މެލޭޝިއާގެ ގައުމީ އެއާލައިންއަށް ކުރިމަތިވެފައިވާ މާލީ ދަތިތަކުގެ ސަބަބުން އެއާލައިން އިތުރަށް ކުރިއަށް ގެންދަން ބޭނުންވާ ފައިސާ ހޯދުމަށް އެގައުމުގެ ސޮވެރިން ވެލްތު ފަންޑުގައި އެދިއްޖެއެވެ.
މެލޭޝިއަން އެއާލައިންސް ކުރިއަށް ގެންދިޔުމަށް އެ އެއާލައިނުގެ ސްޓްރަކްޗާ އަށް ބަދަލު ގެންނަން ނިންމާފައިވާއިރު، އެ އެއާލައިނަށް ވަނީ މާލީ ގޮތުން ދަތިތަކާ ކުރިމަތިވެފައެވެ.
މެލޭޝިއަން އެއާލައިން ހިންގާ މެލޭޝިއަން އޭވިއޭޝަން ގްރޫޕާ ހަވާލާދީ، ރޮއިޓާސް އިން ބުނީ މެލޭޝިއާގެ ހަޒާނާ ނޭޝަނަލްގެ އެހީއަށް އެދިފައިވާނެ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލު އަދި ހާމަ ކުރެވެން ނެތްކަމަށް މެލޭޝިއަން އޭވިއޭޝަން ގްރޫޕުން ބުނެފައިވާކަމަށް ރޮއިޓާސްގައި ބުނެފައިވެއެވެ.
ނަމަވެސް، މިވަގުތުން މިވަގުތަށް އެ އެއާލައިނަށް 500 މިލިއަން ޑޮލަރުގެ މާލީ އެހީ ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ހަޒަނާ ފަންޑުން މެލޭޝިއަން އެއާލައިނަށް އެހީތެރިކަން ފޯރުކޮށްދޭނީ ރީސްޓްރަކްޗާ ޕްލޭނަށް ބަލައި އެ އެއާލައިނުގެ ކްރެޑިޓާސް އަދި ލީޒާސް އާ މަޝްވަރާވެސް ކުރުމަށް ފަހުއެވެ.
މެލޭޝިއަން އެއާލައިން ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ކުރުމުގެ މަސައްކަތާއެކު އެ އެއާލައިނަށް ފައިސާގެ އެހީ ހޯދުމުގެ މަސައްކަތް ފަށާފައިވަނީ ކޮވިޑް19ގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ ދާއިރާ އަށް ބޮޑު ލޮޅުމެއް އައިސްފައިވަނިކޮށެވެ. ގިނަ އެއާލައިންތަކެއްގެ މާލީ ހާލަތު ދަށްވެ ބައެއް އެއާލައިންތައް ބަނގުރޫޓުވެފައިވާއރު ސަރުކާރުތަކުން އެހީއާއި ލޯނު ހޯދައިގެން އޮޕަރޭޝަނުގައި ދެމި ތިބުމަށް ބައެއް އެއާލައިންތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.
މެލޭޝިއަން އެއާލައިނަށް މާލީ ދަތިތައް ދިމާވެ ހުއްޓާލަން ޖެހިދާނެކަމުގެ އިންޒާރު މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ދީފައެވެ. އެ އެއާލައިނުގެ ސީއީއޯ ވިދާޅުވެފައިވަނީ ލީޒް ޕޭމެންޓުތައް އަދާކުރާނެ ފައިސާ މި މަހުގެ ނިޔަލަށް ނުހުންނާނެ ކަމަށެވެ. އެއާލައިނުގެ ލިކުއިޑިޓީގައި ހުރީ 88 މިލިއަން ޑޮލަރު ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ކުރިއަށް އޮތް ފަސް އަހަރު އޮޕަރޭޝަނުގައި ދެމިއޮތިމަށް މަދުވެގެން ފަސް ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް މެލޭޝިއަން އެއާލައިނުން ވަނީ ބުނެފައެވެ.