ދިއްލީގެ ވައި ނުސާފުވެ ޕްރައިމަރީ ސްކޫލްތައް ބަންދުކޮށްފި

އިންޑިއާގެ ވެރިރަށް ދިއްލީގެ ވައި ނުސާފުވެފައި. ވައި ނުސާފުވުމުގެ ސަބަބުން ދިއްލީގެ ޕްރައިމަރީ ސްކޫލްތައް ވަނީ ބަންދުކޮށްފައި. ފޮޓޯ/އޭއެފްޕީ

ވައި ނުސާފުވުމުގެ ސަބަބުން އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ޕްރައިމަރީ ސްކޫލްތަކުގެ ކިޔެވުން ވަކި ގޮތެއް އަންގަންދެން ހުއްޓާލުމަށް އަންގައިފިއެވެ.

ސަރުކާރުން ވަނީ އެ ސިޓީގައި ކޮންމެހެން ބޭނުން ނުވާ އިމާރާތް ކުރުމުގެ މަސައްކަތް ކުރުން މަނާކޮށް، އެނޫންވެސް ވައި ނުސާފުވާފަދަ ކަންކަން ނުކުރުމަށް އަންގާފައެވެ.

އަދި ހުރިހާ ޕްރައިމަރީ ސްކޫލްތައް އޮންލައިން ކްލާސްތަކަށް ބަދަލުވާނެ، ކަމަށްވެސް ނިއުދިއްލީގެ ޗީފް މިނިސްޓަރު އަތީޝީ އެކްސްގައި އިއުލާން ކުރެއްވިއެވެ.

ފާއިތުވެދިޔަ ހަފުތާއިން ފެށިގެން އުތުރު އިންޑިއާގެ ވައި ނުސާފުވެފައިވާއިރު، ވިހަ ދުމުގެ ސަބަބުން އިންޑިއާގެ މަޝްހޫރު މޮނިއުމަންޓް ނިއުދިއްލީއާ ގާތްގަނޑަކަށް 220 ކިލޯމީޓަރު (136 މޭލު) ދުރުގައި ހުންނަ ތާޖް މަހަލްގެ އިތުރުން އަމްރިތުސާރުގެ ގޯލްޑަން ޓެމްޕަލްއަށްވެސް ވަނީ އަސަރުކޮށްފައި ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރެއެވެ.

ބުރާސްފަތި ދުވަހު ނިއުދިއްލީގެ ފްލައިޓްތަކަށް ވެސް ލަސްތަކެއް ކުރިމަތިވިއިރު، ޓްރެކިން ވެބްސައިޓް ފްލައިޓްޓްރާޑާ24 އިން ދައްކާ ގޮތުގައި ބުރާސްފަތި ދުވަހުގެ މެންދުރާ ހަމައަށް ފުރާ ފްލައިޓްތަކުގެ 88 ޕަސެންޓް އާއި ދިއްލީއަށް ޖައްސާ ފްލައިޓްތަކުގެ 54 ޕަސެންޓް ދަތުރުތައް ލަސްވެފައި ވަނީ ވައިނުސާފުވުމުގެ ސަބަބުންނެވެ.

ކުޑަކުދިން ނޭވާހިއްލުމާއި ނޭވާލާ ނިޒާމުގެ އެހެނިހެން ބަލިތަކުގެ ސަބަބުން ހޮސްލިޓަލުގައި ފަރުވާދީފައިވެސްވެއެވެ.

ދިއްލީގެ ފިނިހޫނުމިން ބުރާސްފަތި ދުވަހު ވަނީ 16.1 ޑިގްރީ ސެލްސިއަސްއަށް ވެއްޓިފައެވެ.

މީގެ އިތުރުން ޕާކިސްތާނުގެ އިރުމަތީ ޕްރޮވިންސް ޕަންޖާބުގެ ވެރިރަށް ލާހޯރުގައިވެސް ވަރަށް ބޮޑަށް ވައި ނުސާފުވެ، ދުނިޔޭގެ އެންމެ ތަޣައްޔަރު ސިޓީގެ ގޮތުގައި އެ ސިޓީ ވަނީ ރޭޓްކޮށްފައެވެ.

comment ކޮމެންޓް