ދިވެހި ރާޢްޖެއާ ސައުދީ އަރަބިއްޔާއާއެކު ވައިގެ ދަތުރުފަތުރާ ބެހޭ އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގައި ސޮއި ކޮށްފައިވަނީ މިނިސްޓަރު އަމީން މިހާރު ސައުދީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ސައުދީގެ ރަތް ކަނޑު ސަރަހައްދުގައި އޮންނަ އުމްލުޖް ސިޓީގައި ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
މި އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު އަމީނެވެ. އަދި ސައުދީގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުގެ މިނިސްޓާ އޮފް ޓްރާންސްޕޯޓް ސާލޭ ބިން ނާސަރު އަލްޖަސަރެވެ.
މި ރަސްމިއްޔާތުގައި ސައުދީގެ ޖެނެރަލް ސިވިލް އޭވިއޭޝަނުގެ ރައީސް އަބްދުލް އަޒީޒް އަލް ދުޢައިލެޖް އަދި ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރެޓީގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
މިނިސްޓްރީން ބުނެފައި ވަނީ މި އެއްބަސްވުމަކީ ދިވެހިރާއްޖެއާއި ސައުދީއާ ދެމެދު މައިގެ ދަތުރުފަތުރުގެ ދާއިރާއާ ސީޕްލޭން އޮޕަރޭޝަންސް އަދި ވޯޓާ އެއަރޮޑްރޯމާއި ގުޅޭ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށް އެކުލަވާލައިފައިވާ ފަހުމުނާމާއެއް ކަމަށެވެ.
އަދި މިއީ ދިވެހިރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރެޓީއާއި ސައުދީ އަރަބިޔާއާގެ ޖެނެރަލް އޮތޯރެޓީ އޮފް ސިވިލް އޭވިއޭޝަނާއެކު ވެފައިވާ އެއްބަސްވުމެއްކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
މިނިސްޓްރީއިން ބުނީ މި އެމްއޯޔޫގެ ދަށުން އޭވިއޭޝަނުގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރުމަށް ދެ ގައުމުން އެއްބަސްވެފައި ވާކަމަށެވެެ.