ފިލިޕީންސްގެ ރޯޔަލް އޭވިއޭޝަން އެކެޑަމީން، ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ޝައުގުވެރިވާ މީހުންނަށާއި ޕައިލެޓުންގެ ގޮތުގައި މަސައްކަތްކުރަން ބޭނުންވާ ދިވެހީންނަށް އަމާޒުކޮށްގެން ނެޓްވޯކިން އަދި މައުލޫމާތު ދިނުމުގެ ސެޝަނެއް މިއަދު ބާއްވައިފިއެވެ.
މި ސެޝަނުގައި އެކެޑަމީގެ އިސް ވެރިން ބައިވެރިވެ މުހިންމު މައުލޫމާތުތައް ހިއްސާކުރުމުގެ އިތުރުން، އެކެޑަމީގެ މުވައްޒަފުންގެ ފަރާތުން މައުލޫމާތު ސާފުކުރުމުގެ ފުރުސަތު ބައިވެރިންނަށް ވަނީ ދީފައެވެ.
މީގެ އިތުރުން ރޯޔަލް އޭވިއޭޝަން އެކެޑަމީގެ ކުރީގެ ދަރިވަރުންގެ ތެރެއިން މިހާރު ރާއްޖޭގެ ނަން މަޝްހޫރު އެއާލައިންތަކުގައި މަސައްކަތްކުރާ މީހުން ވެސް ވަނީ މި ހަފުލާގައި ބައިވެރިވެ، އެކެޑަމީގައި އުނގެނުމުގެ ތަޖުރިބާ ބައިވެރިންނާ ހިއްސާކޮށްފައެވެ.
އެ އެކެޑަމީގެ ޗީފް އޮޕަރޭޓިން އޮފިސަރު އަދި ހެޑް އޮފް ޓްރެއިނިންް ކެޕްޓަން މަދު ޕުލިޔަންކަލަތު ވަނީ މި ހަފުލާ ފެށުމުގެ ގޮތުން ވާހަކަ ދައްކަވައި، އެކެޑަމީން ކިޔަވައިގެން ނުކުންނަ ދަރިވަރުންނަށް ލިބޭ ފުރުސަތުތަކާ ބެހޭގޮތުން މައުލޫމާތު ދެއްވައިފައެވެ.
ރޯޔަލް އޭވިއޭޝަން އެކެޑަމީން ބުނި ގޮތުގައި، އެ ސެޝަންގައި 100އަށް ވުރެ ގިނަ މީހުން ބައިވެރިވިއެވެ.
އެ އެކެޑަމީއަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދަ ލިބިފައިވާ އެޕްރޫވްޑް ޓްރެއިނިން އޯގަނައިޒޭޝަން (އޭޓީއޯ)އެއް ކަމަށްވުމުން، އެ އެކެޑަމީން ދަސްވެނިވާ ދަރިވަރުންނަށް ރާއްޖޭގައި އިތުރު ތަމްރީނެއް ހެދުމަކާ ނުލައި ވަޒީފާ ފެށުމުގެ ފުރުސަތު ލިބޭނެއެވެ.
އެ އެކެޑަމީގައި މިހާރު ވެސް ދިވެހި 200 ދަރިވަރުން އުނގެނެމުން އަންނައިރު، މި އަހަަރު އިތުރު 90 ދަރިވަރުން ކޯސްތަކުގައި ބައިވެރިވާނެ ކަމަށް ލަފާކުރެވޭނެ ކަމަށް ރޯޔަލް އޭވިއޭޝަން އެކެޑަމީން ބުނެއެވެ.
ރޯޔަލް އޭވިއޭޝަން އެކެޑަމީގައި ތައުލީމު ހާސިލުކުރުމާ ގުޅޭ މައުލޫމާތު އެ އެކެޑަމީގެ ވެބްސައިޓުން ލިބެން ހުންނާނެކަން އެ އެކެޑަމީން ވަނީ ފާހަގަކޮށްފައެވެ.