މާލޭ ކައިރި 2 ކްރޫޒްލައިނާއެއް، އަހަރުގެ މިހާތަނަށް 10ވަނަ ކްރޫޒްލައިނާ

މާލެ ކައިރި އޮތް ދެ ކްރޫޒްލައިނާ -- ފޮޓޯ/ ސޯޝަލް މީޑިއާ

ރާއްޖެއަށް އިތުރު ދެ ކްރޫޒްލައިނާއެއް އިއްޔެ އަތުވެއްޖެއެވެ.

ރާއްޖެއަށް ކްރޫޒްލައިނާތައް ގެންނަ ކުންފުނިތައް ތަމުސީލުކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ)އިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، މީގެ ތެރެއިން "މިސް އަޓީނާ" ނަމަކަށް ކިޔާ ކްރޫޒް ލައިނާ އައިސްފައި ވަނީ އިއްޔެ ހެންދުނު 6:00ގައި ކަމަށެވެ.

ކޮލޮންބޯއިން އައި މި ކްރޫޒްލައިނާގައި 1،200 ފަތުރުވެރިންނާއި 530 ކްރޫއިން ހިމެނެއެވެ.

ދެވަނަ ކްރޫޒް ލައިނާއާ ގުޅޭ މާގިނަ ތަފްސީލެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، މި މަހު އަދި އިތުރު ކްރޫޒްލައިނާއެއް އަންނާނެ ކަމަށް މާޔާއިން ވަނީ ބުނެފައެވެ.

މިއީ މި އަހަރުގެ ނުވަވަނަ އަދި ދިހަވަނަ ކްރޫޒްލައިނާއެވެ.

މިދިޔަ އަންގާރަ ދުވަހު ވެސް ވަނީ ރާއްޖެއަށް ކްރޫޒްލައިނާއެއް އައިސްފައެވެ.

"އެމް އެސް އައިދިއާބެލާ" ނަމަކަށް ކިޔާ މި ކްރޫޒްލައިނާ އައީ 2،100 އަށްވުރެ ގިނަ ފަތުރުވެރިންނާ އެކުގައެވެ.

comment ކޮމެންޓް