އެއާ ފްރާންސް އިން ރާއްޖެ އަށް ދަތުރުތައް ފަށައިފި

އެއާ ފްރާންސްގެ ފްލައިޓު ވީއައިއޭގައި -- ފޮޓޯ: ވީއައިއޭ

އެއާ ފްރާންސް އިން ރާއްޖެއަށް ދަތުރު ފަށައިފި އެވެ.

އެއާ ފްރާންސް އިން އެންމެ ފުރަތަމަ ރާއްޖެ އާއި ފްރާންސްގެ ޕެރިސް އާއި ދެމެދު ދަރުތައް ފެށީ 2017 ވަނަ އަހަރު އެވެ. އޭގެ ފަހުން މި އަހަރުގެ މާޗު މަހު ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާއި ހަމައަށް އެ އެއާލައިނުން ރާއްޖެއަށް ދަތުރު ކުރި އެވެ.

ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލި ފަހުން 22 އެއާލައިނަކުން ރާއްޖެއަށް މިހާރު ދަތުރު ކުރެ އެވެ.

އެއާ ފްރާންސް އިން ހަފްތާ އަކު ތިން ދަތުރު މާލެ-ޕެރިސް އާއި ދެމެދު ކުރާނެ އެވެ.

ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރޭގައި ފްރާންސް ހިމެނެ އެވެ. ބޯޑަރު ހުޅުވާލިފަހުން އަށްވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ފްރާންސް އިންނެވެ. 15 ޖުލައި އިން 16 ޑިސެމްބަރުގެ ނިޔަލަށް އެ ގައުމުންް 3،109 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. މިއަހަރުގެ ތެރޭގައި ފްރާންސް އިން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 24،033 އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބަށް ބަލާއިރު އިއްޔެގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ ޖުމްލަ އަކީ 505،092 އެވެ. އޭގެ ތެރެއިން 122،245 ފަތުރުވެރިން އައިސްފައިވަނީ ބޯޑަރު ހުޅުވާލިފަހުންނެވެ.

comment ކޮމެންޓް