ހިޖުރީ އާ މަހެއް ފަށަން ހަނދު ހަމަ ލޮލަށް ފެނުން ލާޒިމު ނޫން ކަމަށް ކުރީގެ ރައީސް އަދި ފަލަކީ އިލްމުގެ ކަންކަމަށް ޝައުގުވެރިކަން ހުންނަވާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ކުޑަ ޢީދު ދުވަހާ މެދު މައުމޫނާއި ޑރ. ހަސަން ހަމީދާ ދެ ބޭފުޅުންގެ ހިޔާލު ވަނީ ތަފާތުވެފައެވެ. އީދު ވާނީ މާދަމައަށް ކަމަށް މައުމޫން ވިދާޅުވި ނަމަވެސް ހަސަން ވަނީ އީދު ވާނީ ހޯމަ ދުވަހަށް ކަމަށް ވިދާޅުވެފައެވެ.
ހަސަން ހަމީދު ވަނީ ހަނދު ފެންނަ ދުވަސް ބަލަން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ހަނދު އުފަންވާ ވަގުތު ބެލުން ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުން، އާ ހަނދު އުފަންވާނީ މިއަދު ހަވީރު 3:57 ގައެވެ. އެ ހަނދު އޮއްސޭނީ 6:14 ގައެވެ. އިރުވެސް އޮއްސެނީ 6:14 ގައެވެ.
އެހެންވެ، އިރުގެ ދަޅަޔާ ހެދި ހަނދު ނުފެންނާނެ ކަމަށް ހަސަން ހަމީދު ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ، ހަނދު ނުފެންނަނީސް ހަނދު ލައްވަން ފެއްޓެވީ މައުމޫންގެ ދައުރުގައި ކަމަށާއި އެކަމަކު، މައްކާގައި ފެންނަ ހަނދަށް އެހެން ތަންތަނުގެ މީހުން ތަބާވާން ޖެހޭނެ ކަމަށް ބުނާ ބުނުމުން ޤުރުއާނާއި ހަދީޘުން އެއްވެސް ދަލީލެއް ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ކަމާ ގުޅިގެން ހިޔާލު ތަފާތުވެފައި އޮއްވައި މައުމޫން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހިޖުރީ ގޮތުން އާ މަހެއް ފަށަން އެ މަހުގެ ހަނދު ހަމަ ލޮލަށް ފެނުން ލާޒިމު ނޫން ކަމަށެވެ. އިރު އޮއްސުމަށް ފަހު ކިތަންމެ ކުޑަ ހިނދުކޮޅަކަށް ނަމަވެސް ހަނދު ނޯއްސި ހުރިކަން ހިސާބުން ސާބިތުވާނަމަ އާ މަހެއް ފެށުނީ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މައުމޫން މީގެ ކުރިން ވިދާޅުވީ ސައުދީ އަރަބިއްޔާ ހިމެނޭ ގޮތަސް އިސްލާމީ ގިނަ ގައުމުތަކަށް މިއަދު އިރުއޮއްސުމަށް ފަހު، ހަނދު ނޯއްސި އަށް މިނެޓާއި 20 މިނެޓާ ދެމެދުގެ މިންވަރަކަށް ހުންނާނެ ކަމަށް ފަލަކީ ހިސާބުން ދައްކާތީ، މާދަމާއަކީ ފިތުރު އީދު ދުވަސް ކަމަށް ބެލެވޭ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި އަހަރު ކަލަންޑަރުގައި ވާގޮތުން އީދު ދުވަހަކީ ހޯމަ ދުވަހެވެ.
ހަސަން ހަމީދު ވެސް ވިދާޅުވި ގޮތުގައި މުޅި އޭޝިއާގެ ބައްރަށް މިއަދު ހަނދެއް ނުފެންނާނެއެވެ. ހަނދު ފެނުމުގެ ފުރުސަތު އޮތީ ހަމައެކަނި އެމެރިކާއަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު، އާ މަހެއް ފަށަން ކޮންމެހެން ހަމަ ލޮލަށް ހަނދު ފެންނަން ނުޖެހޭ ކަމަށް މައުމޫން ވަނީ ވިދާޅުވެފައެވެ.
މި އަހަރު ރާއްޖެއަށް ރޯދަމަސް ފެށުނީ ވެސް ހަނދު ނުފެންނަނީހެވެ. އެއީ، ސައުދީއަށް ހަނދު ފެނުމުންނެވެ.