ޒިނޭކޮށްގެން ލިބޭ ދަރިން ނިސްބަތްވާ ފިރިހެނަކު ހޯދުމަށް ޑީއެންއޭ ޓެސްޓު ހެދުމަކީ ހުއްދަ ނޫން ހަރާމް ކަމެއް ކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ކަނޑައަޅައިފި އެވެ.
ފަތުވާ މަޖިލީހުން އެގޮތަށް ކަނޑައަޅާފައި ވަނީ 16 ޖެނުއަރީ 2018ގަ އެވެ.
ފަތުވާ މަޖިލީހުން ނެރުނު ފަތުވާއެއްގައި ބުނެފައި ވަނީ އިސްލާމީ ޝަރީއަތުގައި ނަސަބު ރައްކާތެރި ކުރުމަށްޓަކައި ހަރުދަނާ އުސޫލުތަކެއް ކަނޑައަޅުއްވާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ދެ ޖިންސުގެ ދެމީހަކު ސައްހަ ކައިވެންޏެއްކޮށްގެން ދަރިން ހޯދައި ސޯލިހު ރަނގަޅު ނަސްލެއް ދެމެހެއްޓުން ހިމެނޭ ކަމަށެވެ.
އެ ރަނގަޅު ނަސްލުގެ ތެރޭގައި މީހަކަށް އޮޅިގެން ޝުބުހައިގެ ގޮތުން ކުރެވުނު ވަތީއައެއްގެ ސަބަބުން ލިބޭ ދަރިންނާއި، ކައިވެނި ކުރުން ހަރާމްކަން ނޭނގި ތިބެގެން ކުރެވޭ ކައިވެނިން ލިބޭ ދަރިން ހިމެނޭ ކަމަށް ވެސް ފަތުވާގައި ވެއެވެ.
"މި ދެ ހާލަތުގެ މިސާލަކީ ތިމާ ނިދާ އެނދުގައި އޮށޯންނަ ވަގުތު، އެނދުގައި ނިދާފައި އޮތް ތިމާގެ އަނބިމީހާ ކަމަށް ހީކޮށް އަނބިމީހާގެ އުޚްތާއާ އެއްދާން ކުރުމާއި، އެއް ކިރުގެ ގޮތުން ކައިވެނި ހަރާމްކަން ނޭނގި ތިބެ ކައިވެނިކޮށްގެން އެއްދާންކޮށްގެން ދަރިން ލިބުމެވެ." ފަތުވާގައި ވެއެވެ.
ފަތުވާ މަޖިލީހުން ބުނީ އެ ދެ ހާލަތުގައި ވެސް ލިބޭ ދަރިންނަކީ ނަސަބު ސާބިތު ސައްހަ ދަރިން ކަމަށެވެ.
ނަމަވެސް އެ ތިން ހާލަތުގައި ވެސް ނަސަބު ސާބިތުކުރުކަމަށް ޑީއެންއޭ ޓެސްޓު ހެދުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ފިގުހު އިލްމުވެރިން ވިދާޅުވާ ކަމަށް ފަތުވާގައި ވެއެވެ.
"ހަމައެފަދައިން ޒިނޭކޮށްގެން ލިބޭ ދަރިން ނިސްބަތްވާ ފިރިހެނަކު ހޯދުމަށް ޑީއެންއޭ ޓެސްޓު ހެދުމަކީ ހުއްދަ ނޫން ހަރާމް ކަމެކެވެ." ފަތުވާގައި ވެއެވެ.
ހަނގުރާއެއްގެ ސަބަބުން ނުވަތަ ކާރިސާއެއްގެ ސަބަބުން، ނުވަތަ ކުޑަކުދިން ބަލަހައްޓާ ތަނެއްގައި ކުދިންގެ މައިންބަފައިން ނޭނގި އޮޅުން އެރުމުގެ ސަބަބުން، ނުވަތަ ހޮސްޕިޓަލެއްގައި އަލަށް އުފަންވާ ކުދިންތަކެއްގެ މެދުގައި އޮޅުން އެރުމުގެ ސަބަބުންނާއި، އަދި މިފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ޑީއެންއޭ ޓެސްޓު ހަދައިގެން އެކުދިންގެ މައިންބަފައިން ހޯދުމަކީ ހުއްދަ ކަމެއް ކަމަށް ފިގުހު އިލްމުވެރިންނާއި ފަތުވާދޭ މުއައްސަސާތަކުން ނިންމާފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.
އޭގެ އިތުރުން އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ނުވާ ބޮޑެތި ޖަރީމާތައް ހިންގާ މީހުން ހޯދުމުގައި ޑީއެންއޭ ގަރީނާއެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ ކަމަށް ފިގުހު އިލްމުވެރިން ވިދާޅުވެފައިވާ ކަމަށް ވެސް ފަތުވާގައި ވެއެވެ.
ޒިނޭގެ މައްސަލައެއްގައި ކުއްޖާގެ ބައްޕަ ސާބިތުކުރަން ޑީއެންއޭ އަށް ނުބެލުމުން ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. ހައިކޯޓުން އެގޮތަށް ނިންމީ ފަތުވާ މަޖިލީހުގެ ފަތުވާގެ މައްޗަށް ވެސް ބުރަވެ އެވެ.