ބޮއިންގް 737-800 މަރުކާގެ މަތިންދާ ބޯޓުތައް، ދެކުނު ކޮރެއާގައި އުދުހުން މަނާކޮށްފި

ޖީޖޫ އެއާލައިންގެ ބޮއިންގް 800-737 މަރުކާގެ ބޯޓެއް

ސޯލް (30 ޑިސެންބަރު 2024) : އެމެރިކާގައި އުފައްދާ ބޮއިންގް 737-800 މަރުކާގެ ހުރިހާ މަތިންދާ ބޯޓުތަކެއް ވަގުތީ ގޮތުން ދެކުނު ކޮރެއާގައި އުދުހުން އެ ގައުމުން މަނާކޮށްފިއެވެ.

ދެކުނު ކޮރެއާގެ އޭވިއޭޝަން އޮތޯރޮޓީން ބުނީ މިނިންމުމުގެ ބޭނުމަކީ އެމަރުކާގެ ބޯޓުތަކުގައި ފަންނީ އެއްވެސް މައްސަލައެއް އުޅޭތޯ ބަލައި ޗެކްކުރުމެވެ. ދެކުނު ކޮރެއާ ސަރުކާރުގެ އޭވިއޭޝަން ސިޔާސަތާބެހޭ ވެރިޔާ ޖޯ ޖޯ ޖޮންގް ވާން ވިދާޅުވިގޮތުގައި ބޮއިންގް 737-800 މަރުކާގެ މަތިންދާ ބޯޓުތަކުގެ ލޭންޑިން ގިޔަރުގެ ހައިޑްރޮލިކް މެކޭނިޒަމްގައި މައްސަލަތަކެއް އުޅޭކަން ފާހަގަ ކުރެވިފައިވާ ކަމުގައެވެ.

މިކަން ފާހަގަ ކުރެވުނީ އެ ގައުމުގެ ޖީޖޯ އެއާލައިންގެ ބޮއިންގް 737-800 މަރުކާގެ މަތިންދާ ބޯޓެއް ސޯލްގެ މުވާން އެއާޕޯޓަށް އިއްޔެ ޖައްސަން އުޅުމުގެ ތެރޭގައި ރަންވޭން ކައްސާލައި އެ ބޯޓުގައި ތަނެއްގައި ޖެހި އަލިފާން ރޯވެ އެ ބޯޓު ގޮވުމާ ގުޅިގެންނެވެ. އެ ބޯޓުން ދަތުރުކުރި 181 މީހުންގެ ތެރެއިން ދެ މީހަކު ފިޔަވައި އެ ނޫން އެންމެން މި ހާދިސާގައި ވަނީ މަރުވެފައެވެ.

ދެކުނު ކޮރެއާގެ މަތިންދާބޯޓު ސޯލްގެ މުވާން އެއާޕޯޓަށް ޖެއްސުމުގެ ތެރޭގައި ގޮވައި ހަލާކުވެފައި

ރަންވޭން ކައްސާލީ ލޭންޑިން ގިޔަރުގެ މައްސަލައަކާ ގުޅިގެން ކަމަށް ވަނީ ޝައްކު ކުރެވިފައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބަކީ ބޯޓު ޖައްސަން ދިޔަވަގުތު ބޯޓުގެ އިންޖީނުގެ ތެރެއަށް ދޫނިތަކެއް ވަނުންކަމަށް ބެލެވިފައިވީނަމަވެސް އެއީ އެ ކަމުގެ ހަގީގީ ސަބަބު ކަމާމެދު ތަޖުރިބާކާރުން ޝައްކު ކުރެއެވެ.

ތަޖުރިބާކާރުން ބުރަވާގޮތުގައި އެ ބޯޓަށް ދިމާވި މައިގަނޑު މައްސަލައަކީ ލޭންޑިން ގިޔަރު މައްސަލައެކެވެ. މިކަމުގެ ހަގީގަތް ހޯދުމުގެ ފަންނީ ތަހްގީގު މިހާރު ވަނީ ފަށާފައެވެ.

މީގެ އިތުރުން ދެކުނު ކޮރެއާގެ ޖީޖޯ އެއާލައިންގައި ހިމެނޭ ބޮއިންގް 737-800 މަރުކާގެ އެހެން ބޯޓަކަށް ވެސް ވަނީ ލޭންޑިން ގިޔަރުގެ މައްސަލައެއް ކުރިމަތިވެގެން ކުއްލި ހާލަތުގައި އިއްޔެ ސޯލްގެ ޖީމްބޯ އެއާޕޯޓްގައި ޖައްސާފައެވެ. ބޯޓު ޖައްސާފައިވަނީ އެ ބޯޓު ޖީމްބޯ އެއާޕޯޓުން ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ.

ބޮއިންގްގެ ބޯޓުތަކަށް މި ބާވަތުގެ ޓެކްނިކަލް މައްސަލަތައް މީގެކުރިންވެސް ބައެއްފަހަރު ދިމާވެފައިވެއެވެ. މި ދެ ހާދިސާ އާ ގުޅިގެން ދެކުނު ކޮރެއާގެ އޭވިއޭޝަން އޮތޯރޮޓީން މިހާރުވަނީ ބޮއިންގް 737-800 މަރުކާގެ ހުރިހާ މަތިންދާ ބޯޓުތަކެއް ވަގުތީ ގޮތުން އެގައުމުގައި އުދުހުން މަނާކޮށްފައެވެ.

މި މަރުކާގެ ބޯޓުތައް އުދުހުމުގެ ހުއްދަ އަލުން ދެވޭނީ އެ މަރުކާގެ ބޯޓުތަކަށް ކުރިމަތިވާ މައްސަލަ ދެނެގަނެވި އެކަން ހައްލުކުރުމަށްފަހުގައި ކަމަށް ދެކުނު ކޮރެއާގެ އޭވިއޭޝަން އޮތޯރޮޓީން ބުނެއެވެ.

comment ކޮމެންޓް