބަޔާންކޮށްފައި ނުވާތީ ކަމަށެވެ.

އިސްތިއުނާފުކުރި މައްސަލައިގައި ދައުވާކޮށްފައިވަނީ، ގާނޫނުލް އުގޫބާތުގެ ދަށުން ހަތަރު ހެކިންނާއި ކުށްކުރި މީހާގެ އިއުތިރާފުން ނޫންގޮތަށް، ޑީއެންއޭ އާއި ހައްޔަރުގައި އިނުމުގެ ގަރީނާ ފަދަ ގަރީނާތަކުން ޒިނޭގެކުށް ސާބިތުކުރުމަށް އޮންނަ މިންގަނޑުގެ ދަށުންކަމަށެވެ.

އެއް ނަމެއް ދިން ނަމަވެސް އެއް ނަން ކިޔާ ތަފާތު ހާލަތްތަކުން އަދި މިންގަނޑު ތަކަކުން ސާބިތުކުރެވިދާނެ ކުށެއް ކަމަށް އެ ކުށް ދައުލަތުން ގަބޫލުކުރާ ކަމަށް ވެސް އިސްތިއުނާފު ކުރި މައްސަލައިގައި ދައުލަތުން ބުނެފައިވެ އެވެ.

ހައިކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ޒިނޭގެ ކުށަކީ އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކުށެއް ކަމާއި ޒިނޭގެ ކުށް ސާބިތުކުރުމަށް އޮތް މިންގަޑާއި ހަމަތަކާއި އެކުށަށް ކަނޑައެޅިފައިވާ އުގޫބާތް ކީރިތި ޤުރުއާނާއި މާތްރަސޫލާގެ ސުންނަތުން ސާބިތުވާކަމަށެވެ.

އެކަމުގައި ފިޤުހީ ދެބަސްވުމެއް ނުވަތަ ހިލާފެއް ނެތް ކަމުން، އިސްލާމީ ޝަރީއަތުގައި ޒިނޭކުރުމުގެ ކުށް ސާބިތުކުރުމަށް އޮތް މިންގަނޑާއި އުސޫލުތަކާއި ހަމަތަކުގެ ބޭރުން އެކުށް ސާބިތުކޮށް އުގޫބާތެއް ނުވަތަ އަދަބެއް ވިޔަސް ކަނޑަނޭޅޭނެކަން އެނގެން އޮންނަ ކަމަށް ހުކުމުގައިވެ އެވެ.

ހައިކޯޓުގެ ހުކުމްގައި ވަނީ ފިރިހެން މީހާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޒިނޭކުރުމުގެ ކުށުގެ ދައުވާ ހަމަ އެކަނި އަންހެން މީހާ ބުނާ ބުނުމާއި، ޑީއެންއޭ ގެ މައްޗަށް ބިނާކޮށް ސާބިތުވާކަމަށް ކަނޑައެޅިއްޖެނަމަ، ކުޑަ ކުއްޖާގެ ނަޞަބު ނުވަތަ ކުއްޖާގެ ޝަރުއީ ބަލަދުވެރި ފަރާތާ މެދު ޝަރުއީ އަދި ގާނޫނީ ގޮތުން، ސާފުވާންޖެހޭ އެތައްކަމެއް އެކަމުގެ މައްޗަށް ތަރުތީބު ވެގެން އަންނާނެ ކަމަށެވެ.

މައްސަލައިގައި ޝަރީއަތުން ނިންމާ ނިންމުމެއްގެ ސަބަބުން މައްސަލައިގައި ނުހިމެނޭ މައުސޫމް ކުޑަ ކުއްޖެއްގެ ހައްގަށާއި މަސްލަހަތަށް އަދި އެކުއްޖާގެ ދުނިޔަވީ މުޅި ހަޔާތުގައި އިޔާދަނުކުރެވޭ ފަދަ އެތައްކަމެއް މެދުވެރިގެން ދާނެކަމީ ދެބަސްވެވެން ނެތް ހަގީގަތެއް ކަމަށް ވެސް ހުކުމްގައި ވެއެވެ.

ދައުވާއަށް ފިރިހެން މީހާ އިންކާރު ކުރުމުން، ދައުވާ ސާބިތުކުރަން ދައުލަތުން ހަތަރު ފިރިހެނުން ހެކިންގެ ގޮތުގައި ހުށަހަޅާފައިނުވާ ކަމަށާއި އަންހެން މީހާ ޒިނޭކުރިކަމަށް ބުނެ، ވެފައިވާ އިއުތިރާފަކީ އަންހެން މީހާގެ އަމިއްލަ ނަފުސުގެ މައްޗަށް އިއުތިރާފުވެ ދީފައިވާ ހެކިބަހެއް ކަމަށް ހުކުމްގައި ވެއެވެ.

"އެކަމުގެ މައްޗަށް އަނެކާ އިންކާރުކުރާ ހާލުގައި އޭނާގެ ހެކިބަހުގެ މައްޗަށް ބިނާކޮށް ޝަރުއީ ގޮތުން ޒިނޭގެ ކުށް ސާބިތުކުރުމަށް ކަނޑައެޅިފައިވާ މިންގަނޑުން ހެކިންގެ ނިޞާބު ހަމައެއް ނުވާނެ އެވެ." ހުކުމްގައި ވެއެވެ.

ހައިކޯޓުގެ ހުކުމްގައި ބުނެފައި ވަނީ އިސްލާމީ ޝަރީއަތުގައި އެއްވެސް މައްސަލައެއްގެ ހުއްޖަތެއް ނުވަތަ ގަރީނާއެއްގެ ގޮތުގައި ޑީއެންއޭ ބޭނުންކުރެވޭނީ އޭގައި ޝަރުއީ ގޮތުން މުހިންމު ޝަރުތުތަކެއް ފުރިހަމަވެގެން ކަމުގައި މުސްލިމު ފިޤުހުވެރިން ބަޔާން ކޮށްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ޑީއެންއޭ ތަހުލީލުގެ ނަތީޖާ ކީރިތި ޤުރުއާނާއި ނަބިއްޔާގެ ސުންނަތުގެ އަސްލަކާ ކަނޑައެޅިގެން ހިލާފުވެގެން ނުވާނެ އެވެ. ސަބަބަކީ އެއީ ޝަރުއީ އުސޫލުތައް ނެތި ހިނގައިދާނެތީ އެވެ.

އަންހެން މީހާ ވިހެއީ އޭނާގެ ކައިވެނި ރޫޅުނުތާ އަހަރެއް ނުވަނީހެވެ. އެހެންކަމުން ހައިކޯޓުން ބުނީ ކުޑަ ކުއްޖަކީ ޝަރުއީގޮތުން ސައްހަ ކައިވެންޏެއްގެ މަތީގައި ތިބެ، ސައްހަ ވަޠުއެއް ވުމަށްފަހު، ކައިވެނިރޫޅިފައި ވީނަމަވެސް ޝަރީއަތާއި ގާނޫނީ ހަމަތަކުގެ މަތީން ދަރި ލައްވާ މުއްދަތުގައި ވިހައިފައިވާ ކުއްޖެއް ކަމަށެވެ.

ދަރި ލެއްވުމުގެ އެންމެ ކުރު މުއްދަތަކީ، ކާވެނިކުރި ވަގުތުން ފެށިގެން، ހިޖުރީގޮތުން ހަ މަސްދުވަހެވެ. ދަރި ލެއްވުމުގެ އެންމެ ދިގު މުއްދަތަކީ ވަރިކުރި ވަގުތުން ފެށިގެން، ނުވަތަ ފިރިމީހާ މަރުވި ވަގުތުން ފެށިގެން ހިޖުރީގޮތުން އެއް އަހަރު ދުވަހެވެ.

"މި މައްސަލައިގައި ހުށަހެޅިފައިވާ ޑީއެންއޭ ތަހުލީލުގެ މައްޗަށް ބިނާކޮށް ޒިނޭގެ ކުށް ސާބިތުވާކަމަށް ކަނޑައެޅިއްޖެނަމަ އެ ކުރެވޭ ކަމަކީ [ނަން އުނިކޮށްފައި] ވިހެއި ކުއްޖާއަކީ އޭނާގެ ޝަރުއީ ގާނޫނީ ހަމަތަކުން އެ ކުއްޖާގެ ބައްޕަ ކަމަށް ބެލުން ލާޒިމުވާ ފަރާތަކީ އެކުއްޖާގެ ބައްޕަ ނޫންކަމަށް ކަނޑައެޅުމެވެ. އެއީ ޝަރުއީ އަދި ގާނޫނީ ގޮތުން ނަސަބު ނަފީކުރުމަށް ކަނޑައެޅިފައިވާ ނައްޞުތައް އިހުމާލުކޮށްލުމެކެވެ." ހުކުމްގައި ވެއެވެ.

އިސްލާމްދީނުގައި އިންސާނީ ދަރިފަސްކޮޅު މަތިވެރިކުރައްވާފައިވާ ކަމަށާއި އިސްލާމީ ޝަރީއަތުގައި އިންސާނާގެ ނަސަބަށް ހާއްސަ މަގާމެއް ދެއްވާފައިވާކަން ހުކުމްގައި ފާހަގަކޮށްފައި ވެއެވެ.

އިސްލާމީ އުންމަތުގައި ހާއްސަ ވެގެންވާ އެންމެ މުހިންމު އެއްކަމަކީ ނަސަބު ކަމަށާއި ކޮންމެ މީހަކަށް ވެސް އޭނާއަކީ ކާކުގެ ކާކުކަން ބުނެދެވޭ ކަމަށެވެ. ނަސަބު ނުވަތަ އަބުރު ހިމާޔަތްކުރުމަކީ އިސްލާމީ ޝަރީއަތުގެ އެންމެ މަތިވެރި ފަސް މަގުސަދުގެ ތެރޭގައި ހިމެނޭ ކަމެއްކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

"ޝަރުއީ ގޮތުން ބަލާއިރު، ނަސަބުގެ މަފްހޫމަކީ ހާލަތު ނިޔާކުރާގޮތުން ދެ މީހެއްގެ ދެމެދަށް އިތުރުވެގެންދާ ހުކުމެކެވެ. އޭގެ މާނައަކީ، ޝަރުއީ ކައިވެނީގެ ގޮތުން ގުޅިފައިވާ ގުޅުމަކުން، އުފަންވާ ދަރީގެ ނިސްބަތް އެކުއްޖާގެ ބައްޕަ އަށް ނިސްބަތްވުމެވެ." ހުކުމްގައި ވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް