މީޑިއާ ކައުންސިލުގެ ރައީސްކަމަށް ޝަހުބާން، ނައިބަކަށް ސަގީފް

(ކ) މީޑިއާ ކައުންސިލުގެ ރައީސްކަމަށް އިންތިހާބުކުރި ޝަހުބާން ފަހުމީ އަދި (ވ) ނައިބު ރައީސްކަމާށް އިންތިހާބުވި ހުސައިން ސަގީފް

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސަކަށް ސަންގުޓީވީގެ ނިއުސް ހެޑް ޝަހުބާން ފަހުމީ އަދި ނައިބު ރައީސްކަމަށް ތިލަދުންގެ ޗީފް އެޑިޓަރު ހުސައިން ސަގީފް އިންތިހާބު ކޮށްފި އެވެ.

މީޑިއާ ކައުންސިލްގެ މެމްބަރުން އާ ދާއުރަކަށް އިންތިހާބުކޮށް، މިއަދު ވަނީ އާ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވާފައެވެ.

އެ ޖަލްސާގައި ރައީސްކަމުގެ މަގާމަށް ތިން ބޭފުޅަކު ވާދަ ކުރެއްވިއެވެ. އެއީ ސަންގުޓީވީގެ ޝަހުބާންގެ އިތުރުން، ޕީއެސްއެމްގެ އަލީ ހުސައިންއާއި އާންމުންގެ ތެރެއިން އިންތިހާބުވި މެމްބަރު މުހައްމަދު ޝަފާއު އެވެ.

މިއަދު ބޭއްވި އެމްއެމްސީގެ ބައްދަލުވުމުގެ ތެރެއިން --

ރައީސްކަމަށް ޝަހުބާން ހޮވުނީ، ހަ ވޯޓުންނެވެ. އަލީ ހުސައިނަށް ފަސް ވޯޓު ލިބުނު އިރު، ޝަފާއުއަށް ލިބުނީ ތިން ވޯޓެވެ.

ނައިބު ރައީސްކަމަށް ވާދަ ކުރެއްވީ ސަގީފް އެކަންޏެވެ. އޭނާ އެ މަގާމަށް އިންތިހާބުވީ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން، 14 މެމްބަރުންގެ ތާއީދާއެކުގައެވެ.

ރައީސް ކަމަށް ހޮވިވަޑައިގެންނެވި ޝަހުބާންއަކީ މީގެ ކުރިން ސަން އޮންލައިންގެ އިތުރުން ރާއްޖެޓީވީގައި މަސައްކަތް ކުރި ނޫސްވެރިއެކެވެ.

ނައިބު ރައީސްކަމަށް ހޮވި ވަޑައިގެންނެވި ސަގީފް އަކީ މީގެ ކުރިން ހދ. އަތޮޅު ކައުންސިލްގެ މެމްބަރުކަމާއި އެ ކައުންސިލުގެ ރައީސްކަން ކުރެއްވި ބޭފުޅެކެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް އެކުލެވިގެންވަނީ މީޑިއާއިން އިންތިހާބުކުރާ އަށް މެމްބަރަކާއި އާންމުންގެ ތެރެއިން ހަތް މެމްބަރަކު ހިމެނޭ ގޮތަށް ޖުމްލަ 15 މެމްބަރުންގެ މައްޗަށެވެ. އެ މެމްބަރުން އިންތިހާބު ކުރަނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ.

comment ކޮމެންޓް