އެއާލައިން އޮފް ދަ އިޔާ އެވޯޑު އެމިރޭޓްސް އަށް

އެމިރޭޓްސް ގެ ފްލައިޓެއް ވީއައިއޭގައި ---- ސަން ފޮޓޯ

އޭވިއޭޝަން ބިޒްނަސް އެވޯޑު ހަފްލާގައި ދޭ އެންމެ ޝަރަފުވެރި އެވޯޑު، އެއާލައިން އޮފް ދަ އިޔާގެ އެވޯޑު އެމިރޭޓްސް އަށް ލިބިއްޖެ އެވެ.

ކޮވިޑް19ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް ހާއްސަ ރެޕަޓްރިއޭޝަން ފްލައިޓުތައް އެ އެއާލައިނުން ވަނީ ބާއްވައިފައެވެ. އެކި ކަންކޮޅުތަކުގައި ތިބި އެކި ގައުމުތަކުގެ ރައްޔިތުން، އެމީހުންގެ ގައުމަށް ގެންދިޔުމަށް އެ އެއާލައިނުން ވަނީ ގިނަ ފްލައިޓުތަކެއް ބާއްވައިފައެވެ.

އެމިރޭޓްސް އިން ބުނީ ކޮވިޑް ބަލިމަޑުކަމާ ގުޅިގެން ފަސިންޖަރުންނާއި ކްރޫ އިންގެ ރައްކާތެރިކަމަށްވެސް އެ އެއާލައިނުން ގިނަ ފިޔަވަޅުތައް އެޅި ކަމަށެވެ. ސާފުތާހިރުކަމާއި ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކޮވިޑް ޕެންޑެމިކްގެ ތެރޭގައި ވެސް އެންމެ ރައްކާތެރި އެއާލައިނުގެ ގޮތުގައި އެމިރޭޓްސް ވަނީ ފާހަގަކުރެވިފައެވެ. ސޭފް ޓްރެވަލް ބަރޯމީޓާ އިން އެމިރޭޓްސް އަކީ އެންމެ ރައްކާތެރި އެއާލައިންގެ ގޮތުގައި ކަނޑައަޅާފައި ވާއިރު، އެމިރޭޓްސް އިން ވަނީ އެ އެއާލައިން ދަތުރުކުރާ ފަސިންޖަރުންނަށް ދަތުރުގެ މުއްދަތުގައި ކޮވިޑް ޖެހިއްޖެނަމަ، ބައްޔަށް ބޭސްކުރާނެ ހާއްސަ އިންޝުއަރެންސް ޕެކޭޖެއްވެސް ތައާރަފު ކޮށްފައެވެ.

އެމިރޭޓްސް އިން ބުނީ ކޮވިޑުގެ ކުރިން އެ އެއާލައިނުގެ އޮޕަރޭޝަންސްތަކުގެ 70 ޕަސެންޓަށް މިހާރު އޮޕަރޭޝަންތައް ފަށާފައިވާ ކަމަށެވެ.99 މަންޒިލަކަށް ކުރާ ދަތުރުތަކުގައި ބޮއިން 777ގެ 151 ބޯޓު ބޭނުންކުރާއިރު ކޮވިޑް ވެކްސިންގެ ޓްރާންސްޕޮޓޭޝަނަށް އެމިރޭޓްސްގެ އެމިރޭޓްސް ސްކައި ކާގޯ އިން ދަނީ ތައްޔާރުވަމުންނެވެ.

comment ކޮމެންޓް